ރާއްޖޭގައި އާއްމުވަމުން އަންނަ ސިންތެޓިކް މަސްތުވާތަކެތީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ފަރުވާއަށް އަންނަ ގިނަ ކުދިން ތިބީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށް، އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށްޓަކައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާޝިދު ވިދާޅުވީ، ސިންތެޓިކް މަސްތުވާތަކެތީގެ ސަބަބުން ފަރުވާދޭ ގިނަ ކުދިންނަށް ފުރަތަމަ ނަފްސާނީ ފަރުވާދޭ ހާލަތަކަށް ގޮސްފައި ވާކަމަށެވެ. އަދި މިއީ އެންޑީއޭގެ ފަރުވާދިނުމުގެ ނިޒާމު އޮތް ބޮޑު ޗެލެންޖެއް ކަމުގައި އޭނާވަނީ ފާޙަގަކުރައްވާފައެވެ،
“މިއީ ހާއްސަކޮށް އަޅުގަނޑުމެންގެ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެންގެ ފަރުވާދިނުމުގެ ނިޒާމް ބައްޓަންކުރެވިފައި އޮތީ މަސްތުން ސާފްކޮށް އެކުދިން އިތުރަށް މުޖުތަމައަށް ރީއިންޓަގްރޭޓް ކުރުމަށް. އެހެންނަމަވެސް މިހާރު އަސާސީ މަސައްކަތެއްގެ ގޮތުގައި ކުއްްޖާއަށް ފުރަތަމަ ނަފްސާނީ ފަރުވާދޭ ހާލަތަކަށް އެބަ އާދޭ. މިއީ އަޅުގަނޑުމެން އިކުއިޕް ވެފަ ވާ ހާލަތެއް ނޫން.” ރާޝިދު ވިދާޅުވިއެވެ.
މީގެ އިތުރުން ރާޝިދު ވިދާޅުވީ އެންޑީއޭގެ ފަރުވާދޭ 10 ސެންޓަރެއްގައި 1500 ފަރާތަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރެޒިޑެންޝަލް ސެންޓަރުތަކާއި މުޖްތަމައުގެ ތެރޭގަ އާއި ބޭސް ދެވިގެން ފަރުވާދޭ ފަރާތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގޮންޖެހުންތަކާ އެކު ވެސް ބޭރުގެ އެހީތެރިކަމާއި އެކިއެކި ރިސޯސަސް ލިބިގެން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ތަފާތު ސައިކޯސޯޝަލް ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ހިންގާ ކަން ވެސް ރާޝިދު ފާހަގަކުރެއްވިއެވެ.
އިތުރަށް ރާޝިދު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރުމަށް ނެޝަނަލް ޑްރަގް ކައުންސިލުން އެންޑީއޭއަށް އަންގާފައިވާކަމަށެވެ.