ރާއްޖޭގެ ސިޔާސީ މައިދާނަށް ނިކުންނަ ކޮންމެ މީހެއްގެ އިނގިލިކުރީގައި ހިފައިގެން މަގުދައްކައިދޭން ހުންނަތަން ފެންނަނީ ދިވެހި އަންހެނެކެވެ. އަންހެނުންތަކެކެވެ. ގިނަ ފަހަރަށް ފިރިހެނުން ސިޔާސީ މައިދާނާއި ދޯޅު ކުރުވުމުގެ ހުރިހާ ބާރަކީވެސް ފަހަތުގައި ތިބެ ލަވަމުންގެންދާ އަންހެނުންނެވެ. އެމީހުންނާ ނުލާ އަވަށްޓެރިއެއްގެ ގެއަށް ބޯދިއްކޮށްލާ ސަލާން ގޮވާލުންވެސް އެއީ ސިޔާސީ މީހާއަށް ބޮޑު ކަމަކަށް ވެއެވެ. ތިމާ ތާއީދު ކުރާ މީހާ ގެ ޙައްގުގައި ރެއާއި ދުވާލު ނިދުމެއް އަރާމެއް ނެތި ހޭލަމޭލައަށް އުޅޭތަން ފެންނަ އަންހެނުން ވަކި ހިސާބަކުން ނިޒާމުން ގެއްލެއެވެ.
ލިބުނު ކާމިޔާބެއް ލިބެނީވެސް އަންހެނުންނަށް ޙައްގު މިންވަރު ހޯދައިދޭން ކުރި ވަޢުދުތަކާހެދިއެވެ. އަންހެނުން ބާރުވެރި ކުރާނެ ކަމުގެ ފޮނި ހުވަފެން ތަކާއެކުއެވެ. އިގްތިޞާދީ ގޮތުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދޭން ނިންމާ ނިންމުންތަކާއެކުއެވެ. އެހެންނަމަވެސް އާޚިރުގައި އެހުވަފެންތައް ވަނީ ބިލާހަށެވެ.
އަންހެނުން ވަޒީފާ އަދާ ކުރާ ނިސްބަތް ފިރިހެނުންނަށް ވުރެ ކުޑަ
ބޯހިމެނުން 2022 ގެ ރިޕޯރޓުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގައި ލޭބާފޯސްގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ މެދުގައި 31 ޕަސެންޓުގެ ފަރަގެއް އުޅެއެވެ.
މިހިސާބުތައް ދައްކާގޮތުން މަސައްކަތެއް ނުލިބިތިބި އަންހެނުންގެ ނިސްބަތްވެސް ފިރިހެނުންނަށް ވުރެ ބޮޑުތަނުން އަންހެނުން ދަށެވެ. މިހެންވާންޖެހޭ ސަބަބެއް ނުވެސްނެތެވެ. މައިންބަފައިން އެމީހުންގެ ދަރީން ބަލާބޮޑުކޮށް ތަރުބިއްޔަތުދީ އުނގަންނައިދެނީ ތަފާތު ކުރުމެއްނެތިއެވެ. އެހެރަ ގޯތީ އަޙުމަދު އަށް ކިޔަވައިދެންޏާ އެގޭ އާމިނަތުވެސް ކިޔަވާނެއެވެ. ގިނަ ފަހަރަށް އަންހެނުން އެކިއެކި މައިދާންތަކުން ފިރިހެނުންނަށްވުރެ މާގިނަ ކާމިޔާބު ހޯދާ ހޯދުމަކީ ހަގީގަތެކެވެ.
ކަންކަމުގައި ގިނައިން އުޅެނީ އަންހެނުން
ކުރިން މާކުރިން އަޑު އިވޭ ވާހަކައަކީ ޖަލްސާއަކަށް ކިޔަސް އަންހެނުން ނުދާ ވާހަކައެވެ. މީހުންގެ ތެރެއަށް އެމީހުން ނުނިކުންނަ ވާހަކައެވެ. ފިރިހެނުންނާ މުގާބިލާ ކޮށްގެން އެމީހުން ކުރި ނައަރާނެވާހަކައެވެ. މިއަދު ކަން އޮތީ މިހެން ނޫންކަން ބަލާލި ކޮންމެ ދިމާއަކުން ފެންނާނެއެވެ. ސްކޫލްތަކުގެ އެންމެ އިސްސަފުން އަންހެން ކުދިން ވިދާލައެވެ. ފޯރަމްތަކާއި ވޯކްޝޮޕްތައް ފުރާލަނީ ކެރޭ ހީވާގި އަންހެނުންނާއެކުއެވެ. އިޖްތިމާޢީ މައިދާނުގައިވެސް އަންހެނުންނާއި ފިރިހެނުން އެއްހަމައެއްގައި ސާބިތެއް ނުކުރެވެއެވެ. އަންހެނުން ވަނީ އެއަށްވުރެ މާބޮޑަށް ކުރިއަރާފައެވެ.
އަންހެނުންނަށް މިއަދު ކުރިއެރުން ލިބިއްޖެއެވެ. އެއީ ކިޔަވައިގެންތިބި ކަންކަމަށް ކެރޭ މޮޅު ބައެކެވެ. މިއަދު އެމީހުންނަށް ނުލިބެނީ އާރާއި ބާރެވެ. ބަސްބުނުމުގެ ޙައްގެވެ. ގޮތް ނިންމުމުގެ ބާރެވެ. ސިޔާސަތު އެކަށައަޅައި ކަނޑައެޅުމުގެ ބާރެވެ. މިރޮނގުންވެސް ކުރިއެރުންތަކެއް ރާއްޖޭގެ އަންހެނުން ނަށް ހަނިދާއިރާއަކުންނަމަވެސް މިހާރުވަނީ ފަހިވެފައެވެ. ކައުންސިލްތަކުގެ 33 އިން ސައްތައަކީ މީގެ ދިރިހުރި ނިޝާނެކެވެ. ދެންހުރި ކަންކަންވެސް މިއުސޫލުން ގެންދަން ވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައްވެސް ބަހާނުލެވެންވީ ސަބަބެއް ނެތެވެ. މުޅި މަޖިލީހުގެ އެންމެ 5 އިން ސައްތަ އިގައި އަންހެނުން ތިބެގެން އާބާދީގެ ދެބައިކުޅަ އެއްބައި ޙިއްސާކުރާ އަންހެނުންނާއި ގުޅުންހުރި ބިލްތަކުގައި ބަޙުޘުކޮށްގެން ހޯދޭނެ ކުރިއެއް އޮންނާނެތޯއެވެ.
އާދައުރުގެ ރިޔާސީ ރޭސް އަޅުގަނޑުމެން މި ފަށަނީވެސް ފިރިހެނުން މާ ކުރީގައި، އަންހެނުން މާ ފަހަތުގައި ތިބެގެންނެވެ. އެހެންކަމުން ރޭސް ނިމޭ އިރު ވެސް އަންހެނުން ތިބޭނީ އަދި މާ ފަހަތުގައިކަމާމެދަކު ޝައްކެއް ނެތެވެ.
ނިމިގެން މިދިޔަ ހުކުރު ދުވަހު އަޅުގަނޑުމެންނަށް ރާއްޖޭގެ ޖުމްހޫރީ އާ ދައުރުގެ ކެބިނެޓް އެކުލަވާލިތަން ފެނިގެން ދިޔައެވެ. 22 ވަޒީރުން ހުވާކުރެއްވި އެރަސްމިއްޔާތުން އެންމެ 3 އަންހެންބޭފުޅުންނަށް ޖާގަ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭގެ ފަހުގައި އިޢުލާން ކުރެވިގެންދިޔަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ 18 އިސް މަޤާމެކެވެ. އޭގެތެރޭގައިވެސް 17 ފިރިހެން ބޭފުޅުންނާއި އެކު އެންމެ އަންހެން ބޭފުޅަކަށް ފުރުސަތު ލިބިގެން ދިޔަ ދިއުން ހަމަ އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. އަޅުގަނޑަކީ އަންހެނަކަށް ވާތީ ވެސް މިވާހަކަ ތަކުރާރު ކޮށްލަމެވެ. މިއީ ދިވެހި އަންހެނުންނަށް ޙައްގު މިންވަރެއްނޫނެވެ. ހަމަހަމަކަން ގެންނަވާށެވެ. އަންހެނުންނަށް ލިބިފައިވާ ލަދުރަކިކަމެއްގެ ސަބަބުން ފަހަރުގައި އަޑު އުފުލައިގެން އިސް ސަފަށް ދާން ފަސްޖެހިދާނެއެވެ. ބޭފުޅު އާއިލާއަކަށް ނިސްބަތް ނުވާތީ މުޖުތަމަޢުން ޖާގަ ނުލިބޭ ދަނޑިވަޅުވެސް އާދެއެވެ. މުއްސަނދި މަހުޖަނެއްގެ ” ބެކިން” ނެތި ކުރިނޭރޭ ޙާލަތުވެސް އާދެއެވެ. މުޖުތަމަޢުން އަންހެނުންގެ މިދެންނެވި ބަލިފައިގައި ހިފައިގެން ނާޖާއިޒު ފައިދާ ނުނަންގަވާށެވެ.
އަންހެނުންނަކީ އާމްދަނީ ހޯދަން ބުރަ މަސައްކަތް ކުރުމާއެކު އެކީ އަދި އެއަށްވުރެ ގިނަ އެތައް ކަމެއްގެ ޒިންމާ ކޮންމެ ދުވަހަކު ނަގާ ބައެކެވެ. ގޭގެ ކެއިން ބުއިން ހަމަޖެއްސުމާއި ސާފު ކުރުމާއި ކުދިން ބެލުމާއި ދޮށީ ޢުމުރުގެ މީހުން ބެލުމުގައި އެމީހުންނަކީ މުރާލި ބައެކެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމުގައި އެމީހުންނަށް ވުރެ ތަޖުރިބާބޮޑު ބަޔަކު ނުތިބޭނެއެވެ. މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ސުލްޙަ މަސްލަޙަތަށް އެކަށައެޅޭ ސިޔާސަތުތަކުގެ ފަހުބަސް ބުނާ ހިސާބު އިސް މަޤާމުތަކުން އަންހެނުންނަށް ޖާގަ ދޭންޖެހެނީ މިސަބަބާހެދިއެވެ. ނަސްލީ ފަރަގު ނައްތާލައްވައި ޙައްގު މިންވަރު އަންހެނުންނަށް ހޯދައިދެއްވާށެވެ.