ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރަނީ ވަކި ތަރުތީބަކުން ކަމަށާއި މިތަރުތީބުގެ ތެރެއިން ސިއްޙީ ނިޒާމަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒީކުރެވެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ނުވަތަ ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމުގެ މަސައްކަތް ކަަމަށެވެ.
މި ޕްރޮގްރާމުގައި ހެލްތު މިނިސްޓްރީގެ ކޮލިޓީ ކޮމިޝަނަރ ތަސްލީމާ އުޘްމާން ވިދާޅުވީ ރާއްޖޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ލެބޯޓްރީތަކުގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކޮށް އައު ޚިދުމަތްތައް ތަޢާރަފްކުރައްވަމުން އަންނަކަމަށެވެ.
“އޭގެތެރޭގައި މޮލެކިއުލަރ ބައިއޮލޮޖީގެ ޚިދުމަތް ދިނުމަށް މިހާރުމިއަންނަނީ މަސައްކަތް ކުރަމުން. އައު ލެބޯޓްރީތައް ޤާއިމްކުރުމުގެ އިތުރުން ލެބޯޓްރީ ނެތް ރަށްރަށުން ނުވަތަ ތަންތަނުން ސާމްޕަލް ނަގައިގެން ލެބޯޓްރީއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބައަންނަން.” ތަސްލީމާ ވިދާޅުވިއެވެ.
އެގޮތުން އޭނާ އިތުރަށް ވިދާޅުވީ އެ ރަށްރަށުން ނަގާ ސާމްޕަލް ލެބޯޓްރީއަށް ފަސޭހައިން ގެންގޮސް އޭގެ ނަތީޖާ ފޮނުވޭނެ ސަރަހައްދުތަކެއް ކަނޑައަޅާނެ ކަމަށާއި މި ޚިދުމަތް އެންމެ ބޮޑަށް ފުޅާކުރެވޭނީ ސަރުކާރުން ފަށަން ތައްޔާރުވާ ޤައުމީ ފެރީ ނިޒާމްގެ ތެރެއިން ކަމަށެވެ.