English Edition
Dhivehi Edition
ޑރ. މުހައްމަދު ޝަފީގު

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސީރިއަސްކޮށް މަސައްކަތްކުރަން ޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކުގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް ރިޕޯޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރިފޯމް މަސައްކަތުގައި ސީރިއަސް ވާންޖެހޭކަމަށެވެ

މިނިސްޓަރު ވިދާޅުވީ، މުޅި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުންނަ މުއައްސަސާ ތަކުގައި ރިފޯމް ގެނެސް އެތަންތަނުގެ ހަރަދު ކުޑަކުރާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ފިޔަވަޅުތައް އެޅުމަށް އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ ތެރޭގައި ސަބްސިޑީ ދޭ އުސޫލު ބަދަލުކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދެވޭ ގޮތަށް ނިޒާމް ބަދަލުކުރަން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އާސަންދައިގައި ހުރި އިސްރާފުތައް ކުޑަކޮށް، ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެކަމަކު ޕީއެސްއައިޕީގެ މަޝްރޫއުތައް އިޖުތިމާއީ އަދި ސިޔާސީ ގޮތުން ކުރިމަތިވާ ކަންކަމާއެކުވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެކަން މިނިސްޓަރ ޔަގީންކަން ދެއްވިއެވެ. އަދި އެ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގެ ގަޓު އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.