English Edition
Dhivehi Edition
ފުވައްމުލަކު މާނޭރެ އަތިރި: ފޮޓޯ އޭއޯ ނިއުސް

ބަލާބެލުމަށް އެއީ ވަރަށް އަމާން ތަނެކެވެ. ރީތި ހިތްފަސޭހަ ގޮނޑުދޮށެކެވެ. ހިކި ދިޔައިގައި ހިނގާލާފައި ފަރުމައްޗާއި ހަމައަށް ވެސް ދެވިދާނެ ހެން ހީވާ ރާޅުގެ އަސަރެއް ނެތް މޫދެކެވެ. އަދި ވަކިން ޚާއްޞަކޮށް އިރު އޮއްސޭއިރު މަންޒަރު ހިތްގައިމު ވެފައި ރީއްޗެވެ. ނަމަވެސް އެ ދިމާއިން މާދުރުނޫން ހިސާބެއްގައި އެނބުރިއެނބުރި އޮންނަ ގޮތް ނޭގޭ އޮއިވަރަކީ ހިތްދަތި ހިތިމާޒީ ގެ އެތަކެއް ވާހަކަ ތަކެއް ކިޔައިދޭ ބިރުވެރި އެއްޗަކަށް ވަނީ ވެފައެވެ. ދުރުގައި ހުރެގެން އެ އޮއިގަނޑު އޮންނަ ދިމާއަށް ބަލާލުމުން ހީވަނީ އެތަނުގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކާއި ގުޅޭ މީހުންގެ އާހްގެ އަޑު އިވޭހެންނެވެ. އެއީ ފުވައްމުލަކުގެ ތާރީޚުގައި ބިރުވެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ މާނޭރެ އަތިރިއެވެ.

މާނޭރަކީ ފުވައްމުލަކުގައި މިހާރު އޮންނަ ޒަމާނީ މައިބަނދަރު ހެދުމުގެ ކުރިން އިރުވައި މޫސުމުގައި މަސްވެރިންނާއި ދަތުރުވެރިންގެ އެންމެ މުހިއްމު އެއް ބަނދަރެވެ. މި ބަނދަރުން ވަދެ ނިކުމެ އުޅޭ އުޅުމުގައި ދޯނިފަހަރާއި ބޮއްކުރާ ފަހަރު ފެތިގެން މީގެ ކުރިން ވެސް އެތަކެއް ބަޔަކު ވަނީ އެތަނަށް އަރަގުވެފައެވެ. އެހެން ކަމުން މިތަން ވެފައިވަނީ ވަދެނިކުމެ އުޅުމުގައި ވެސް ނުރައްކާތެރި ތަނަކަށެވެ. ރާޅު ވަރަލާ ވަގުތު ބެލުމުގައި އެހެން ނެރުތަކާއި ޚިލާފަށް ވަކިން ބޮޑަށް މިތަނަށް ބަލަން ޖެހެއެވެ. އެހެނަސް ކިތަންމެ ބެލިކަމުގައި ވިޔަސް ބައެއްފަހަރު ރާޅުގައި ޖެހި ދޯނިފަހަރު ބަންޑުންވެ ފެތިގެން ގިނަ ބަޔަކު ވަނީ މިތަނަށް ފުރާނަ ދޫކޮށްފައެވެ.

ތިރީގައި މިވަނީ މިތަނާ ބެހޭ ގޮތުން ފުވައްމުލަކުގެ ތާރީޚު ދިރާސާ ކުރައްވަވާ ބޭފުޅެއް ކަމުގައިވާ ފުވައްމުލަކު ވިއުޕާކު، އަދުނާން އިބްރާހިމް ދެއްވެވި މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އެ ފަދަ ބައެއް ހާދިސާތަކުގެ ވާހަކަތަކެކެވެ.

1960 ވަނަ އަހަރުގެ މާޗްމަހުގެ 9 ވަނަ ދުވަހަކީ މި ނެރުގައި ވަރަށް ވެސް ހިތާމަވެރި ހާދިސާއެއް ހިނގި ދުވަހެކެވެ. ފުވައްމުލަކު މަންތެފޮޅެ ހަސަންފުތުގެ ކެޔޮޅު ކަމުގެ ދަށުގައި މަހަށް ދާން ނެރުން ނިކުންނަނިކޮށް ރާޅުގައި ޖެހި ދޯނި ބަންޑުންވެ ދޯނިން ދިޔަ މީހުންގެ ތެރެއިން ކެޔޮޅު މަންތެފޮޅެ ހަސަންފުތާއި ދަށުކުބައިގޭ އަޙްމަދު ފުތުގެ އަލިފުތު ކަނޑުވެ ވަނީ ނިޔާވެފައެވެ.

1976 ވަނަ އަހަރު ޑިސެމްބަރު މަހުގެ 18 ވީ ހޮނިހިރު ވިލޭރޭ ފަތިހު މަހަށް ދާން ނުކުންނަނިކޮށް ރާޅެއްގައި ޖެހި ބޮއްކުރާ ފެތިފައިވަނިކޮށް ބޮއްކުރާ އާއި މީހުން ސަލާމަތް ކުރީ އެރޭ މަހަށްދާން ނިކުމެ އުޅުނު ފުވައްމުލަކު އަލުމަސްގޭ ވަދުދޯންޏާއި ހުދުހުދާގޭ ވަދުދޯންޏެވެ. މި ބޮއްކުރައިން ދިޔަ މީހަކަށް ގެއްލުން ނުވިއެއް ކަމަކު ބޮއްކުރާގެ ހިފައިގެންގުޅޭ ސާމާނާއި ފަލި ފަދަ ތަކެތި ގެއްލި ބޮއްކުރާ ވެސް ވަނީ މަރާމާތު ކުރަން ޖެހިފައެވެ.

1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 އެއް ވީ ބުރާސްފަތި ވިލޭރޭ ފަތިހު ދަށުކުބައިގޭ މޫސާ މުސްތަފާގެ ވަދުދޯނި ވަދާ ދިއުމަށް ނެރުން ނުކުންނަނިކޮށް ވިދިވިދިގެން އައި ތިން ރާޅުގައި ޖެހި ދޯނި ބަންޑުންޖަހާލައި މި ދޯނިން މަހަށް ދިޔަ މީހުންވެސް ދޯނި ދަށުވިއެވެ. މީގެ ތެރެއިން ފަތާފައި 5 މީހަކު އެއްގަމަށް އެރީއެވެ. ދެ މީހުން ގެއްލި ވީނުވީ ގޮތެއް ނޭނގިގެން ރަށުގެ ރައްޔިތުން ނިކުމެ ކަނޑާއި އެއްގަން ހޯދަމުން ދަނިކޮށް އެ ދެމީހުން (ޖުންޖުލައިގޭ އަޙްމަދު އިބްރާހިމް ދީދީ އާއި ފުނަމާގޭ އަބްދުﷲ އަލީ )ފެނުނީ މާނޭރު ނެރާ ދިމާއިން އަޑިއަށް ފެތި ނިޔާވެފައިވަނިކޮށެވެ.

2002 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފުވައްމުލަކުގައި ދުއްވާ ވާދީ ހާޑުވެއަރގެ ފައިބަރ ލޯންޗް މާނޭރު ބޭރު ބޯސާގައި ވަނިކޮށް އައި ވިލާގަނޑެއްގެ ވައިގައި ވާކަނޑައިގެން ތޮށި މައްޗަށް ލައްގައި ބޮޑެތި ގެއްލުންތަކެއް ލޯންޗަށް ލިބިފައިވެއެވެ.

އަދި ހަމަ އެދުވަސްވަރު ފުވައްމުލަކުން އައްޑޫ އަށް ދިޔަ ބަށި ޓީމެއް އައްޑޫން އެނބުރި ރަށަށް އައިސް މާނޭރުން ވަންނަނިކޮށް ނެގި ރާޅެއްގައި ދޯނި ބަންޑުންވެ ދޯނީގައި ތިބި މީހުންގެ ތެރެއިން ފުވައްމުލަކު ޖުންޖުލާގޭ ފާތިމަތު އިބްރާހިމް ދީދީ އާއި އެންދެރިމާގޭ މަރިޔަމް އަލިދީދީ ދީދީ އާއި ނިޝާން އައިޝަތު ޖަންނަތު އަދި ދުނބުގޭ ޚަދީޖާ އިބްރާހީމް އޮޔާދަމައިގެން ނެރުން ބޭރުވެ އެތަނުން ޖުންޖުލައިގޭ ފާތިމަތު އިބްރާހީމް ވަނީ ނިޔާވެފައެވެ. އެންދެރިމާގޭ މަރިޔަމް އަލިދީދީގެ ބަނޑުގައި އޮތް 4 މަސްވީ ދަރިފުޅަށް ގެއްލުން ލިބި އެދަރިފުޅު ބައިގެން ދިޔައީއެވެ. އައިޝަތު ޖަންނަތު އާއި ޚަދީޖާ އިބްރާހީމް ފެނުނުއިރު ތިބީ ވަރަށް ޙާލު ދެރަވެފައެވެ.

2002 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 28 ވަނަ ފުވައްމުލަކު ހުދުވެލި އައިޝަތު ހުޒައިމާ މާނޭރު ނެރުން އޮޔާދަމައިގެން ބޭރުވެ މޫދަށް ގެނބެނިކޮށް ސަލާމަތް ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް މިފަދަ އެތަކެއް ބިރުވެރި ހާދިސާތަކަކާއި ގުޅިފައިވާ މާނޭރެ ސަރަހައްދުގައި 2015 ވަނަ އަހަރު، އެރަށުގެ ހޮސްޕިޓަލްގައި މަސައްކަތް ކުރި ބޭރު ގައުމެއްގެ ޑޮކްޓަރަކުވެސް ވަނީ ފީނަން އުޅެނިކޮށް އޮއިގަނޑުގައި ޖެހި ވީއެއް ނުވީއެއް ނޭނގި ގެއްލިފައެވެ. އަދި އަދަށް ދާންދެން ވެސް ޑޮކްޓަރުގެ ޚަބަރެއް ނުވެއެވެ.

ހަމަ މިއާއެކު އިއްޔެ 2021 ޖެނުއަރީ 9 ވަނަ ދުވަހު) ރައްޓެހި ކުދިބަޔަކާއެކު މޫދަށް އެރިގެން އުޅެނިކޮށް އެތަނުން އެއްކުއްޖަކު އޮއިގަނޑުގައި ޖެހި އޮޔާ ދަނިކޮށް ސަލާމަތްކުރުމަށް ކުރި މަސައްކަތުގައި އުމުރުން އެންމެ 17 އަހަރުގެ އަޙްމަދު ފައުޒަން ވަކިވެގެން ދިޔަ ހާދިސާ އިން ފުވައްމުލަކުގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ބަޔަކު ދިޔައީ ކަރުނަ އަޅައި ރޮމުންނެވެ!!

ފައުޒަންގެ އާއިލާއާއި ގާތްތިމާގެ މީހުން ހޮސްޕިޓަލުގެ ބޭރުގައި: ފޮޓޯ އޭއޯ ނިއުސް

ބިރުވެރިކަމުން ފުރިގެންވާ އެތަކެއް ހާދިސާތަކެއް އެތަނާއި ގުޅިފައިވާ މި ނެރަކީ ވެސް ފުވައްމުލަކުގެ ނެރު ގޮއްވުމުގެ މަޝްރޫއުގެ ދަށުން 1981 ވަނަ އަހަރު ގޮއްވާފައިވާ ނެރެކެވެ. ނެރު ގޮއްވި ދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރު ކަމަށްވާތީ ރަސްގެ ފަންނުގެ މަސައްކަތް ކުރެވެން ނެތިގެން ފުރަތަމަ ގޮއްވަން ފެށީވެސް މާނޭރުންނެވެ. 380 ފޫޓު ދިގު 20 ފޫޓު ފުޅާ މިން ހުރި މިނެރުގެ ފުން މިނަކީ ހިކިދިޔާގައި 2 ފޫޓް އަދި ބޮޑު ދިޔައިގައި 5 ފޫޓެވެ.

ފުވައްމުލަކުގެ ފުއްޓަރު ފަރާތުގައި ކަނޑާފައިވާ ނެރުތަކަކީ މަރުގެ ދަންތުރަ ތަކެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ސިފަކުރެއެވެ. ގޮތް ނޭނގޭ ބާރު އޮއިވަރެއް ދެމޭ މިތަނަކީ ޚާއްޞަކޮށް ދިޔަވަރު ހިކި ގަޑިތަކުގައި ވަރަށް އޮއިބާރު ތަނެއް ކަމަށާއި ރާޅާ އެކު ދަމައިގަންނަ އިރު ދެފަރާތު ފަރުމަތިން އޮންނަ ލޮނުގަނޑު ދަމައިގެން ގެންދަނީ ނެރުގެ އެތެރެއަށް ކަމަށް ވެއެވެ. އަދި އެވަގުތު އުނަގަނޑާ ހިސާބަށް އޮންނަ ދިޔައިގައި ވެސް ސަލާމަތް ވުމަކީ އުނދަގޫ ކަމެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެއެވެ.

“އެތަނުން ނަގަނީ ވަގު ރާޅު. އެހެން ރީތިކޮށް އޮވެފައި ކުއްލިއަކަށް ފެންނަނީ ރާޅު ނަގާ ދަމައިގަންނަ ތަން. އެތަނަށް ދަމައިގަތް މީހަކު ގިނަ ފަހަރު ސަލާމަތެއް ނުކުރެވޭ” ފައުޒަން ގެއްލިގެން ހޯދުމަށް ރަށުގެ ރައްޔިތުން އަތިރިމައްޗަށް އެއްވެފައި ތިބި ވަގުތު އެސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ.

ރައްޔިތުންގެ އިލްތިމާސަކީ އިތުރު ހާދިސާއެއް ހިނގުމުގެ ކުރިން މާނޭރެ ބަންދުކޮށް ނެރުގެ މެދު ތެރޭގައި ޖިއޯ ބޭގް ޖަހައިގެން ވިޔަސް ކޮންމެވެސް ވަރަކަށް ބަރައި އެތަން ތިލަކޮށް ދިނުމެވެ. ހަމަ އެއާއެކު އިންޒާރުގެ ބޯޑު އެތަނުގައި ހަރުކޮށް އެއީ އެފަދަ ތަނެއްކަން މީހުންނަށް އެނގޭގޮތަށް ހަދައިދިނުމެވެ.

ބިރުވެރިކަމުން ފުރިގެންވާ ގިނަ ހާދިސާތަކަކާއި ގުޅިފައިވާ މި ސަރަހައްދު ގައި ހިނގާ މިފަދަ ހާދިސާތަކާ މެދު ކަމާ ބެހޭ މުއައްސަސާތަކުން ފުންކޮށް ވިސްނައި އަވަސް ފިޔަވަޅެއް އެޅުން މުހިއްމު ކަމަށް ބުނެ ރަށުގެ ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. ރައްޔިތުން ބުނަމުން ދަނީ ހިތާމަ ވެރި ހާދިސާއެއް ހިނގުމުން އެއީ ދުވަސްކޮޅަކަށް ދައްކާލާ ވާހަކަތަކަކަށް ހެދުމުގެ ބަދަލުގައި އިތުރު ފުރާނައެއް އެ ރާޅުތަކުގެ ދަށުގައި ނުވަނީސް ރައްޔިތުން ސަލާމަތް ކުރުމަށް ނިކުންނަން ވީ ވަގުތު ޖެހިއްޖެކަމަށެވެ. ފިނި ކޮޓަރިތަކުގައި ތިބެ ސައްލާ ކުރުމުގެ ބަދަލުގައި އެކަމަށް އަމަލީ ސިފަ ގެނެސް މައިންނާއި ބަފައިން އަދި އާއިލާތައް ބިރުވެރިކަމުން ނެރެދޭން ވެއްޖެކަމަށެވެ. ނޫނީ ފައުޒަން ފަދަ ހިތްވަރުގަދަ އިތުރު ދަރިންތަކެއް ބީވެގެން ދިއުން އަދިވެސް ގާތްކަމަށެވެ!!

1 ކޮމެންޓް
Aharen
ޖެނުއަރީ 11, 2021
2000 aharugehadhisakobaa