English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު 07:00 އިން 12:00 އަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ އެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އަށް އުތުރާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާއިރު، ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ވައިޖެހޭނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާއިރު، އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 30 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އުތުރުގައިގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އަންގައިފައެވެ.