އެމެރިކާގެ ރައީސަކު ހޮވުމަށް ކުރިއަށް ގެންދާ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވޯޓު ކާމިޔާބު ކުރެއްވި ރިޔާސީ ކެންޑިޑޭޓަކަށް ޖޯ ބައިޑެންވެ ވަޑައިގެންފި އެވެ.
އިންތިޚާބުގައި ވޯޓުލާ ނިމުނުތާ 12 ގަޑިއިރުވީ އިރު ވެސް ކާމިޔާބުކުރި ކެންޑިޑޭޓެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އެންމެ ފަހުގެ ނަތީޖާތަކާ އެކު ބައިޑަން އުޅުއްވަނީ 264 އިލެކްޓޯރަލް ވޯޓުން ކުރީގަ އެވެ. އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
އެމެރިކާގެ އިންތިހާބީ ނިޒާމު އޮންނަ ގޮތުން އެންމެ ގިނަ އަދަދަކަށް ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސްކަން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން 2016 ވަނަ އަހަރު ޑިމޮކްރެޓިކް ކެންޑިޑޭޓު ހިލަރީ ކްލިންޓަންއަށް، ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕަށް ވުރެ އިތުރަށް ގާތްގަނޑަކަށް ތިން މިލިއަން ވޯޓު ލިބުނު ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. ސަބަބަކީ ރައީސާއި ނައިބު ރައީސް ހޮވާ އިލެކްޓަރުންގެ އަދަދު ޓްރަމްޕަށް ލިބުނު މިންވަރު އިތުރުވުމެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުން މިހާތަނަށް ލިބިފައިވާ ނަތީޖާއިން ދައްކާ ގޮތުގައި އެންމެ ގިނަ ވޯޓާއި އިލެކްޓަރުންވެސް ލިބެނީ ބައިޑެންއަށެވެ.
މީގެ ކުރިން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ވޯޓު ކާމިޔާބު ކުރެއްވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ. އެއީ 69.4 މިލިއަން ވޯޓެވެ. ނަމަވެސް އޮބާމާގެ ނައިބު ރައީސްކަން ކުރެއްވި ބައިޑެން ވަނީ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ރެކޯޑު ހޯއްދަވާފަ އެވެ. އެގޮތުން މިހާތަނަށް އޭނާއަށް 70 މިލިއަނަށް ވުރެ ގިނަ ވޯޓު ވަނީ ލިބިފަ އެވެ.
އެމެރިކާގެ އިންތިޚާބުގައި މި ފަހަރު 160 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށް ލަފާކުރެވެ އެވެ. އޭގެ ތެރޭން 101.1 މިލިއަން މީހުން ވޯޓުލާފައި ވަނީ އާލީ ވޯޓިންގެ ގޮތުގަ އެވެ. އާލީ ވޯޓިންގެ 65.2 މިލިއަން މީހުން ވޯޓުލާފައި ވަނީ ޕޯސްޓުންނެވެ.