“ނޮކް ވުމުން ރިވައިވް ކޮށްދިން މީހާ ހަނދާން ނައްތާ ނުލާށޭ ” މިބުނެވުނީ އެ ގޭމެއް ކުޅުމަށް ދެވިހިފާފައި ތިބި އެތައް ބަޔަކަށްވެސް މަޢުޟޫއުގެ މުހިންމުކަންް އެނގޭނެ އުސޫލުން ބުނެދިނުމަށެވެ.
ފޯރީގައި ގިނަ ދިވެހިންވެސް ކުޅެމުން އަންނަ ޕަބްޖީ ގޭމްގައިވެސް ދުޝްމިނަކަށް ފެނި ޖަހާ ފުރަތަމަ ބަޑިން ތިބާ މަރެއް ނުވެއެވެ. ވަޒަނާ އެކު ވެއްޓެނީ ބިމަށެވެ. އުންމީދަކާއި އެކު ސަލާމަތްވުމަށް އެދި ގޮވައެވެ. ދުޝްމިނާ އައިސް އިތުރަށް ތިބާގެ ގަޔަށް ބަޑި ޖަހައި މަރައި ނުލަނީސް ގޭމް ޕާރޓްނަރއަށް ތިބާ ސަލާމަތް ކުރަން ލިބެނީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ކުޑަ ވަގުތު ކޮޅެކެވެ.
ތިބާ އާއިއެކު ޗިކަން ޑިނަރއެއް ނެގުމަށް ގޭމް ކުޅެން އަރަނީ އެކުވެރި ޓީމް އެކަންޏެއް ނޫނެވެ. ބޭރު ޤައުމު ތަކުގެ ނުދަންނަ މީހުންވެސް ގޭމް ޕާރޓްނަަރުންނަށް ތިބެއެވެ. ގަޔަށް އަރާފާނެ ވަޒަނަކަށް ނުބަލާ ސަލާމަތް ކުރަން ވިސްނުންތެރި ކަމާއި އެކު ދުވަނީ މަދު ޕާރޓްނަރެކެވެ. ދުޝްމިނުންގެ އަމާޒަކަށް ޕާރޓްނަރ ވެދާނެކަމަށްހީކޮށް ތިބާ މަރުވަންދެން ގަހެއްގެ ނިވަލުގައި ފިލާ ތިބޭ ޕާރޓްނަރުން ގޭމް ތެރެއިންވެސް ފެންނާނެއެވެ. ތިބާ ނޮކްވީ މާ ދުރަށޭ ހީވެ ސަލާމަތް ކުރަން ކައިރިއަށް ނުދެވި އަމިއްލަ މަންޒިލަށް ދުއްވައި ގަނެއެވެ.
މިކިޔައިދިން ގޮތާއި ޚިލާފަށް ، ތިބާ ނޮކްވުމާއިއެކު ދުވަމުން ދިޔަ މިސްރާބުބަދަލުކޮށް ކައިރިއަށް އަންނަ ގޭމް ޕާރޓްނަރުންނަށް ބަލަމާ ހިންގަވާށެވެ. ދުޝްމިނުންނާއި ރެކެމުން ކައިރިއަށް އަންނަން ގޮވަމުން އޭނާ އެވަގުުތު ކޮޅުގައި ދުވެފައި އާދެއެވެ. ރިވައިވް ކޮށްދޭ ވަގުތުވެސް ދުޝްމިނަކު ޕާރޓްނަރ މަރާލާނެ ކަން އެނގިހުރެ ސަލާމަތް ކުރަން މަސައްކަތް ކުރެއެވެ. އެވަގުތުގެ ނާޒުކުކަން ގޭމް ކުޅޭ މީހުންނަށް އެނގޭނެއެވެ. ރިވައިވްވެ އަނެެއްކާވެސް، ނޮކްވާ ހިސާބުގައި ހުރުމުން ޕާރޓްނަރ ހެލްތު ދަށްކޮށް ހުއްޓަސް ދަބަހުން ހެލްތު ކިޓެއް ނަގާފައި ފޯރުކޮށް ދެއެވެ. ހެލްތު ކިޓް އަޅަންދެން ރައްކާތެރިކަންވެސް ދެމުންނެވެ. ދުޝްމިނުންނަށް ފާރަވެރިވަމުންނެވެ. ރިވައިވް ކުރުމަށްފަހު ވެސް އެ ޕާރޓްނަރ ދުރަށް ދޭހެއްޔެވެ! ނޫނެކެވެ! ކުރިއަށްވުރެ ބޮޑަށް ޓީމް ވޯކް ވަރުގަދަ ކުރުމަށް ވާހަކަ ދައްކައެވެ. ހަޅޭއްލަވައެވެ. އެކަނި ކޮޓަރީ އޮވެ ގޭމް ކުޅެމުން ބްރޯ އެބައާދެއޭ މިކޮޅަށް ޖެހޭށޭ ގޮވާއަޑާއި އެކު ގޭމް ނުކުޅޭ މީހުން ގޭތެރޭ ތިބެ ރުޅިގަދަ ވާ ހިސާބަށްވެސް ގޭމް ތެރޭގައި ޕާރޓްނަރ ރައްކާތެރި ކުރުމަށް ގޮވައެވެ. ނޮކްވިޔަ ނުދިނުމަށެވެ. ދުޝްމިނުންނަށް އިތުރަށް ފާރަވެރި ވުމަށް ގޮވަމުންނެވެ. އެކުގައި މަންޒިލަަށް ދިޔުމަށެވެ. ގޭމް ޕާރޓްނަރ ނޭގުނު ކަމުގައިވިޔަސް ނާޒުކު ވަގުތަކުން ތިބާ ނަގައިގަނެ ދިން ރައްކާތެރިކަމާއި އެކު ޕާރޓްނަރަށް އިތުބާރު ކުރެވެއެވެ. ދުޝްމިނުން ކިބައިން ސަލާމަތްވުމަށް ދޭ އިރުޝާދުތަކަށް ބޯލަނބައެވެ. ރިވައިވް ކޮށްދިނުމުން ދިން އިޙްތިރާމާއެކުއެވެ.
ގޭމުން ބޭރުވެ ދިރިއުޅުމަށް ބަލަމާ ހިންގަވާށެވެ. އާއެކެވެ! ނޮކް ވީމާ ރިވައިވް ކޮށްދިން މީހާ ހަނދާން ނައްތާ ނުލާށޭ މިބުނެވޭ ބަހުގެ މާނައަކީ ހާލުގައި ޖެހުނު ދުވަހު ނުވަތަ އެންމެ ބޭނުންވި ދުވަހު އެހީވި މީހާ މަތިން ހަނދާން ނައްތާނުލުމަށެވެ. ހިނިތުން ވުމާއި އެކު ގަދަ ފަދަ ކަންމަތީ އުޅޭއިރު ގިނަފަހަރު ތިއީ އެހެން މީހުންގެ މަދަދަށް އެދެން ޖެހޭ މީހެއް ނޫނެވެ. ގަދަފަދަ ކަންމަތީ އުޅޭނެއެވެ. ހިތްހަމަ ޖެހުމާއި އެކުއެވެ. އެކުވެރިންވެސް އުޅޭނެއެވެ. ހިނިތުން ވުމާއިއެކު މަޖަލުގައެވެ.
މީހަކަށް އެހެން މީހެއްގެ މަދަދު ބޭނުންވާ ދަނޑިވަޅު ކޮބާ ހެއްޔެވެ؟ ދިރިއުޅުމުގައި އަޑި ގަނޑެއް ކުރިމަތިވާ ހިސާބެވެ. ވަޒީފާ ނެތޭ ހިސާބެވެ. ބަލިކަމެއް ކުރިމަތިވާ ހިސާބެވެ. މިއިން ކޮންމެ ކަމަކީވެސް ނަފްސާނީ ދުޅަހެޔޮ ކަމުގައި ކިތަންމެ ވަރުގަދަ މީހަކުވެސް ބަލިކަށިވެ މާޔޫސްކަން އަންނާނެ ކަމެކެވެ. ނަމަވެސް މިދަނޑިވަޅު އެކުގައި ހުންނާނީ ވަރަށް މަދު މީހެކެވެ. ކީއްވެހެއްޔެވެ؟ އޭރު ސަކަރާތްޖަހާ މަޖާ ކުރި ރައްޓެހިންގެ ހަޔާތް ކުރިން ބުރަވިޔަސް އެމީހުން ބައްދަލު ކުރަމުންއައީ ހަމަޖެހިލުމަށެވެ. މިހާރު ތިބާގެ ވާހަކަ އަޑުއަހައިގެން އިތުރު ބުރައެއް ސިކުނޑިއަށް ދޭން ބޭނުން ނުވަނީއެވެ. އެ ބުރަ ކަންމަތީ މީހަކު ވެއްޓިފައި އޮތަސް ނަގައިދޭނެ ވަގުތުވެސް ނުވަނީއެވެ. ދިމާވީމަައި އޯކޭ ވެދާނެޔޭ ބުނެ ހަމަޖެހިލުމަށް ބުނެދާނެއެވެ. ވަޒީފާއެއް ނެތި ހުރެއްޖެނަމަ ދެން ކީއްކުރާނީ ދޯ އޭ ބުނެ ވަޒީފާއެއް ލިބިދާނެއޭ ބުނާނެއެވެ. ބަލިކަމެއްގައި ވާނަމަ އަވަސް ޝިފާ އަކަށް އެދި މެސެޖެއް ކޮށްލައި ނިންމާލައެވެ. ހުރިހާވެސް އެއްޗަކީ ވަގުތެވެ. އަނެކާއަށް ޓަކައި އެވަގުތު ހުސްކޮށް އޭނާ ވެއްޓިފައިވަނިކޮށް ނަގައިދޭނީ އޭނާ އާއި މެދު ވިސްނާ މީހެކެވެ. ގިނަފަހަރު އެމީހާ ވަނީ މާބޮޑު ގުޅުމެއް ނެތް މީހަކަށެވެ. ދުރުތާ ރައްޓެއްސަކަށެވެ. ދުވަހުގެ 24 ގަޑިއިރު އެމީހާވެސް ބުރަވާނެއެވެ. މަސައްކަތްތައް އިންތިހާއަށް ހުންނާނެއެވެ. ނަމަވެސް ހާލު ބަލައި ހިތްވަރު ދޭން ވަގުުތު ހޯދައެވެ. އެއީ އަގު ނުކުރެވޭނެ ވަގުތެކެވެ. ވެއްޓިފައިވާ އަޑިގަނޑުން އަރައިގަތުމަށް މަސައްކަތް ކޮށްދެެއެވެ. ހާލަަތު ބަދަލުވެދެއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަބަދުވެސް އާދެއޭ ބުނެއެވެ.އެއީ ޔަޤީންކަމެކެވެ. އަޑިގަނޑަކަށް ފަހު އަރާ އުސްގަނޑުގައި ވަގުތުދީ ނޮކްވީމައި ރިވައިވް ކޮށްދިން މީހާ ހަނދާން ނައްތާ ނުލާށެވެ! އެމީހާ އެދިން ވަޤުތަށް އަބަދުވެސް އެމީހާއަށް އިޙްތިރާމް ކުރާށެވެ ! ތިބާ ދެއަތް އުފުލާ ކުރާ ދުޢާ ތަކުގައި އެމީހާ އަބަދުވެސް ޝާމިލް ކުރާށެވެ!