English Edition
Dhivehi Edition
މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު

ސައުދީ ފަންޑުން ދިވެހި ސަރުކާރަށް ލިބިވަޑައިގެންނެވި ލޯނުގެ އެހީތެރިކަމާ އެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް 50 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސައުދީ ފަންޑާއެކު ދިވެހި ސަރުކާރުން މި ހަފްތާގައި ސޮއިކޮށްފައި ވެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީޤެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ވެލާނާ އެއަރޕޯޓަށް ލިބުނު ލޯނު އެހީއާއެކު އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް އަވަސްކޮށް، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ފަދައިން މި އަހަރުގެ ނިޔަލަށް ޕާޝަލްކޮށް ވިޔަސް ހުޅުވޭނެކަމަށާއި އެކަމުން އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ހެލްތު ސެކްޓާއަށް ލިބުނު ލޯނު އެހީގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ހޮސްޕިޓަލްތައް ގާއިމްކުރެވިގެންދާނެކަން ސައުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދު ވިދާޅުވެފައިވެއެވެ. އެކަމުގެ ސަބަބުން އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދީ ގިނަ ބަޔަކަށް މަންފާ ކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

ސައުދީ ފަންޑުން ރާއްޖެއަށް ފުރަތަމަ ލޯނެއް ފޯރުކޮށްދެއްވާފައިވަނީ 1978 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ.