English Edition
Dhivehi Edition

އެކުވެރި ރަޙްމަތްތެރިންތަކަކާއެކު ބޭރަށް ދިޔަތާ މިހާރު ކިހާ ދުވަހެއް ވެދާނެތޯއެވެ. އެކަމުގައި ބަހަނާ ނުދައްކާ އެއީ ތާވަލުގައި ހިމަނަން ޖެހޭ ބައެއްގެ ގޮތުގައި ބާއްވާލުން ރަނގަޅެވެ. ސައިންސްގެ ހޯދުންތައް ދައްކާ ގޮތުން ރައްޓެހިންނާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށް ލުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. ހީނ ސަމާސާ ކޮށް މަޖާ ކުރުމުގެ ވަގުތު ކޮޅަކާއެކު ލިބިގެން އެދަނީ ހަފްތާގެ ބާކީ އޮތް ހުރިހާ ދުވަހެއްގެ އުފާވެރިކަން ޙާސިލް ކުރުމުގެ ތަޅުދަނޑިއެވެ. އުފާވެރިކަމަކީ ދުޅަހެޔޮ ސިއްޙަތަކަށް އެންމެ ބޭނުންވާނެ ފަރުވާއެވެ.

 

އަންހެނުންނަކީ ގޭތެރޭގައި ޒިއްމާ ބޮޑު ބައެއް.

އަންހެނުން އަބަދާއި އަބަދު ގޭގައި އުޅެން ޖެހެނީ އެއްކަމެއް ކުރުމުގައެވެ. ގެއާއި ގޯތި ސާފު ކުރުމެވެ. ކައްކާފަ ކާން ދިނުމެވެ. އަންނައުނު ދޮވެ އިސްތިރި ކުރުމެވެ. ދަރިން ބެލުމުގެ ބުރަ މަސްއޫލިއްޔަތެވެ. ގޭގައި އާމްދަނީއެއް ހޯދާނަމަ ބުރަބޮޑު މަސައްކަތެއްގައެވެ. ގެއިން ބޭރުގައި ވަޒީފާ އަދާކުރާ ނަމަވެސް އޮފީހާއި ގޭގެ މަސްއޫލިއްޔަތުގެ ގިނަކަމުން ސިކުނޑި ފަޅައިގެން ދާ ހިސާބުގައެވެ.

ރަނގަޅު ހެޔޮ ރަޙްމަތްތެރިންގެ ބޭނުން ހިފަންވީ ދަނޑިވަޅަކީ މިއީއެވެ. ކުޑަވަރެއްގެ ” ގެޓްޓުގެދަރ ” އެއް ބާއްވާލައިގެން ނަމަވެސް ގެއިން ބޭރުގައި މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ. މާޒީގައި ހިނގާފައި ހުރި ކަންތައް ތަކުގެ ހަނދާން ތަކާއި ދިމާވި އެކި ކަހަލަ ކަންކަމުގެ ވާހަކަ އިން ވަގުތު ފުރާލާށެވެ. އެކަކު އަނެކަކުގެ ޙާލަތު އަހާ އޮޅުން ފިލުވުމާއެކު ކަންކަން ޙިއްސާ ކުރާށެވެ. އަންހެނުން އެންމެ ގަޔާވާ “ގޮސިޕް” މައުޟޫއަށް ވެސް ދެވިދާނެއެވެ.

ހީނސަމާސާ ކުރުމަކީ ދުޅަހެޔޮ ސިއްޙަތަށް އެންމެ ބޭނުންވާ ފަރުވާ!

އެކުގައި ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ހީނުކުރާ ކަހަލަ ކުރިއެރުމެއް ލިބިދާނެއެވެ. ހޯދުންތަކުން އެނގޭ ގޮތުގައި މިއީ އަވަހަށް ބަލިން ރަނގަޅުވެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެ ތިމާއަކީ ބައެއްގެ ޙިމާޔަތް އޮތް މީހެއް ކަމުގެ އިޙްސާސް ކުރެވުމާއެކު ޑިޕްރެޝަނާއި އެންޒައިޓީ ފަދަ ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ ކަމެކެވެ. ވީއިރު އެކުއެކީ ހީނލާ ،ޖޮގިންއަށްގޮސް،އެކަކު އަނެކެއްގެ ވާހަކަ އަޑުއަހާލާ، ޔޯގާ ނުވަތަ މޫދަށް ދިއުންފަދަ ކޮންމެވެސް ކަސްރަތެއް ފަށަންވީއެވެ.

މީހާއަށް އަށް އެންމެ ބޮޑު ފައިދާއެއް ކުރަނީވެސް ހެއްވާ މަޖާ ވާހަކަތަކާއި ޖޯކުތަކާއެކު ހީނ ސަކަރާތްޖެހުމުގެ ތެރެއިންނެވެ. އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ވަގުތުކޮޅެއްގެ ފުރުސަތު ނުލިބޭ ބަޔަކުވެސް އެބަތިބިކަން ފަހުގެ ސާވޭތަކުން ހާމަވެފައިވެއެވެ. ކޮންމެ 5 އަންހެނުންގެ ތެރެއިން ބޭރަށް ގޮސްލުމުގެ ނަސީބު ލިބެނީ އެވްރެޖް ގޮތެއްގައި ދެމީހަކަށް ކަމަށްވާއިރު ދަރިން ލިބުމުން މި އަދަދު އަދި މިއަށްވުރެވެސް މަދުވެއެވެ.

ބޭނުންވަނީ “ކުއަންޓިޓީ” އެއް ނޫން. ” ކޮލިޓީ ” ވަގުތުކޮޅެއް

ބޭރަށް ދިއުމަކީ ރަނގަޅު ކަމެއް ކަމަށް ދެކި އިރުއިރުކޮޅާ ބޭރަށް ދިއުމަކުން އަދި މިބޭނުންވާ ލަނޑުދަނޑި ޙާސިލެއް ނުވާނެއެވެ. އޭރުން ގޭތެރޭގެ ހަމަޖެހުމަށްވެސް ބުރޫއަރާނެ ކަން ދަނެ އެކަން ކޮންޓްރޯލް ކުރަންވާނެއެވެ. ބޭނުން ވަނީ ކޮންމެ ދުވަހަކު ބޭރަށް ދިއުމެއް ނޫނެވެ. ބޭނުންވަނީ ދޭތެރެއަކުން ބޭރަށް ޖައްސާލާ ، ކުރިއާލާ ރަނގަޅު ރޭވުންތެރި ކަމާއެކު އެވަގުތަކީ ކޮލިޓީ ވަގުތުކޮޅަކަށް ހެދުމެވެ.

ހަޔާތުގެ ނާ މިގަދަ ކަނޑުގައި ބައެއް ފަހަރު ފެތި އޮޔާ ގޮސް އަނެއްބައި ފަހަރު އަމާން އައްސޭރިއަކަށް ވާސިލްވެ އެފަދަ ގޮތަކަށް ދެއަތަށް ކިރެމުންދާއިރު ކޮންމެ ވާހަކައެއްވެސް ޙިއްސާ ކޮށްލެވޭފަދަ ގާތް އެކުވެރިންކޮޅެއް ކައިރީގައި ތިބުމަކީ ބުއްދިވެރިކަމެކެވެ. ވަރިކައިވެނީގެ ގިލަންތަކާއި ވަޒީފާގެ މާޙައުލުން ކުރިމަތިވާ ނޭއްގާނީ ޢަމަލުތަކާއި ތިމާ ލޯބިވާ މީހެއްގެ ނެތި ދިއުންފަދަ ވޭނީ ކޮންމެ އިޙުސާސެއް ހަމަމަގަށް އެޅުވުމުގައި މިދެންނެވި ރައްޓެހިންގެ އެހީތެރިކަން ލިބެއެވެ. ހަމަ އެހެންމެ ތިމާގެ ކިބައިގައިވާ އުނި ސިފަވެސް އިސްލާޙުކޮށްލާ ބަޔަކަށް އެމީހުން ވާއިރު ކާމިޔާބު އަންބެއް،ފުރިހަމަ މަންމައެއް،ލޯބިވެތި ދައްތައަކަށް ތިމާ ވުމުގައި އެމީހުންގެ އެހީ ކުލާހިކު މުހިއްމެވެ.

ބޭނުންވާފަދަ ރައްޓެހިން ހޯދިދާނެތަ؟

އާ ރައްޓެހިން ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމުގައި ލާން ޖެހެނީ ކުޑަކުޑަ ހިއްވަރެކެވެ. ފުރަތަމަވެސް ދާންވީ އެކުވެރިކަމަށް މަގުހުޅުވޭ ފަދަ ކަންތައް ތަކަކަށެވެ. ދަރިވަރުގެ ކްލާހުގެ ބެލެނިވެރިންނާއި ގުޅުންބަދަހި ކުރުމާއެކު ސްކޫލް ޕީޓީއޭ ގައި ހުރެވިދާނެއެވެ. ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅި އެފަރާތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވިދާނެއެވެ. ސެމިނާ، ވޯކްޝޮޕްފަދަ ކަންކަމުގެ ތެރެއިން ވެސް މަސައްކަތް ކުރެވިދާނެއެވެ. ރަށުގައި ހިންގޭ އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް އާރައްޓެހިންނާއި ދިމާވެ ގުޅުން ބަދަހި ވާކަމެކެވެ. އޭގެ ތެރެއިން ތިމާ ޝައުގުވެރިވާފަދަ މީހަކާއެކު އެކުވެރިކަން ދަމަހައްޓަން ބޭނުންނަމަ ކޮފީއަކަށް ނޫނީ ކެއުމަކަށް ދަޢުވަތު ދެވިދާނެއެވެ.

މިހެން އުޅޭ އުޅުމުގައި ވަރަށް ” ޕޮޒިޓިވް ” މީހެއްގެ ގޮތުގައި ހުރެވޭތޯ ބަލާށެވެ. ރަނގަޅު ރައްޓެއްސަކު ނުލިބުނޭ. އެންމެން ހަދަނީ އެއް ގޮތެކޭ، އެމީހުން ސަމާލު ކަމެއް ނުދެއޭ، އަޑެއްނާހައޭ ބުނުމުގެ ބަދަލުގައި ތިއީ ރައްޓެހިންނާއި ގުޅުން ބަދަހި ކުރާ އުފާވެރި މީހެއްކަމަށް ދެކޭށެވެ. ރައްޓެހިންގެ ތެރޭގައިވެސް ހުރިހާ ވައްތަރެއް އުޅޭނެކަން ދަނެ އެގޮތަށް ރުހެންވާނެއެވެ. ދިމާވާ ހުރިހާ ރައްޓެހިން އެއީ ތާއަބަދު އެގުޅުން ދަމަހައްޓާނެ ބައެއް ކަމަށްވެސް ދެކިގެން ނުވާނެއެވެ. އެކި ރައްޓެހިން ޝައުޤުވެރިވާނީވެސް އެކިކަންކަމަށެވެ.

އެހެންކަމުން އަވަހަށް ރައްޓެއްސަކަށް ގުޅާލާށެވެ. ކޮފީއަކަށް ގަޑިކިޔާށެވެ. އަލަށް ހުޅުވި ރެސްޓޯރެންޓްގެ އަޖުމަ ބަލާލަން ދާން ރާވާށެވެ. ރީތި ބީޗެއްގައި ހެނދުނުގެ ނާސްތާ ބާއްވާ ލެވޭތޯ ހިއްވަރުކޮށްލާށެވެ. ފުރަތަމަވެސް ތިއީ އުފާވެރިމީހަކަށް ވާށެވެ. އޭގެ ސަބަބުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ވެގެންދާނެއެވެ.