މީދޫ އެކުވެރިންގެ ޗޭނު (އެމްއީސީ) އާއި މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރުސީ) ގުޅިގެން މީދޫގައި މަދިރި މަދުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއީސީގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މަދިރި އާލާވާތަންތަން ހޯދައި ބަލައި އެތަންތަން ނައްތާލުމަށް މަސައްކަތް ކުރުމާއި އެފަދަ ތަންތަނާ ބެހޭގޮތުން އާންމުންނަށް މައުލޫމާތު ދިނުން ހިމެނެއެވެ.
އޮކްޓޯބަރ 7 އިން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މި ޓީމުން ވަނީ މީދޫގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރުމަށް ހަމަޖައްސާފައެވެ. މިގޮތުން ކުރާ ޒިޔާރަތުގައި ގޭގޭގައި ހުރި އެފަދަ ތަންތަން ބަލައި އެކަމަށް ހޯދޭނެ ހައްލަކީ ކޮބައިކަމާމެދު ގޭގެ މީހުންނަށް މައުލޫމާތު ދީ އަދި ފޮލޯއަޕެއްގެ ގޮތުން ދެވަނަ ފަހަރަށް އެގެއަކަށް ޒިޔާރަތްކޮށް އެކަންތައްތައްހައްލުވޭތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
އެމްއީސީން ބުނީ މަދިރި އާލާވާތަންތަން ނައްތާލުމަށް ކުރިއަށް ގެންދާ މި ހަރަކާތުގައި ބައެއް ސަރަހައްދުތަކަށް ފޮގް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތުގެ ދަށުން ވަނީ އެކި ގޭގެއަށް ޒިޔާރަތްކޮށް މަދިރި އާލާވާ ތަންތަން ބަލައި ޗެކް ކުރުމަށްފަހު މި ކަންކަން ހައްލުކުރާނެ ގޮތާއި މެދު ރަށުގެ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.
މި ޕްރޮގްރާމުގައި މީދޫގެ ގިނަ ޒުވާނުންތަކެއް އަމަލީ ގޮތުން ބައިވެރިވާ ކަމީ މި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ލިބިދޭ އިތުރު ހިތްވަރެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހަމަ މިއާއެކު އެމްއީސީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވަމުން ގެންދާ ޕްރޮގްރާމުތަކަށް މީދޫގެ ރައްޔިތުންގެ އެއްބާރުލުން ލިބޭތީ އެޖަމިއްޔާއިން ވަނީ މީދޫގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.