English Edition
Dhivehi Edition

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ކަރަންޓީނުގެ މުއްދަތު ޗުއްޓީތެރޭގައި ނުގުނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތުގައި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކޮށްފައިވަނީ އަދަދު ނުކުރެވޭހާ ބޮޑު މަސައްކަތެއް ކަމަށާއި، ރިސޯޓު މުވައްޒަފުން ޗުއްޓީއަށް ރަށަށް ގޮސް ކަރަންޓީނުގެ މުއްދަތުގައި ޗުއްޓީގެ ދުވަސްތައް ހޭދަކުރަން ޖެހުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

” އެހެންވެ، އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރި ކަމާއެކު ހިތްހަމަ ޖެހުމާއެކު އެ ބޭފުޅުން [ ރިސޯޓް މުވައްޒަފުން ] ވި ޤުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީން ވާންޖެހޭ މުއްދަތަކީ ޗުއްޓީ ނޫނީ އޮފްގެ ތެރޭގައި ނުހިމެނޭ ގޮތަކަށް ހައްދަވާނެ ކަމަށް. އެހެން ހަދައިފިނަމަ މުވައްޒަފުން ވަރަށް އުފާވާނެ. އެންމެ ގިނައިން އަންނަ ޝަކުވާއެއް މިއީ ކޮން އިރަކުންހޭ އަހަރެމެންނަށް އާއިލާތައް ކައިރި އަށް ދެވޭނީ،” މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހަކީ ޓޫރިޒަމް ދާއިރާއަށް ކާމިޔާބު މަހަށް ވެގެން ދިޔައިރު، ކާމިޔާބީގެ އުފާ މުވައްޒަފުންނާ ހިއްސާކޮށް، މުވައްޒަފުންގެ އަގުވަޒަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މުވައްޒަފުންނަށް ލުއި ހޯދައި ދޭން ތަފާތު މަޝްވަރާތަކެއް ޓޫރިޒަމުން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބައެއް ރިސޯޓްތަކުން މުވައްޒަފުންނާއި ދޭތެރޭ ވަރަށް ހިތާމަވެރި ގޮތަކަށް ކަންތައް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށްއޮތްތާނގައި މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމް ކުރުމަށް ގަދައަޅާ މަސައްކަތް ކުރައްވާނެކަމަށް މައުސޫމް ވިދާޅުވިއެވެ.