English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތަކާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ލަޓްވިއާ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައި ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.466 ކިލޯގުރާމް ހުރިކަމަށެވެ.

އަދި 2020 ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން މީނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ވަނީ ފެނިފައިވާ ކަމަށާއި އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮސިޓިވް ވެފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި ހުރީ 654.4 ގްރާމެވެ.

މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 10،921،400 (ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ) ރުފިޔާއަށް އަރަކާ ކަމަށާއި މިމައްސަލަތަކުގައި ޝާމިލްވާ ދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.