ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދަވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ފަސްޓްލޭޑީ މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ނުވަ ވަނަ ‘އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގާލްސް އިން ސައިންސް އެސެމްބްލީ’ ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖެއްގައިކަމަށް އެ އޮފީހުން ބުންޏެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކުގައި އ.ދ. ގެ މައި މަރުކަޒުގައި ފެބުރުވަރީ 8-9 ގައެވެ.
“ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ސައިންސްގެ ދާއިރާތަކުން އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށް ދިވެހިރާއްޖެއިން ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަމުގައި ވިދާޅުވި. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ އަންހެނުންގެ އަދަދު އިތުރުކުރުމަށާއި ކުރިއެރުވުމަށް ސަރުކާރުން ބާރުއަޅަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި,” -ރައީސް އޮފީސް-
މީގެ އިތުރުން، ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއްނެތި އިޖުތިމާއީ، އިޤްތިޞާދީ، އަދި ސިޔާސީ މައިދާނުގައި އަންހެނުންނަށް އެއްހަމައަކުން، ހަމަހަމަ ފުރުޞަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް އަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ ގަރާރެއްގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މިއީ ސައިންސްގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގޮވާލާ މިދާއިރާގައި އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީ ފާހަގަކުރުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.