ކޮންމެ އަހަރަކު ރޯދަ މަހު ބާއްވަމުން އަންނަ ކްރިކެޓް ކާނިވަލް މި އަހަރު މާލޭގެ އިތުރުން އަތޮޅުތެ ތެރޭގެ ދެ ރަށެއްގައި ބޭއްވުމަށް ނިންމާފިއެވެ.
ކްރިކެޓް ބޯޑްސް އޮފް މޯލްޑިވްސް އިން ބުނީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކްރިކެޓް ކާނިވަލް މި އަހަރު މާލޭގެ އިތުރުން ފުވައްމުލައް ސިޓީ އާއި ލ. ކުނަހަންދޫގައި ބޭއްވުމަށް ވަނީ ނިންމާފައިވާކަމަށެވެ.
މިއަހަރުވެސް މާލޭގައި ތިން މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މާލޭގައި ކުރިއަށް ދާނީ ސަރުކާރުގެ ކުންފުނި އަދި އޮފީސް މުބާރާތާއި، ކުންފުނި މުބަރާތުގެ އިތުރުން އޯޕެން މުބަރާތެވެ. އަދި ފުވައްމުލައް ސިޓީ އާއި ކުނަހަންދޫގައި ކުރިއަށް ދާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެވެ.ކްރިކެޓް ބޯޑްސް އޮފް މޯލްޑިވްސް އިން ބުނީ ސަރުކާރުގެ ކުންފުނި އަދި އޮފީސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 6 ޓީމަށް ލިބިގެންދާނެކަމަށާއި އަދި ކުންފުނި މުބަރާތާއި އޯޕެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 12 ޓީމަށް ލިބިގެންދާނެކަމަށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 16ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ކްރިކެޓް ބޯޑްސް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރާއްޖޭގެ އަތޮޅުތަކުގައިވެސް މި ކުޅިވަރު ކުރިއެރުވުމަށް ގިނަ މުބާރާތްތަކެއް ދަނީ ބާއްވަމުންނެވެ.