އައްޑޫސިޓީގެ ހިތަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ހަދާފައިވާ “ކަނބިހާ ބީޗް” އަށް ބަޔަކު ގެއްލުން ދީފިއެވެ.
ބީޗް ހެދުމުގައި އިސްކޮށް މަސައްކަތް ކުރާ ފަރާތެއް ކަަމަށް ސިނާން (ސިނާ) “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ބީޗަށް ގެއްލުން ދީފައިވާކަން އެނގުނީ މިއަދު ހެނދުނު އެތަނަށް ދިއުމުން ކަމަށެވެ.
“ބީޗްގެ ފެންސްތައް ހަލާކުކޮށްލާފައި ހުރީ. ކޮން ބަޔަކު ކުރި ކަމެއްކަން ނޭނގުނަސް ބުނެވޭނީ މިއީ ވަރަށް ދެރަކަމަކޭ. މިއީ އަމިއްލަ ރައްޔިތުން އެތައް ވަގުތެއް ހޭދަކޮށް އެތައް ޚަރަދެއްވެސް ކޮށްގެން ރަށުގެ ތަރައްގީއަށް ކުރަމުން ގެންދާ މަސައްކަތް. މިކަމުން އުފާ ލިބެނީ ހަމަ ރައްޔިތުންނަށް. މިއީ ވަރަށް ދެރަކަމެއް” ސިނާ ބުންޏެވެ.
ސިނާ ބުނީ ކަނބިހާ ބީޗްގެ ފެންސު ހަލާކުކުރުމަކީ ވަކި މީހަކަށް ދެވޭ ގެއްލުމެއް ނޫންކަމަށާއި އެއި މުޅި ހިތަދޫގެ އެންމެންނަށް ދެވޭ ގެއްލުމެއް ކަމަށެވެ.
“މި ބީޗް ހެދި ދުވަހުން ފެށިގެން މިތަނުގައި، ކޮންމެވެސް ކުއްޖެއްގެ އުފަން ދުވަސް ނުވަތަ އެނިވަރސަރީއެއް ނުވަތަ ވެޑިން އެއް ނުވަތަ އާއިލިީ އެއްވުމެއް ނެތް ދުވަހެއް ނެތް. އެކި އުމުރުގެ މީހުން އައިސް މިތަނުގައި މަޖާކޮށް ފޫހިފިލުވަން ނުތިބޭ ދުވަހެއް ނެތް. އަވި ދިނަސް އަދި ވާރޭ ވެހުނަސް މީހުން އާދޭ. ވީމާ އުއްމީދު ކުރަނީ ރަށަށް ގެއްލުން ނުދިނުން. ގެއްލުން ދެވެނީ މިތަން ހެދި މީހުންނަކަށް ނޫން، އަމިއްލަ ރަށަށް” ސިނާ ބުންޏެވެ.
އީކުއޭޓަރ ކުޒިން ރެސްޓޯރެންޓް ކުރިމަތިން އޮންނަ ހޭޅިފަށް ސާފުކޮށް އެތަން ހިތްފަސޭހަ މައިޒާނަކަށް ހެދުމަށް ހިތަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން މަސައްކަތް ފަށާފައިވަނީ މީގެ 2 މަސް ކުރިންނެވެ. އެ މަސައްކަތުން މިހާރު މި މައިޒާން ވަނީ އައްޑޫގެ ގިނަ ބަޔަކު އެތަނުން ހިތްހަމަޖެހުން ހޯދާ ހިތްފަސޭހަ މަންޒިލަކަށް ވެފައެވެ. ކުޑަކުދިންގެ ޕާޓީތަކާއި އާއިލީ އެއްވުން ތަކާއި ކައިވެނި ޕާޓީތައް ވެސް އެތަނުގައި ބާއްވައެވެ. އަދި ޗުއްޓީ ދުވަސްތަކުގައި އާއިލާ ގޮވައިގެން އައިސް ހިތްހަމަޖައްސާލަން ގިނަ ބަޔަކު އެސަރަހައްދަށް އެއްވެއެވެ.
ކޮވިޑް 19 އާއި ގުޅިގެން އައްޑޫގެ އެކި އަވައްތަކުގައި މިފަދަ ގިނަ ބީޗް ތައް ހަދައި އެތަންތަނުން ރައްޔިތުން އުފާ ހޯދަމުން އަންނައިރު ދާދި ފަހުން ވަނީ މީދޫގައި ހަދާފައިވާ މި ފަދަ ފިނިމައިޒާންތަކަކަށް ވެސް ގެއްލުންދީ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައެވެ.