English Edition
Dhivehi Edition

ދިވެހި ރެޑްކުރެސެންޓުގެ ގއ.ބުރާންޗުން މިވަގުތު މޮނިޓެރިންގެ ޙާލަތުގައި އޮތް ގއ.ދާންދޫއަށް ވެސް ކޮވިޑުން ރައްކާތރިވުމަށް ބޭނުންކުރާ ސާމާން ފޮނުވައިފިއެވެ.

ރެޑްކުރެސެންޓް ގއ.ބުރާންޗްގެ ޗެއަރ ޕާރސަން ހަސަން ދީދީ (މިޒުމާދު) “އޭއޯ ނިއުސް” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކޮވިޑް ކޭސްތައް ގއ. ދާންދޫގައި އިތުރުވަމުން ދާތީ ރެޑްކުރެސެންޓުން އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ކޮވިޑް އަށް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާން މިއަދު ދާންދޫއަށް ފޮނުވައިފައިވާ ކަމަށެވެ. މި ގޮތުން 200 ފޭސް ޝިއަލްޑް، 50 ކޭއެން95 މާސްކް، އަދި 1000 ސާރޖިކަލް މާސްކް މިއަދު މެންދުރު ވަގުތެއްގައި ފޮނުވައިފައިވާ ކަމަށް މިޒުމާދު ވިދާޅުވިއެވެ.

ރެޑްކުރެސެންޓް ގއ.ބުރާންޗްއިން ވަނީ ގއ. ދެއްވަދޫ އަށް ވެސް މި މަހު 12 ވަނަ ދުވަހު މި ތަކެތި ފޯރުކޮށްދީފައެވެ. ގއ. ބުރާންޗްއިން ގއ. އަތޮޅުގެ ރަށް ތަކަށް އެކި ގޮތް ގޮތުން އެހީ ތެރިކަން އެންމެ ގާތުން ފޯރުކޮށްދެމުން ދާ ކަން ފާހަގަ ކޮށްލެވެ.

ގއ. ދާންދޫއިން ޕޮޒިޓިވް ވި މީހުންގެ އަދަދު މި ހާތަނަށް 12 އަށް އަރާފައިވާއިރު ގއ. ވިލިނގިލިން ވެސް ވަނީ 2 ދަރިވަރަކު ޕޮޒިޓިވްވެފައެވެ. މި ހުރިހާ ކޭސް ތަކަކީ ވެސް ދެއްވަދޫ ކުލާސްޓަރ އާ ގުޅުން ހުރި ކޭސްތަކެވެ. ގއ. ދާންދޫ އަދި ގއ. ދެއްވަދޫ ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.