އައްޑޫސިޓީ ހިތަދޫގައި ޤިރާއަތު ކޯސްތަކާއި، ޤުރުއާން ހިތު ދަސްކުރުމުގެ ކޯހާއި، ޤުރުއާން ކިޔަވައި ދިނުމުގެ ކޯހާއި އަދި އިމާމު ކަމުގެ ތަފާތު 10 ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ދީނީ ޢިލްމު ފެތުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޖަމްޢިއްޔަތުން ޢުލަމާއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން އައްޑޫގައި ހިންގަން ނިންމާފައިވާ މިކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗެލާސް ލެވެލްއާއި ހަމަޔަށް ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މި އޮގަސްޓް މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މިކޯސްތަކުގެ ކިޔެވުން އަންނަ ސެޕްޓެމްބަރ މަހުގެ ކުރީ ކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އައިޔޫއެމްއިން މަޢުލޫމާތު ދެއްވައެވެ.
މި އަހަރުގެ ފުރަތަމަ އިންޓޭކް ގައި 10 ކޯހެއް ފެށުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ޤިރާއަތުލް ޤުރްއާންގެ ސެޓްފިކެޓް 1 ، 2 ، 3 އާއި އެޑްވާންސްޑް ސެޓްފިކެޓް އިން ޤުރްއާނިކް ސްޓަޑީޒްއާއި ، ޤުރްއާން މެމޮރައިޒޭޝަން ލެވެލް 1 އާއި ، ޑިޕްލޮމާ އަދި ބެޗްލަރ އިން ޓީޗިން ޤުރްއާން އާއި ޑިޕްލޮމާ އަދި އެޑްވާންސްޑް ސެޓްފިކެޓް ފޯރ އިމާމްޝިޕް ގެ އިތުރުން ބެޗްލަރ އޮފް އިމާމް ޝިޕް ހިމެނެއެވެ. މިކޯސްތަކަށް ކުރިމަތިލައި ހޮވޭ ފަރާތްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކޯސްތަކަށް އެޕްލައި ކުރާ ތަރުތީބުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ޖަމްޢިއްޔަތުލް ޢުލަމާ ގުޅިގެން އިޢުލާންކުރި މިކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ކޯސްތަކެކެވެ. މީގެތެރޭގައި ހިމެނޭ ޙިފްޒު ކޯހުގެ ހުރިހާ ލެވެލްއެއް ފުރިހަމަކޮށް ނިންމުމުން އައިޔޫއެމްގެ ޙާފިޒުކަމުގެ ސަނަދުވެސް ދެވޭނެއެވެ.
އައްޑޫގައި މިފަހަރު މިފަށާ ކޯސް ތައް ހިންގުމަށް ހަމަޖެހިފައިވަނީ ހިތަދޫގައެވެ. މިކޯސްތަކަކީ ކްލާސްތަކަށް ޙާޒިރުވެގެން ކިޔަވާގޮތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ. މިކޯސްތަކުގެ ތެރެއިން ޙިފްޒު ކޯސްތަކާއި ލެވެލް 1 ގެ ކޯސްތައް ހިންގަނީ 300 ރުފިޔާގެ އިދާރީ ފީއަކާއެކު މުޅިން ހިލޭއެވެ. ލެވެލް 1 ގެ ކޯސްތަކަކީ 8 ހަފްތާގެ މުއްދަތަށް ހިންގާ ކޯސްތަކެކެވެ.
މިކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި ލިންކު ބޭނުންކޮށްގެން ކޯހަށް އެޕްލައި ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
އައްޑޫގައި އަމިއްލަ ފަރާތްތަކުން ތަޖުވީދު ކޯސްތަކާއި ޚިފްޒު ކްލާސްތައް މިހާރުވެސް ހިންގަމުން ދެއެވެ. އެހެންނަމަވެސް މިއީ ހިތަދޫގައި އައިޔޫއެމް އިން މިފަދަ ކޯސްތަކެއް ހިންގާ ފުރަތަމަ ފަހަރެވެ.
އައްޑޫސިޓީމީދޫގައި އައިޔޫއެމްގެ ސެންޓަރެއް ގާއިމްވެފައިހުރެއެވެ. އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އައިޔޫއެމްގެ ސެންޓަރުތައްވަނީ ގާއިމް ކުރެވިފައެވެ.