ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދާ ޔޮޓް ރެލީ، “ސަވާދީއްތަ ދަތުރު” ގެ ދެވަނަ އެޑިޝަން މާރޗް 1 ވަނަ ދުވަހު ފަށާއިރު މި ދަތުރުގެ ސަބަބުން ބޮޑު އީދަށް ވާންވާއިރަށް ރާއްޖޭގެ ބައެއް ރަށްރަށް ވިދާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމް މިހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ސަބަބުން ލޯކަލް ޓޫރިޒަމް ފުޅާ ރަށްރަށުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށާއި އައު ޚިދުމަތްތައް ގާއިމްކުރުމާއި ގެސްޓްހައުސްތައް އިތުރުކުރުން ފަދަ ކަންކަންވެސް ކުރިއަށްދާނެ ކަމަށެވެ.
“މިނޫނަސް ސީޒަނާ ދިމާކޮށް ރަށްރަށަށް ފައިދާވާނެ ގޮތަށް ވިޔަފާރިތައް ފުޅާކުރުމަކީ ކޮންމެ ރަށަކުންވެސް ކުރާ ކަމެއް. މިދިޔަ ބޮޑު އީދުގައިވެސް ރަށްރަށުގެ މެދުގައި މިފަދަ ވާދަވެރިކަން ފެނިގެންދިޔަ” މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
އެމްއައިޓީސީން އިންތިޒާމުކޮށްގެން ބާއްވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން މާރޗް 1 ވަނަ ދުވަހު ފަށާނެއެވެ. މިއަހަރުގެ ދަތުރު ފަށަނީ ނ. ލަންދޫއިންނެވެ. މާރޗް 18ގެ ނިޔަލަށް ދެމިގެންދާ މި ދަތުރުގައި 9 ރަށަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިިއްޔެވެ.
މި ދަތުރުގައި ރަށްރަށަށް ގޮސް، ރަށްރަށުން ތަޖުރިބާކުރެވެން ހުންނަ ކަންކަން ތަޖުރިބާކުރާނެއެވެ. މިއީ ރަށްރަށްވެސް އިޝްތިހާރުކުރެވިގެންދާނެ ކަމެކެވެ.
ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.