English Edition
Dhivehi Edition

ގއ ދެއްވަދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އާއިލާގެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ ސިއްހީ މަރުކަޒުގެ ޑައިރެކްޓް ކޮންޓެކްޓްވީ އެންމެން އެކަހެރިކޮށްފިއެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މުވައްޒަފެއްގެ މަންމަ ކަމަށާއި އެމީހާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ސިއްހީ މަރުކަޒާއި ބޭސް ފިހާރައިގެ ދެ މުވައްޒަފުން ވަނީ ފާހަގަކޮށްފައި ކަމަށެވެ. އަދި އެ މީހުންނާ ގުޅުން ހުރި މަރުކަޒުގެ އިތުރު ބަޔަކު އެކަހެރިކުރުމާއެކު، ސިއްހީ ހިދުމަތް ވަރަށް ބޮޑަށް މެދުކެނޑިފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ދެއްވަދޫ ކްލަސްޓާ އިތުރު ވަމުން އަންނަ އިރު އެރަށުގައި މިހާރު އެންމެ ދަތި ކަމަކަށް ވެފައިވަނީ މީހުން ނެތުމުގެ ދަތިކަމެވެ. ރަށުގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި އަދި ކޮންޓެކްޓްސް ތައް ގިނަ ވުމުގެ ސަބަބުން މީހުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރު ކޮށްދިނުމާއި ޚިދުމަތް ދިނުމަށް ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ތައުފީގު ވިދާޅުވީ އެ ތަން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ކަމަށާއި ދެއްވަދޫގެ ޒިންމާދާރު ވެރިޔާ އާއި މަސައްކަތު މީހުން ވެސް ވަނީ އެކަހެރިކޮށްފައި ކަމަށެވެ. އަދި މިހާރު އެ ތަނުގައި ހިދުމަތް ދެނީ، ކައުންސިލް އިދާރާގެ ތިން މުވައްޒަފަކާއި ރަށުން ބޭރު ނަރުހަކު ގޮސްގެންކަމަށް ތައުފީގު ވިދާޅުވިއެވެ.

ދެއްވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އެވްރެޖް އުމުރު އުޅެނީ 18-50 ގަ އެވެ. އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހަކީ 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އެ އަތޮޅު ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.