English Edition
Dhivehi Edition
ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް

ތަފާތު ގިނަ ޚިދުމަތްތަކާއި މަހުގެ ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިވިއެވެ.

ހިތަދޫ ބަނދަރު ސަރަޙައްދުގައި ބުރާސްފަތި ދުވަހު ހުޅުވި މަސްމާރުކޭޓަކީ އެންމެ ޒަމާނީ ފެންވަރަށް މަސްކަނޑާ ޕެކްކޮށް ވިއްކުމުގެ ޚިދުމަތާއެކު ހުޅުވާފައިވާ ތަނެކެވެ.

ހިތަދޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ އެކި ކަންކަމުގައި ޙަރަކާތްތެރި ވަމުން އަންނަ ބީޓެކް ގްރޫޕުން ހިންގާ މި މާރުކޭޓް އިއްޔެ ހުޅުވީ ޚާއްސަ ޕްރޮމޯޝަނަކާވެސް އެކުގައެވެ. މި ޕްރޮމޯޝަން ގައި އެތަނުން 200 ރުފިޔާގެ ޚިދުމަތް ހޯދާ ކޮންމެ މީހަކަށް މުށިމަހުގެ ޕެކޭޖެއް ލިބޭނެއެވެ. ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށްވެސް އިތުރު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ބީޓެކުން ބުނެއެވެ.

ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް

މިއީ ރާއްޖޭގައިވެސް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތައް ތަންފީޒު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލާ އެކަމަށް އެއްބާރުލުން ދިނުމާއެކު ގޭގައި މަޑުކުރަންޖެހޭ މިދަނޑުވަޅުވެސް ޢާއްމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްތާކުން މަހުގެ ހުރިހާ ބާވަތެއް ލިބޭނެ މަގު ފަހި ކޮށްދިނުމުގެ މަޤްސަދުގައި ވަރަށް ކުއްލިގޮތަކަށް ހުޅުވަންޖެހުނު ތަނެއްކަމަށް ބީޓެކުން މަޢުލޫމާތު ދެއްވައެވެ.

ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް

ކުރިއަށްއޮތީ ރޯދަ މަހަށްވެފައި މަހުގެ އުފެއްދުންތަކާއި ބާވަތްތައް މިގޮތަށް އެއްތާކުން ލިބެންހުރުމަކީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ޚިދުމަތެކެވެ.

ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް

އައްޑޫސިޓީގެ އެތައް ބައެއްގެ އުއްމީދާއި ގުޅިފައިވާ މިމަސް މާރުކޭޓުން ލިބެންހުރި މަހުގެ ބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި ފަރުމަހުގެ އެކި ބާވަތްތައް، ބޯވަ،ބޯވަދިލަމަސް،މުށިމަސް،މަސްބަނޑު،ބަނޑައިދޫ،އެކިސައިޒްގެ ގަނޑުކުރި ކުކުޅު،ޗިކަން ލިވަރ، ގެރިމަހުގެ އެކި ބާވަތްތައް އަދި ބޯންލެސް ކުކުޅު ހިމެނެއެވެ.

ބީޓެކް ގްރޫޕްގެ ޑައިރެކްޓަރ ޢަބްދުﷲ އިސްޙާޤު ވިދާޅުވީ ބާޒާރުގައި މަހުގެ އަގު އުފުލުނަސް ހިތަދޫ މާރުކޭޓުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މަހަކީ އަތްފޯރާ ފަށުގައި ލިބެން ހުންނާނެ އެއްޗަކަށް ހެދުން އެއީ އެންމެ ބޮޑު އެއް މަޤްޞަދު ކަމަށެވެ.

ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް

“މިހާރުވެސް ރަށުތެރޭގެ އަގުތަކަށްވުރެ މާރުކޭޓުގައި ހުރި އަގުތައް ކުޑަވާނެ،އޭގެ އިތުރުން ދެން އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ މަހުގެ ކޮލިޓި ހިފެހެއްޓުމާއެކު ސާފުތާހިރުކަން ދެމެހެއްޓުމަށް. އަދި ފެންވަރު ރަނގަޅު ޕެކިންއެއްގައި ކަސްޓަމަރުން ނަށް މަސް ލިބެންހުރުން އެއީ އަޅުގަނޑުމެން އިސްކަންދޭނެ ކަންތައްތަކަކީ.” އިސްޙާޤު އިތުރަށް ވިދާޅުވިއެވެ.

އިއްޔެ އިން ފެށިގެން ވިޔަފާރި ކުރުމުގެ ހުއްދައޮންނަ ހުރިހާ ގަޑިތަކެއް ގައި މާރުކޭޓް ހުޅުވިފައިވާ އިރު ގިނަ ބަޔަކު އަންނަނީ މަސްގަތުމަށްޓަކައި މިތަނުން ޚިދުމަތް ހޯދަމުންނެވެ.

ހިތަދޫ މާރުކޭޓު ހުންނަނީ ބަނދަރު ސަރަޙައްދުގެ މަގަވަރި ހޮޓަލާއި ޖެހިގެންނެވެ. މިއީ މަސްވެރިންނާއި ދަތުރުވެރިންނަށްވެސް ލުއިފަސޭހަ ޚިދުމަތްތަކެއް ފަހިވެފައިވާ ތަނެއްގެ އިތުރުން މާރުކޭޓް އެއްކޮށް ނިމޭއިރު ދަތުރުވެރިންނަށް ހިތްހަމަ ޖައްސާލާ އިށީނދެ ތިބެވޭނެ ހިތްފަސޭހަ ތަނަކަށް މިތަން ވެގެންދާނެއެވެ.

ހިތަދޫ މަސްމާރުކޭޓް/ފޮޓޯ އޭއޯނިއުސް