ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެވިއްޖެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
“އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބުކޮށްފިން،” ވައިޓް ހައުސްގެ އީސްޓް ރޫމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު އަދި އިންތިޚާބުގެ ނަތީޖާ ގުނައި ނުނިމެއެވެ.
ވައިޓް ހައުސްގައި ހުންނަވައިގެން ޓްރަމްޕް ދެއްވި ބަޔާނެއްގައި އޭނާ ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާ މިހާރު ކުރި ހޯއްދަވާފައިވާ ސްޓޭޓުތަކުގެ ތެރޭގައި ފްލޮރިޑާ، އޮހަޔޯ، ޓެކްސަސް، ޖޯޖިއާ، ނޯތު ކެރޮލައިނާ، މިޝިގަން ހިމެނޭ ކަަމަށް ވިދާޅުވެފަ އެވެ. އަދި 20 އިލެކްޓަރުން ތިބޭ މުހިއްމު ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގައިވެސް ކުރީގައި އުޅުއްވަނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.
އަދި މިހާތަނަށް ސްޓޭޓުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާ އިރު ބައިޑަން އުޅުއްވަނީ 237 އިލެކްޓޯރަލް ކޮލެޖް ވޯޓުން ކުރީގަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.
މި ނަތީޖާއަށް ބުރަވެ ވަޑައިގެން ޓްރަމްޕް ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި ބޮޑު އޮޅުވާލުމެއް ހިނގާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ވޯޓު ވަރަށް ހަމަހަމަކޮށް އަދި މިހާތަނަށް ދައްކާފައިވާ އިރު ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.