އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޭސްބުކް ބޭނުންކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް ބުނެ ފޭސްބުކްގެ ޗީފް އެކްސެކެޓިވް މާކް ޒަކަބާގް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ޓްރަމްޕްގެ ރިޔާސީ ދައުރު ނިމެންދެން “ފޭސްބުކް” އަދި “އިންސްޓަގްރާމް”ގެ ޙިދުމަތްތައް ބޭނުންނުކުރެވޭ ގޮތް ހަދާފައެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓަރަމްޕް، އަލަށް އިންތިހާބުވި ޖޯ ބައިޑަން އަށް ވެރިކަން ބަދަލުވުމާއި ދެމެދު މި އޮތް ދުވަސްތައް ސުލްހަވެރިކަމާއެކު ކުރިއަށްގެންދަން ބޭނުންނުވާކަން އޭނާގެ މީސްމީޑިއާ ޕޯސްޓުތަކުން ހާމަވާތީ ބައެއް މީސްމީޑިއާތަކުން ޓްރަމްޕްގެ އެކައުންޓުތަކަށް ލިބެން ހުންނަ ޙިދުމަތްތައް ވަނީ މަދު ކޮށްފައެވެ. އަދި ބައެއް މީސްމީޑިއާތަކުން ޓްރަމްޕްގެ ޕޯސްޓުތައް މީހުންނަށް ނުފެންނަގޮތް ހަދާއިރު ބައެއް މީސްމީޑިއާ ތަކުން އެފަދަ ޕޯސްޓްތައް ރިމޫވްކުރަމުން އަންނަކަންވެސް ފާހަގަވެއެވެ.
ފޭސްބުކް އިން ޓްރަމްޕް ބޭން ކުރަން ނިންމާފައިވާ ނަމަވެސް ޓްވިޓަރ އިން ބުނާގޮތުން ޓްރަމްޕްގެ ބައެއް ޓްވީޓްތައް ނުރައްކާތެރި ވުމުން އެ ޓްވީޓްތައް ރިމޫވްކުރި ނަމަވެސް ޓްރަމްޕްގެ އަކައުންޓް އެއްކޮށް ސަސްޕެންޑް ކުރާނީ އެފަދަ ޓްވީޓްތައް ތަކުރާރު ވަމުން އަންނަ ނަމައެވެ. “ފޭސްބުކް”ގެ އިތުރުން “ސްނެޕްޗެޓް” އިންވެސް މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕަށް ޙިދުމަތް މެދުކަނޑާލާފައި ވާއިރު ޔޫޓިއުބް އިން އިންތިހާބުތަކާއި ބެހޭ ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކަށް ޙާއްޞަ ޕޮލިސީތަކެއް ކަނޑައަޅައި އެފަދަ އެކައުންޓްތައް ސަސްޕެންޑްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ވީޑިއޯ ސްޓްރީމިންގ ޕްލެޓްފޯމެއް ކަމަށްވާ “ޓްވިޗް” އިންވެސް ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ މަގުބޫލު އެކަކު މިގޮތަށް މީސްމީޑިއާ ޕްލެޓްފޯމްތަކުން ބޭން ކުރަން ނިންމުމަކީ ފަސޭހަ ނިންމުމަކަށް ނުވާނެއެވެ. ކުރިންވެސް ޓްރަމްޕް ހަގީގަތް އޮޅުވާލާ ފަދަ އެކި ކަހަލަ ޕޯސްޓްތައް ކުރަމުން ގެންދާކަން ފާހަގަކޮށް ބައެއް މީހުން ބުނާގޮތުން މިފަހަރު ފޭސްބުކް މި ނިންމުން ނިންމާފައި މިވަނީ ޓްރަމްޕްގެ ވެރިކަން ބަދަލުވާނޭކަން ކަށަވަރުވެފައި ވާތީ ދެން ވެރިކަމަށް އަންނަ ޖޯ ބައިޑަންގެ ތައުރީފް ހޯދުމަށް ކަމަށެވެ.