ގއ.ކޫއްޑޫ ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރުގެ ސިއްޙީ ފުރަތަމަ އެހީ ދެވޭނެ ނިޒާމެއް ހުންނަން ޖެހޭނެ ކަމަށާއި އެ އަތޮޅު ކޫއްޑޫގައި އެފަދަ ނިޒާމެއް ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ގއ. އަތޮޅު ކައުންސިލް ރައީސް އަޙްމަދު ފުއާދު ވިދާޅުވެއްޖެއެވެ.
ކޫއްޑޫގެ ޖެޓީ ސުޕަވައިޒަރ މަގާމް އަދާ ކުރަމުން ގެންދިޔަ ގއ.މާމެންދޫ އަޙުމަދު ޝަރީފް ކުއްލި ގޮތަކަށް ރޭ ނިޔާވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފުއާދު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ތަންތަނާއި ކިތަންމެ ކައިރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު ހުރި ކަމުގައި ވިޔަސް ސިއްހީ ފަރުވާ ދެވޭނެ ފަދަ ގާބިލް މީހަކު މި ފަދަ ކޮންމެ އިންޑަސްޓްރިއަލް ރަށެއްގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ކުއްލި ހާލަތުގައި ފަރުވާ ދެވޭނެ ފަދަ ތަނެއް ވެސް ހުންނަން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
“ފަސްޓް އެއިޑް ދެވޭނެ ގޮތެއް އަދިވެސް ނެތް، އަވަސް ފަރުވާ ނުދެވި އޮކްސިޖަން ނުލިބިގެން އެތައް ފުރާނައެއް ގެއްލިމިދަނީ މިހާރުން މިހާރަށް ސިއްޙީ ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވެވާ!” ކޯއްޑޫ ފިޝަރީޒް ކޮންޕުލެކްސް އަދި މިފްކޯ އަށް ޓެގް ކުރައްވާ ފުއާދުގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
ރޭ ކޫއްޑޫން ނިޔާވި ޒުވާނާ ހާޓް އެޓޭކެއް ޖެހިގެން ނިޔާވެފައިވާއިރު މިކަމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ދަނީ ޝޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށް އަޑުއުފަލަމުނެވެ.
ދިވެހި ޒުވާނުން މަސައްކަތްކުރާ ބޮޑު އާބާދީއެއް ކޫއްޑޫގައި އޮތްއިރު، މީގެ ކުރިންވެސް ވަނީ ފުރަތަމަ އެހީ ނުލިބުމުގެ ސަބަބުން އެތަކެއް ފުރާނައެއް ގެއްލިފައެވެ.