English Edition
Dhivehi Edition

އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެ ގައުމުން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައި ވަނީ، އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގައެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނަކީ އިންޑިއާގެ ތަމިލްނާޑޫގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ރާއްޖޭގެ ވެރިރަށް، މާލެއަށް މަސްތުވާތަކެތީގެ ޝިޕްމަންޓެއް އުފުލާކަމުގެ މައުލޫމާތު ޑިރެކްޓޮރޭޓް އޮފް ރެވެނިއު (ޑީއާރުއައި) އަށް ލިބިގެން މިދިޔަ ބުދަ ދުވަހު އިންޑިއަން ކޯސްޓް ގާޑް (އައިސީޖީ) އާއި ހިއްސާކޮށްގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި މަސްތުވާތަކެތި އުފުލި ބޯޓު ހިފެހެއްޓީ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދަކުންނެވެ. އެއީ އިންޑިއާގެ ޓަމިލްނާޑު އާއި ސްރީލަންކާއާ ދެމެދު އޮންނަ ސަރަހައްދެކެވެ.

“ޝުވޭ ލިން ޔޯން” ނަމަކަށް ކިޔާ މި ބޯޓު ހުއްޓުވައި ބަލައި ފާސްކުރިއިރު، އެ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެގޮތުން އެ ބޯޓުން ފެނިފައިވަނީ 30 ކިލޯގެ ހަޝިޝް އޮއިލް ކަމަށާއި އެތަކެތީގެ އަގަކީ އިންޑިއާގެ 30.95 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ) ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ލުއި ކާނާ ބަންދުކުރާ ޕެކެޓުތަކެއްގައެވެ.

މި އުޅަނދު އަތުލައިގަނެވުމާއެކު، އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ޓުޓިކޮރިންގެ ބަނދަރަށް އުޅަނދު ވަނީ ގެންގޮސްފައެވެ. މި އުޅަނދުގައި ނުވަ މީހުން ތިއްބެވެ.