English Edition
Dhivehi Edition
އައިޔޫއެމް އިން މީގެ ކުރިން ބޭއްވި ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އައްޑޫ ސީޓީ މީދޫގައި ހުޅުވުމަށް ތައްޔާރުވަމުންދާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޔުނިވާސިޓީން ބުނީ، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްގެ ކޯސްތަކަށް މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިމަތިލެވޭނެ ކަމަށާއި ފެބްރުއަރީ މަހުގެ ކުރީ ކޮޅު ކޯސްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މި އަހަރުގެ ފުރަތަމަ އިންޓޭކް ގައި 12 ކޯހެއް ފެށުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ޝަރީޢާ އެންޑް ލޯ އާއި އިންގްލިޝް ފޯ ޓްރެވެލް އެންޑް ޓޫރިޒަމް އާއި ބޭސިކް އިންގްލިޝް އާއި، އަރަބި ލެންގުއޭޖްގެ އިތުރުން ޓީޗިން ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މީދޫގައި މުޅިން އަލަށް ހުޅުވާ އައިޔޫއެމް ގެ ގޮއްޕާއި ބެހޭ ގޮތުން އެ ޔުނިވާސިޓީއިން ބުނީ ކޯސްތަކަށް ޑިމާންޑް އޮންނަ މިންވަރަށް ބެލުމަށްފަހު އެތަނުގައި ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ލުއި ފަސޭހަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ. މި ގޮތުން ރަށުން ބޭރުގެ ދަރިވަރުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށް އެ ޔުނިވާސިޓީއިން ބުނީ މިހާރުވެސް ބްލޮކް މޯޑްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެކޮމަޑޭޝަންގެ ކަންތައްތައް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަަމަށެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ ނިސްބަތަށް ބެލުމަށްފަހު ރަށުން ބޭރުގެ ދަރިވަރުންގެ ދަތުރުފަތުރުގެ ހަރަދުތައްވެސް ދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.

މާލޭގެ އިތުރުން ހދ. ހަނިމާދޫ، ޅ. ނައިފަރު، ލ. ފޮނަދޫ އަދި ފުވައްމުލަކުގައި ވެސް އައިޔޫއެމްގެ ކޯސްތައް ކުރިއަށް ގެންދެއެވެ.