ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި މޯލްޑްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގުޅިގެން މަހުގެ ބާވަތްތައް ރާއްޖެއިން ބޭރަށް އިންޓަނޭޝަނަލް މާކެޓުތަކުގައި ވިއްކަން ތައްޔާރު ވެއްޖެއެވެ.
މިފްކޯގެ މެނޭޖިންގ ޑިރެޖްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެފައިވާ ގޮތުގައި މިކަމަށް ތައްޔާރުވުމުގެ ގޮތުން 30 ކޯލްޑް ސްޓޯރޭޖް މިހާރު ވާނީ އޯޑަރު ކޮށްފައެވެ. އަދި 25 ޓަނުގެ ކެޕޭސިޓީއެއް ހުންނަ، 40 ފޫޓުގެ މި ކޯލްޑް ސްޓޯރޭޖްތައް ލިބުނުހާ އަވަހަކަށް މި މަސައްކަތް ފަށާނެކަމަށް ފައުޒީ ވިދާޅުވިއެވެ.
ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް (އެފް އެފް އެމް އެލް) ގައި މިހާރު މަސްވެރިން ބާނާ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ހުރި މިންވަރު ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އިންޓަނޭޝަނަލް މާކެޓުގައި ބޮޑު އަގުގައި ވިއްކުމަކީ މިކަމުގެ މައިގަނޑު މަޤްސަދެވެ.
މީގެ ކުރިންވެސް މަހުގެ ބާވަތްތައް އިންޓަނޭޝަނަލް މާކެޓަށް ލިލީ އާއި ޓީޓީއެސްގެ ކޮންޓެއިނަރު ތަކުގައި ވިއްކާފައި ވާނެ ކަމަށާއި ކަމަށާއި މިފަހަރު މި މަސައްކަތް އެމްއެސްއެސް އާއި ގުޅިގެން ފެށިގެންދިއުން މިއީ ލިބޭ ކުރިއެރުމެއް ކަމުގައި ފައުޒީ ވިދާޅުވިއެވެ.
މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން މިފްކޯގައި އިތުރަށް އައިސް އުފެއްދޭނެ ފެސިލިޓީއެއް ގާއިމުކުރުމަށް ބޭނުންވާ ސާމާނު މިހާރު އެ ކުންފުނިން ވަނީ އޯޑަރު ކޮށްފައެވެ.