ގއ. ދެއްވަދޫއިން ކޮވިޑް އަށް ގިނަބަޔަކު ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އޭއޯ ނިއުސްއަށް މައުލޫމާތުދެމުން ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް ވިދާޅުވީ ޖެނުއަރީ 6 ވަނަދުވަހު އެރަށުން ފައްސިވެފައި ވަނީ މާލެއިން އައިސް ކަރަންޓީންގައި ހުރި ފަރާތެއްކަމަށެވެ. އަދި ފައްސިވެފައިވަނީ ކުޑަކުއްޖެއް ކަމަށާއި ފައްސިވެފައިވާ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓުވި 7 މީހުންގެ ނަތީޖާވެސް މިއަދު ފައްސިވެފައިވާއިރު އަދި އިތުރަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ތައުފީގު ވިދާޅުވިއެވެ.
މިއަދު ފައްސިވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުވި މަސްވެރިއަކުވެސް ހިމެނޭ ކަމަށާއި މިހާރު އެ ދޯނިން މަހަށްދާ ހުރިހާ މަސްވެރިން ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށްވެސް ތައުފީގު ވިދާޅުވިއެވެ.
މިދުވަސްވަރަކީ ގިނަބަޔަކު ޗުއްޓީ ހޭދަކޮށްލަން އެކި ރަށްރަށަށް ދަތުރުކުރާ ދުވަސް ކޮޅެއްކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އިތުރުކޮށް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެޗްޕީއޭން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.