English Edition
Dhivehi Edition

އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފި އެވެ. ދެވަނަ ފަހަރަށް ޓްރަމްޕްޓް އެގައުމުގެ ރައީސް ކަމުން އިމްޕީޗް ކުރުމަށް ފާސްކޮށްފައިވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ޓްރަމްޕުގެ އަމިއްލަ ޕާޓީގެ 10 މެމްބަރުންގެ ތާއިދާވެސް އެކުއެވެ. މި ނިންމާއި އެއްކޮޅަށް ހައުސްއިން 232 މެމްބަރުން ވޯޓް ދިނެވެ. އިދިކޮޅަށް ވޯޓް ދިނީ 197 މެމްބަރުންނެވެ. ވަކިކޮޅަކަށް4 މެމްބަރުން ވޯޓް ނުދެއެވެ.

އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ ޓްރަމްޕްގެ ސަޕޯޓަރުން މިދިޔަ ހަފްތާގައި ކޮންގްރެސްގެ އިމާރާތް، ކެޕިޓަލް ތެރެއަށް ވަދެގަނެގެން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވުމުގެ ތުހުމަތުގައެވެ. ހައުސް އިން ޓްރަމްޕް އިމްޕީޗުކުރިޔަސް އޭނާ މަގާމުން ދުރުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސް އިން ފުރަތަމަ ޓްރަމްޕް އިމްޕީޗްކުރީ 2019ގަ އެވެ. ޓްރަމްޕްގެ ފުރަތަމަ އިމްޕީޗްމެންޓްގައި، އޭނާ ވެރިކަމުން ދުރު ނުކުރަން ސެނެޓުން ނިންމީ 21 ދުވަހުންނެވެ. ކުރިން އިމްޕީޗްކުރި ދެ ރައީސުންގެ ސެނެޓް ޓްރަޔަލް އަށް 83 ދުވަހާއި 37 ދުވަސް ހޭދަވި އެވެ.

ޓްރަންޕުގެ ދައުރު މިމަހުގެ 20 ވަނަދުވަހު ހަމަވާނެއެވެ. އެހެންކަމުން ސެނެޓްގައި ޓްރަމްޕު މަޤާމުން ދުރުކުރުމުގެ މަސައްކަތް ބައިޑެން ހުވާކުރެއްވުމުގެ ކުރިން ކުރިޔަށް ގެންދާނެ ވަގުތު ނެތްކަމަށް ވިދާޅުވެ އޭގެކުރިން ސެނެޓުގެ ބައްދަލުވުމެއް ނުބޭއްވުމަށް ސެނެޓްގައި ހުންނަވާ ރިޕަބްލިކަން މެޖޯރިޓީ ލީޑަރ މިޗް މެކޮނެލް ވަނީ ނިންމަވާފައެވެ. އަދި ދައުރު ނިމުމުން މި މައްސަލަ ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

ޓްރަމްޕް ކުއްވެރިވާ ކަމަށް ސެނެޓުން ނިންމައިފި ނަމަ އިތުރު ވޯޓެއް ނަގައި އޭނާ އަށް ދެން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ފާސްކުރެވިދާނެ އެވެ. ޓްރަމްޕްގެ ދައުރު ހަމަވިޔަސް އޭނާގެ އިމްޕީޗްމަންޓް ޓްރަޔަލް ސެނެޓުގައި ކުރިއަށް ގެންދާނީ މި ސަބަބަށެވެ.

އެމެރިކާގެ ތާރީޚުގައި ޓްރަމްޕް ފިޔަވާ ވެރިކަމުން އަޒުލްކުރުމަށް ނިންމާފައިވަނީ ދެ ރައީސުންނެވެ. އެއީ 1868ގައި އެންޑްރޫ ޖޯންސަންއާއި 1998 ގައި ބިލް ކިލްޓަންއެވެ.