English Edition
Dhivehi Edition

ފެންނަމުން ދިޔައީ ފެއްސާއި ރަތާއި ހުދުގެ ބޮޑު ދިދަ ވިހުރެމުން ނަށަމުން ދިޔަ މަންޒަރެވެ. އެދިދައިގެ ހިޔަލުގައި ދިވެހިންގެ އެކިފަންތީގެ މީހުން ކުރަމުން ދިޔަ އިންތިޒާރަށް ނިމުން އައި ހިނދުކޮޅަކީ ދިވެހިންގެ ނާރުތަކުގައި ހިމޭން ފަތިހަކަށް އަލިވިލުނު ކަމުގެ އުންމީދީ ޖަޒްބާތުތަކެއް އުފެދުނު ވަގުތެކެވެ.

ދުވަހަކީ 2023 ނޮވެންބަރ 17 ވީ ހުކުރު ދުވަހެވެ. ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާގެ 8 ވަނަ ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ ރައީސްކަމުގެ ހުވާ،އުޑުހާމަތަނުގައި ހުންނަވައިގެން ކުރެއްވި ދުވަހެވެ. ރާއްޖޭގެ ފަސްގަނޑަށް އުފަން ދިވެހި މުވާޠިނުންނާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް ބައެއްގެ ނަޒަރު މާލޭގެ ޖުމްހޫރީ މައިދާނަށް ހުއްޓުނު ތާރީޚީ އެ ދުވަހު ދިވެހިން ދައްކައިދިނީ ހިތްއުފާވާފަދަ މިސާލެކެވެ. ރަސްމިއްޔާތު އޮތް މާލަމުން ރާއްޖޭގެ ވަލިއްޔުލްއަމުރުގެ ގޮތުގައި އެވަގުތާއި ހަމަޔަށް ހުންނެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ފެނިގެން ދިއުމަކީ ގިނަ ބައެއްގެ ހިތަށް ލިބުނު ތަޞައްލީއަކަށް ފުދުނެވެ.

ދެން ވެސް ފެނުނީ ހަމަ އެފަދަ އެތައް ބޭފުޅުންތަކެކެވެ. ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބި ކަނބަލުންނެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ކުރީގެ ކެބިނެޓް ތަކުގެ ބޭފުޅުންނެވެ. ޕޯޑިއަމްތަކާއި މާލަމްތަކުގައި ކަނޑިއާއި ކަނޑި ފަދައިން އަރައިރުން ވުމުގައި އަރާ ތިއްބެވި ސިޔާސީ މުފައްކިރުންނެވެ. 4000 އަށް ވުރެ ގިނަބޭފުޅުން ޖަމާވި އެ މައިދާނުގައި ބަޔަކުތިބިހެންވެސް ހީނުވާވަރަށް މާޙައުލު އަމާންވެފައި ކިތަންމެހާވެސް ހަމަހިމޭނެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު/ފޮޓޯ ރައީސްއޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު ޙުސައިން ޢަބްދުއްލަޠީފު ހުވާ ކުރެއްވުމުގެ އެ ރަސްމިއްޔާތަށް ފުންނަޒަރެއް ދީފިނަމަ ކަންކަން ބަދަލުވާ ހަލުވިމިން ވަޒަން ކުރެވޭނެއެވެ. ރައީސް މުޢިއްޒުގެ ރިޔާސީ ރޭހުގައި އެމަނިކުފާނާއި އެންމެ ބޮޑަށް ވާދަކުރެއްވި ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓެވެ. އޭގެތެރެއިން ރައީސް އިބޫ އެހުންނެވީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެން ވެރިކަމުން ވަކިވެވަޑައިގެންފައެވެ. ދެން ހުންނެވީ އެމަނިކުފާނުގެ ރަނިންމޭޓެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އެރަސްމިއްޔާތުގެ ރިޔާސަތުގައި އިންނެވީ މިދެންނެވި ރިޔާސީރޭހުން ނާކާމިޔާބުވެވަޑައިގެންނެވި ރަނިންމޭޓެވެ. އެހެންނަމަވެސް މިއަދު އެމަނިކުފާނުގެ ޙައިޘިއްޔަތު އެވަނީ ބަދަލުވެފައެވެ. މުޙައްމަދު އަސްލަމަކީ މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު/ފޮޓޯ ރައީސްއޮފީސް

ރާއްޖޭގެ ސިޔާސީ މަސްރަޙަކީ ހުރިހާ ދިވެހިން އެހާ ގަޔާވާ މަސްރަޙެކޭ ނުދެންނެވޭނެއެވެ. ބައެއް މީހުންނަށް އެއީ ބޮލު ރިހުމަކަށް ވެފައި ވެއެވެ. ޢާއިލާތަކާއި ރަށްތައް ބައިބައިވުމުގެ އަސްލަކީ އެއީ ކަމަށް ގަބޫލުކުރާ ބަޔަކު ތިބިއިރު ، ދިވެހި ޤައުމަށް އިޞްލާޙީ ގިނަގުނަ ބަދަލުތަކެއް އައީ ސިޔާސީ ހަލަބޮލި ކަމާއި އަޑު އުފުލުމުގެ ތެރެއިން ނޭ ބުނާމީހުންވެސް މަދެއްނުވާނެއެވެ. އެހެން އެކަން އޮތުމުން ސިޔާސަވުމަށް ހުޅުވިފައިވާ ޖާގައިގައި ރުހިގެން ތިބުންމީ މިއަދު އާދައަކަށް ވެއްޖެއެވެ. ނަމަވެސް ތިބީ، ތުން ފިއްތައިގެންނެވެ. ކުދި ކިޔަމުންނެވެ. ހިތާއި ހިތުން މިނޫން ދުވަހެއް ދައްކަވާތޯއެދި ދުޢާ ކުރާ ޙާލުގައެވެ.

ކަން އެހެން އޮތުމަށްފަހު އިއްޔެ ހަވީރު ދިވެހި ޖައްވު ގުގުމާލީ މިބިމާއި މިބިމުގެ ދަރީން އެމީހުންގެ އަސްލު ވަޒަނަށް ރުޖޫޢަ ކޮށްދިނުމަށް ރައީސް މުޢިއްޒުއާއި އެމަނިކުފާނުގެ ބައިވެރިން ފެއްޓެވި ނިޔާމަ ދަތުރުފުޅުގެ ހަރު އަޑާއެކުއެވެ. 5 އަހަރުގެ ދިގުރާސްތާ ކަޑައްތު ކުރުމަށްފަހު ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ރިޔާ ކޮށާލައި އެޢަޒުމުގައި ހިތު ވިންދު ޖަހަންފެށިއިރު ތިއްބެވި މައިދާން މުޢިއްޒު ސިފަކުރެއްވީ އެއީ ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާނެއް ކަމަށެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު/ފޮޓޯ ރައީސްއޮފީސް

އެމޭރުމުން ރިޔާސީ ބަޔާން ފައްޓަވަމުން ޑރ. މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ވިދާޅުވެ ދެއްވީ ޢުމްރާނީ ބިނާ ކުރުމާއި އިންސާނީ ބިނާ ކުރުން ތަރައްޤީ ކުރައްވާނެ ގޮތްތަކެވެ. ދިފާޢީ ބުރުޒުތަކާއި މަގުފާލަންތަކާއި ހެޔޮވިސްނޭ ސިކުނޑިތަކެއް ފަރުމާ ކުރައްވާނެ ގޮތްތަކެވެ. ކުއްލި އަވަސްފަރުވާ ބޭނުންވެފައިއޮތް ޤައުމުގެ އިޤްތިޞާދު ނަގަހައްޓައި ކޮޅައްޖަހާނެ ކަމުގެ ފެހި ސިގްނަލްތަކެވެ. ދިވެހިންގެ ރަން ފަރުބަދަ ކަމަށްވާ ހުދު ދޮންވެލީގެ ތުނޑިން ލިބޭ ނަފާ ދިވެހި ޢާއިލާތަކަށް ފޯރާނެ ގޮތްތަކެކެވެ. ރާއްޖޭގައި އޮތް އެންމެ ޙައްސާސީ އެއް މައްސަލަކަމަށްވާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނަކަށް ވާޞިލުކޮށްދިނުމެވެ. މިއާއެކު ސަރަޙައްދީ ތަރައްޤީގެ ތަނަވަސް ވިސްނުމާއެކު ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުގައި ޙަގީގީ ކުލަ ޖެހިގެންދާނެ ފަދަ ދުރު ރާސްތާގެ އަމާޒެއް އެކަށައެޅުމާއި ދިވެހި މަސައްކަތްތެރިޔާއަށް ޒަމާނީ އާރާއި ބާރު ހޯދައިދިނުން ހިމެނެއެވެ. ޢިލްމީ ޖީލަކަށް ބޭނުންވާނެ އެންމެހާ ކަންކަން ފަހިކޮށްދިނުމާއި ދިވެހިންގެ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމުގެ އިތުރުން ވަރި ހެޔޮ ގަހަކަށް ޢިލްމީ ކޮންމެ މީހަކު ވުމަށް ކުރެއްވި އިލްތިމާސެވެ. ދިވެހި ކަނބަލުންނާއި ޒުވާނުންނަކީ “ކްރިއޭޓަރ އިކޮނޮމީ”ގެ މަހުޖަނުންނަށް ހެއްދެވުމުގެ ވަޢުދެވެ. އިސް ރައްވެހިންނާއި ކަވާސާ ސަރުކާރެއް ގެންނެވުމުގެ ޢިޝާރާތެވެ. ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަންމަވާނެ ވެރިއެއްގެ ގޮތުގައި ހުންނަވައިގެން ލިސްޓުގެ އެއްވަނައިގައި ދިވެހިން ބައިތިއްބަވާނެ ކަމުގެ ވަޢުދެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު/ފޮޓޯ ރައީސްއޮފީސް

ރައީސްގެ ވަޢުދުފުޅުތަކަށް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާ ކުރެއްވުމުގެ ވަޢުދެއް އިތުރު ކުރެއްވި މަތިވެރި މަޤްޞަދަށް އެކަނި ބައްލަވާ ލައްވައިފި ނަމަ ވެސް ދިވެހިން އުފަލުން ރޮއްވާލައެވެ.

ރައީސްގެ މި ޖުމްލަތަކަކީ އަދިމާއުފާވެރި އިޙުސާސްތަކެއް ގެނެސްދޭ ޖުމްލަތަކެކެވެ.

” އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ. މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދުތައް ފުއްދާނަން. ހީލަތްތެރިއެއް ނުވާނެ! އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ! ގުޅުންތައް ދަމަހައްޓާށޭ! ލޯތްބާއި އިޙްތިރާމާއެކު، އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ! ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމަޢެއް ބިނާކުރާށޭ!”

ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ދެން އެންމެ އަޅައިގަތީ ޖުމްހޫރީ މައިދާނުގައި މިނިވަންކަމާއެކު ވިހުރުވެމުން ދިޔަ ޤައުމީ ދިވެހި ދިދައަށް މުޚާޠަބު ކުރައްވާ ވިދާޅުވި ބަސްފުޅުތަކެވެ.

” އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!”

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގެ ރަސްމަތިފުށުން ދިވެހިންގެ ޝެހެންޝާހުގެ މަތިވެރި މަޤާމުގައި ތަޚުތުވެ ވަޑައިގެންނެވި ރައީސް ޑޮކްޓަރ މުޢިއްޒު، ހާ އަލިފުން ފެށިގެން އައްޑުއާއި ހަމަޔަށް އެމަނިކުފާނުގެ މަގުޗާޓު ކުރައްސަވައި ދައްކަވައިގެން ދިވެހިންގެ އުންމީދީ ވެރިއަކަށް ވެވަޑައިގެންފިއެވެ. އެ ހުޅުކޮޅު ކަނި ނުކޮށް ފަނޑުވެސް ނުކޮށް ގަދަ އަލިން ދިއްލާލެވިއްޖެނަމަ ދިވެހިން އެދޭ ރާއްޖެއަށް ވާސިލުވުމުގައި ކުޑަނަމަވެސް ހުރަހެއް ނެތެވެ.