English Edition
Dhivehi Edition
މިފްކޯގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަމާހު

މިފްކޯގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަމާހު ސަސްޕެންޑު ކުރުމުގައި ޕީސީބީން ގޯސްކޮށް އަމަލުކޮށްފައިވާކަމަށް ބައެއް ގާނޫނީ ވަކީލުން ބުނެފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު ހޯމަ ދުވަހު ކުއްލިގޮތަކަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ސާދަ ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި ޕީސީބީން ޝަމާހަށް ފޮނުވި ސިޓީން ހަމައެކަނި ސާފުވާން އޮތް ކަމަކީ ހުށަހެޅިފައިވާ މައްސަލައެއް ބަލާ ކަމަށެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެކަންޏެޗެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުވަތަ ސަސްޕެންޑް ކުރަން ޖެހުނީ ކޮންކަމަކާ ގުޅޭގޮތުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވޭއެޗެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ދަށުން ޝަމާހު ސަސްޕެންޑް ކުރިއިރު، މިފްކޯގެ މައްޗަށް ޕީސީބީން ފާހަގަކުރި 12 މައްސަލަ ހުއްޓާލުމަށް އަންގައި، ކުރިން ފޮނުވި ސިޓީގައި އެއީ ބަޔަކު ދިން މައުލޫމާތެއް ކަމަށާއި، އެފަދަ ކަންކަން ހިނގާ ކަމުގައިވާނަމަ، އެކަން ހުއްޓާލުމަށް އެންގިކަން ބަޔާންކޮށްފައިވެއެވެ. އަދި ޝަމާހު އާ ދެކޮޅަށް ޕީސީބީން ފާހަގަކޮށްފައިވާ ކަންކަމަކީ އެ ބޯޑަށްވެސް ޔަގީން ނުވާ ކަންކަން ކަމުގައިވާއިރު، އެކަމަށް އިޝާރާތްކޮށް ކުއްލިގޮތަކަށް އެންކުއަރީއެއް ހަދަން ޖެހުނީ ކީއްވެކަމެއް ޕީސީބީއަށް ބުނެދެވިފައެއް ނުވެއެވެ. މީގެ އިތުރުން މިއީ ކުރިން ފާހަގަކުރި، ޕީސީބީއަށް ޔަގީން ނުވާ 12 މައްސަލަތޯ ނުވަތަ އައު މައްސަލަތަކެއް ތޯ ވެސް ސާފެއް ނުވެއެވެއެވެ.

ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ޖަވާބުދާރީ ވުމުގެ މަރުހަލާ އާންމުކޮށް އެފަދަ އިންކުއަރީއެއް ފެށުމަށްފަހު ކުންފުންޏެއްގެ ވެރިއަކަށް ދޭއިރު، ޕީސީބީއަށް ޔަގީން ނުވާ ކަމެއްގައި ދެވަނަ ފަހަރާ އެ ކަންކަން ފާހަގަކޮށް އެންކުއަރީއެއް ހަދަން ކުއްލިގޮތަކަށް އެންގިއިރު، އެންކުއަރީއެއް ހެދުމަށް ނިންމިކަން ޝަމާހުއަށްވެސް އަދި އެކުންފުނީގެ އެއްވެސް ފަރާތަކަށް އަންގައި، ބަލަނީ ކޮން މައްސަލައެއް ކަމެއް އެނގޭކަށް ނެތެވެ. އެއާ ހިލާފަށް އެފަދަ އެންކުއަރީއެއް ހެދުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް އެންކުއަރީއެއް ހަދާ ވާހަކަ ޝަމާހުގެ ސަސްޕެންޝަން ސިޓީގައި ބަޔާންކުރުން ފިޔަވައި އިޖުރާއީ އަދާލަތު ގާއިމްކުރުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ސުރުހީވެސް އަޅާފައެއް ނުވެއެވެ.

މިއީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ސީދާ ގާނޫނާ ހިލާފަށް ކުންފުނި ހަރާބުކުރާ ބަޔަކު އަޑީގައި ތިބެގެން ހިންގާފަ އޮތް ޖަރީމާ އެއްގެ ގޮތުގައި ފެންނަން އޮތްކަމަށް ގާނޫނީ ފަންނުގެ މާހިރަކު މިއަދު ވިދާޅުވިއެވެ.

އެހެން ކަމުން އެއީ އުސޫލާ ހިލާފަށް ޕީސީބީން ހިނގާފައިވާ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ވަކީލު ވިދާޅުވީ މި މައްސަލާގައި އޮތީ ތުހުމަތަކަށްވުރެ ފްލޯކު ވާހަކަތަކެއް ކަމަށެވެ.

މިފްކޯ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ވަޑައިގަތުމަށް ޕީސީބީން އަންގާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އެގްޒެކެޓިވް (ސީއެފްއޯ) އިލްޔާސް ހަނީފާއެވެ. އެކަމަކު ކުންފުންޏެއްގެ އިސް ވެރިއަކު ސަސްޕެންޑް ކުރުމުން އެ ކުންފުނީގެ ހިންގުން އެހެން ފަރާތަކާ ހަވާލުކުރާނީ އެ ކުންފުންޏެއްގެ ބޯޑުން. އެގޮތުން ބޯޑު ބައްދަލުވުމެއް ބާއްވައި، ޑެޕިއުޓީއެއް ނެތް ނަމަ، އެހެން ފަރާތެއް އައްޔަން ކުރާނީވެސް ކުންފުނީގެ ބޯޑުންނެވެ. އެއީ ޕީސީބީން ނިންމަންޖެހޭ ކަމެއް ނޫނެވެ.

ޝަމާހު ސަސްޕެންޑް ކުރިކަން ލިޔުމުން އެންގިތާ ގިނައިރުތަކެއް ނުވަނީސް ޕީސީބީގެ މެންބަރުން ވަނީ މިފްކޯގެ ސީއީއޯ ބިއުރޯއަށް ކުއްލިގޮތަކަށް ވަދެގަނެ ބިއުރޯގެ މީޓިން ރޫމް ހިސާރުކޮށްފަކަމަށް ވެސް މައުލޫމާތު ލިބޭ. އެއަށްފަހު ސީއެފްއޯ އާއި ޝަމާހުއާ ދެކޮޅަށް ބަޣާވާތެއް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓު ކުރި، އެކުންފުނީގެ އިސް މުވައްޒަފެއް ކަމުގައިވާ ޝަފްނާ މޫސާ އެތަނަށް ވަތްކަން ވަނީ އެނގިފައެވެ. އެމީހުން ކުއްލިގޮތަކަށް ބިއުރޯއަށް ވަދެގަތީ ކުރިން އެންގުމަކާ ނުލައި ވަރަށް އަނިޔާވެރިގޮތަކަށްކަން އެ ވަގުތު އެ މަންޒަރު ދުށް މިފްކޯގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

މިފްކޯގެ ސީއީއޯ އަށް ޖަވާބުދާރީވާން ވެސް ފުރުސަތެއް ނުދޭކަމަށާއި, ހީވީ ބަޔަކު އަރަގަތްހެންކަމަށް ވެސް މިފްކޯގެ މުވައްޒަފު ބުންޏޭވެ. ޝަފްނާ ބޭނުންވާ ވައްކަން ނުކުރެވުމުން ޕީސީބީގަ އުޅޭ އަންހެނަކު ލައްވައި ޝަފްނާ ކުރުވިކަމެއްކަމަށް ވެސް މިފްކޯގެ މުވައްޒަފު ބުންޏެވެ.

މިކަމާ ގުޅިގެން ޕީސީބީގެ އިސްވެރިޔަކު ވިދާޅުވީ އެއީ ބޯޑުގެ ނިންމުމެއް ކަމުގައެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމުގެ ތުހުމަތު ޕީސީބީއަށް އަމާޒުވެފައި އޮތްކަމަށް ކުންފުނީގެ ގިނަ ބަޔަކު ގަބޫލުކުރާ މި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް މުވައްޒަފުން ކުރަނީވެސް ޝަފްނާއަށްކަމަށެވެ.

ޕީސީބީން މިއަދު ޝަފްނާ އާއެކު ބޭއްވި ބައްދަލުވުން ވަކިގޮތަކަށް ނުނިމި، އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މާދަމާ ވެސް އެ ކުންފުނީގެ ސީއީއޯ ބިއުރޯތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަފްނާ އަކީ ކުރީގެ ވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމަށް އައި މީހެއް ކަމަށް ވިޔަސް ނާގާބިލު މީހެއް ކަމުގައި ކުންފުނީގެ މުވައްޒަފުން ވަނީ ސިފަކޮށްފައެވެ. އޭނާގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފާހަގަވުމާއި، ކުންފުނީގެ ގާބިލް މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފަދަ ކަންކަމާ ގުޅިގެން ޝަމާހު ވަނީ މީގެ ކުރިން ޝަފްނާގެ ޑިޕާޓުމެންޓް ބަދަލުކޮށްފައެވެ. އަދި ޝަފްނާ ކުންފުނީގެ ތެރޭގައި ބަގާވަތްކުރަނީ އެ ސަބަބާހުރެ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ވަނީ ބުނެފައެވެ.

ޓެގު