English Edition
Dhivehi Edition

އާއިލާ މީހެކޭ އެއްވަރަށް އެކުވެރިކަން ގާތްވަނީ ލޯމަރާލައިފައި ލޯ ހުޅުވާލާ އަވަހަކަށް އެ ފަސޭހަ ކަމާއި އެކުވެސް ނޫނެވެ. ގަހެއް ފަޅުވަން އޮށެއް އިންދާހާ އަވަހަށް ގަހުން މޭވާ ވެސް ނުލިބެއެވެ. ހަމަ އެހެންމެ އެ އެކުވެރިކަން ވަރުގަދަވެ ބިނާ ވަނީ ތިމާ އެކުވެރިޔާއަށް ދޭ ވަގުތާއި، އެމީހަކަށްޓަކައި ކޮންމެ ހާލެއްގައިވާ ގުރުބާނީ އާއި އެކުއެވެ. ކޮންމެ ހާލެއްގައިވެސް އެކުވެރިޔާ ހުރި ކަމުގެ އިޙްސާސް ތަކާއި އެކުއެވެ. ކޮފީ ތައްޓެއް ދީފައި ފަސް އެބުރި ގެއަށް ނުވަދެވެނީސް ނެތި މޮށޭނެ އެކުވެރިއެއް ޔަޤީނުންވެސް ބޭނުން ނުވާނެއެވެ.

އެކުވެރިޔާއެވެ! އެކަނިވެރިކަން އިޙްސާސް ކުރެވި ތިމާއަށް ހެޔޮ އެދޭ އެކުވެރި އެއް ނެތޭ ހީވާ ފަހަރު އައިސްދާނެއެވެ. އަމިއްލަ ނަފްސު ދެކެ ލޯބިވާށެެވެ. އެހެން މީހެއްގެ ފަރާތުން ތިބާ ފެންނަން ބޭނުންވާ މިޒާޖުގެ މީހަކަށް ތިބާވާށެވެ. އެ އެކުވެރިކަމަކަށް ތިބާ އެހެން މީހުން ފަރާތުން ބޭނުންވާ ފަދަ އެކުވެރިއަކަށެވެ. އެކުވެރިއެއް މަތިން ހަނދާންވުމުން އެކުވެރިޔާގެ ހާލު އިސްވެ ބަލާ އެކުވެރިއަކަށް ތިބާވާށެވެ. އެކުވެރިއަކާއި ބައްދަލު ނުކޮށް ގިނަ ދުވަސް ވުމުން އިސްވެ އެކުވެރިޔާ އާއި ބައްދަލު ކުރަން އެދޭ އެކުވެރި އަކަށް ތިބާވާށެވެ. އެކުވެރިޔާގެ ހާލު އަހައި އޯގާތެރި ކަމާއި އެކު ހެޔޮ ހިތުން ވާހަކަ އަޑުއަހާ އެކުވެރިއަކަށް ވާށެވެ. ވާހަކަ ހިއްސާ ކުރަން ޖެހިލުންވާ މީހަކަށް ހިއްސާ ކުރުމުގެ މުހިންމުކަން ބުނެދީ އޯގާތެރި ކަމާއި އަމާނާތްތެރި ކަމާއި އެކު ސިއްރު ހިފަހައްޓާ އެކުވެރިއަކަށް ތިބާ ވާށެވެ. ހެޔޮ ކަންކަމަށް ނަސޭހަތްދީ އަޅުކަމާއި ޒިކުރު ކުރުމަށް ބާރު އަޅާ އެކުވެރި އަކަށް ތިބާވާށެވެ. އެކުވެރިކަމުގައި މައްސަލަ ޖެހޭ ފަހަރުވެސް އަންނާނެއެވެ. ހިޔާލު ތަފާތުވާ ކަންކަންވެސް ދިމާވާނެއެވެ.މަސްލަހަތު އިސްކޮށް މައްސަލަ ހައްލު ކުރާ އެކުވެރިއަކަށް ތިބާވާށެވެ. ނެތި މޮށުމަކީ ގިނަ ބައެއްގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. ތިބާއަކީ މީހުން ނެތްތާ އެމީހުންގެ ވާހަކަ ދައްކަން ފުރުސަތު ނުދޭނެ އެކުވެރި އަކަށް ވާށެވެ. އެކުވެރިކަމަކީ އަގު ވަޒަން ކުރަން ޖެހޭކަމެކެވެ. އެ އެކުވެރިއެއްގެ އަގު ވަޒަން ކުރެވޭ ވަރު އޯގާތެރި އެކުވެރި އަކަށް ތިބާވާށެވެ.

އެކުވެރިއާއެވެ! ނަފްސާނީ މައްސަލަ ތަކަކީ ކޮންމެ މީހަކަށްވެސް ކުރިމަތި ވެދާނެ ކަމެކެވެ.ވިޔާނުދާ މަގަކުން ކޮންމެ މީހަކަށްވެސް ހިނގި ދާނެއެވެ. ތިބާ ތީ ބަދުބަސް ބުނެ ދެން ހުންނަ މީހާ ބާކީ ކުރާ އެކުވެރި އަކަށް ނުވާށެވެ. ތިބާ ތީ އެކުވެރިކަން ދަމަހައްޓަން ހެޔޮ ނުބައި ކިޔައިދީ ނަފްސާނީ މައްސަލަ ތަކުން އެކުވެރިޔާ އަރައިގަންނަން ހުރި ހިތްވަރަކަށްވާށެވެ. ތިބާތީ އެކުވެރިޔާ އަށް ލިބޭ އުފަާ ތަކަށް އެކުވެރިޔާ އަށްވުރެ ބޮޑަށް އުފާވާ އެކުވެރިއަކަށް ވާށެވެ. ހިތާމަވެރި، ދަތި ހާލަތްތަކުގައި މުލައްދަނޑީގައި ހުރި ބާރަކުން އަތުގައި ހިފާ އެކުވެރި އަކަށް ތިބާ ވާށެވެ.

އާއެކެވެ! ހަޔާތުގެ ދަތުރުގައި ތިމާގެ ވަގުތާއި ބުންވަރު ބޭކާރު ކުރަން އެބަޔަކަށް ނޭދޭ އެތައް ބައެއް ތިބެދާނެއެވެ. ތިބާގެ އެކުވެރިކަމުން ނާޖައިޒް ފައިދާ ނަގާ މީހުންވެސް ތިބެދާނެއެވެ. ތިބާއަށް އެއީ ކޮންބައެއްކަން އިޙްސާސްވެސް ވާނެއެވެ. އެކުގައިި ގުޅުން ކަނޑައިނުލާ އެބަޔަކާއި ދުުރުވެލާށެވެ. އެބައެއްގެ ވާހަކަ ނުދައްކާ ހަނުހުންނާށެވެ. ތިބާ އެބަޔަކަށް ކޮށްދިން ހެޔޮ ކަންތައްތަކުގެ އުފަލާއި އެކުއެވެ. ތީ ބަޔާން ކުރެވުނުފަދަ އެކުވެރިއެއް ނަމަ ތިބާ އާއި އެއް ހަމައަކަށް ލަދުވެތި މޫނަކާއި އެކު ތިބާގެ ނާޖައިޒް ފައިދާ ނެގި އެކުވެރިން އަންނާނެއެވެ. ހިނިތުން ވެލުމާއި އެކު މުއާމަލާތް ކުރާށެވެ.

މިޒަމާނަކީ ތިބާގެ ވަށާ މާހައުލުގައި ވަރަށް ގިނަ މީހުން އުޅޭ ޒަމާނެކެވެ. ނަމަވެސް އެކަނިވާ ހިނދު އެކުވެރިއެއް ނެތޭ ހީވާ އެތައް ބައެއް އެބަ އުޅެއެވެ. ކީއްވެހެއްޔެވެ؟ އެކުވެރިކަމުގެ ގުޅުން ވަރުގަދަ ނޫންވީމައެވެ. ތިމާގެ އިޙްސާސްތައް ބަޔާން ކުރެވޭ ވަރު ގާތް އެކުވެރިކަމެއް ނެތުނީމައެވެ. މިކަން ހައްލު ކުރާނީ ކިހިނެތް ހެއްޔެވެ؟ ހައްލު ވާނީ މިބުނިފަދަ އެކުވެރިއަކަށް ތިބާ ވެގެންނެވެ. މިކަން ހައްލު ކުރާނެ ކޮންމެ ވެސް މީހެއްގެ ތެރޭގައި ތިބާ ވާށެވެ. އެކުވެރިޔަކަށް ގުޅާލާ ހާލު ބަލާލާ ހަދަން ފަށާށެވެ. އެކުވެރިކަމުގެ ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރާށެވެ. ތިބާއަށް ރަނގަޅު ތިބާގެ އެކުވެރިން ތިބާއަށް ފެންނާނެއެވެ. އެ އެކުވެރިއެއް ކުރާ ކަންކަމުގައި ތިބާ ޝާމިލް ކުރާ، ހިތުގެ ފުންމިނުން ލޯބިވާ އެކުވެރިން ތިބާއަށް ފެންނާނެއެވެ.

އެކުވެރިކަމަކީ ގަދަ ފަދަ ބާރެކެވެ. ތިބާ އެބައެއް ފަރާތުން ބޭނުންވާ ފަދަ އެކުވެރިކަމެއް ބަހައްޓާ އެކުވެރި އަކަށް ތިބާ ވާށެވެ. ހިތްހަމަޖެހޭނެ އެވެ. އުފާވާނެއެވެ.