English Edition
Dhivehi Edition

ޖެނުއަރީމަސް ނިމުމުގެ ކުރިން ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެންނަން މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން ހެލްތު މިނިސްޓަރ ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ކޮވިޑްގެ ވެކްސިން ގެންނަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންބައެއް އުފައްދާފައިވާ ވެކްސިނެއް ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

މިދިޔަ ޑިސެމްބަރުމަހު ފިނޭންސް މިނިސްޓްރީން ނެރުނު ޤަރާރުގައި ބުނީ ސަރުކާރުން، ރާއްޖެއަށް ބޭނުންވާ ވެކްސިން ގެންނަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމާފައިވާ ކަމަށާއި ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ. އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުންކުރަން މިހާރު އިގިރޭސި ވިލާތުންވެސް ހުއްދަދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ.ނަޒްލާ ވިދާޅިވެފައިވަނީ ރާއްޖޭގައި ފުރަތަމަ ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ހައި ރިސްކު މީހުންނަށާއި އާންމު ޚިދުމަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން މުވައްޒަފުންނަށް ކަމަށާއި ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން މިހާރު ޔަގީން ވެފައިވާ ކަމަށެވެ.