English Edition
Dhivehi Edition

ގދ. މަޑަވެލި ސިއްހީ މަރުކަޒުގައި މުޅިން އަލަށް ލެބޯޓްރީއެއް ގާއިމްކޮށް، އެތަނުގައި ހިދުމަތް ދިނުމަށް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ލެބޯޓަރީ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން އެވެ.

ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފިރުޝާން ވިދާޅުވީ މިއަދަކީ އުފާވެރިދުވަހެއް ކަމަށާއި މަޑަވެލީގެ ލެބޯޓަރީ އަށް ފަހު ދާދި އަވަހަށް ނަޑެއްލާގެ ލެބޯޓަރީ ހުޅުވިގެން ދާނެކަމަށެވެ.

“މި ދެރަށުގައި ލެބޯޓަރީ ޤާއިމް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ސިއްޙީ ދާއިރާއަށް ދެއްވާ އަހަމިއްޔަތުކަން ރަމްޒު ކޮށްދޭ ވަރުގަދަ ހެއްކެއް. މި ފުރުސަތުގައި މަޑަވެލީގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި މަޑަވެލި ރައްޔިތުންނަށް މަރުޙަބާ ދަންނަވަން.” ފިރުޝާން ވިދާޅުވިއެވެ.

މަޑަވެލީގައި ލެބޯޓްރީ މިހާރު ހުޅުވާފައިވަނީ އެ ރަށު ހެލްތު ސެންޓަރުގެ އެތެރޭގައި ހުރި ޖާގައެއްގައެވެ. އެހެންނަމަވެސް، އައު އިމާރާތް ނިމުމާއެކު ކޮންސަލްޓޭޝަނާއި ލެބޯޓްރީގެ ހިދުމަތްވެސް އެތަނަށް ބަދަލުކުރެވޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. އައު އިމާރާތުގެ 60 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ލެބޯޓްރީގެ ހިދުމަތް ގދ. މަޑަވެލީގައި ފެށުމަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު މި ސަރުކާރުން ވި ވައުދެކެވެ.