English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ މާނޭރެ ސަރަހައްދަށް އިއްޔެ ގެނބިގެން ނިޔާވި ސެކަންޑް ޏަވިޔަނި ސްކައުޓް ގްރޫޕްގެ ސްކައުޓް ޕެޓްރޯލް ލީޑަރ އަޙްމަދު ފައުޒަން (17 އަހަރު) ވަކިވެގެން ދިޔައީ އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަމުން ކަމަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ފައުޒަން ނިޔާވި ޚަބަރާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ފޮނުވި ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ ފައުޒަން އަކީ ސްކައުޓް ހަރަކާތުގައި ވެސް ވަރަށް ހީވާގި ކަމާއި މުރާލިކަމާއެކު ހަރަކާތްތެރި ދައުރެއް އަދާކުރަމުން ދިޔަ ޚުލްގު ހެޔޮ ސްކައުޓެއް ކަމަށެވެ. އަދި 2019 ވަނަ އަހަރު ހުޅުމާލޭ ފޭސް 2 ގައި ބޭއްވި 2 ވަނަ ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ގައި ބައިވެރިވި ފުވައްމުލަކު ސްކޫލްގެ ކޮންޓިންޖެންޓްގައި ވެސް ފައުޒަން ހިމެނެނީ ކޭމްޕްގައި ފުވައްމުލަކު ސްކޫލްގެ ސްކައުޓުންގެ ހުނަރުތައް ދައްކާލުމުގައި މުހިއްމު ދައުރެއް އަދާކުރި ސްކައުޓެއްގެ ގޮތުގައި ކަމަށެވެ.

” ފުވައްމުލަކު މާނޭރެ ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ސަރަހައްދަކީ ވަރަށް އޮއިބާރު ސަރަހައްދެއް،. ފައުޒަން އެހިސާބަށް މޫދަށް އެރިއުޅުނު ވަގުތު، މޫދަށް ގޮސްތިބި ދެ އަންހެން ކުދިން ބާރުގަދަ އޮއިވަރާއެކު ބޭރަށް ދަމައިގަތުމުން އެކުދިންނަށް އެހީތެރިވުމަށް ފައުޒަން ވަނީ މަސައްކަތް ކޮށްފައި. އެގޮތުން ފައުޒަން ކުރި ބުރަ މަސައްކަތުން އެ ދެކުދިން އިސްކޮޅު ޖެހޭ ހިސާބަށް ގެނައި ވަގުތު ކުއްލިއަކަށް ޖެހި ރާޅަކާއެކު ގަދަފަދަ ރާޅު ބާނީ ތަކުގެ ތެރެއަށް އޭނާ ދަމައިގަތީ. އެސަރަހައްދުގެ އޮއވަރު އެވަގުތު ގަދަކޮށް ހުރި ނަމަވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އޮއިވަރާއެކު ބޭރަށް ދަމަމުން ދިޔަ ދެ އަންހެން ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ފައުޒަން ވަނީ އެހީތެރިވެދީފައި. އޭނާ މި ދުނިޔެއާއި ވަކިވެގެން އެދިޔައީ އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކައިދީފައި” ސްކައުޓް އެސޯސިއޭޝަނުން ފޮނުވި ތައުޒިޔާގެ މެސެޖްގައި ބުނެފައިވެއެވެ.

ފައުޒަންގެ ކުއްލި ހިތާމަވެރި މަރުގެ ޚަބަރާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވެސް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުވާފައެވެ. މީގެ އިތުރުން ފައުޒަން ކިޔަވަމުން އަންނަ ފުވައްމުލަކު ސްކޫލުން ވަނީ އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މިއަދު ނޯންނާނެ ކަމަށް ވެސް އަންގާފައެވެ.