English Edition
Dhivehi Edition
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް ސަރަހައްދަށް ޓޫރިޒަމް މިނިސްޓަރ ވަޑައިގަންނަވަނީ: ފޮޓީޯ ޒަޔާން މުޚްތާރު އޭއޯ ނިއުސް

އައްޑޫސިޓީގެ ޓޫރިޒަމް އިން ވަންނާނީ ޕައުންޑޭ ވިދާޅުވި ބަހުގެ މާނައަކީ އައްޑޫސިޓީއަށް އެންމެ ގިނައިން އަންނަ ފަތުރުވެރިންގެ ތެރޭގައި އިނގިރޭސީން ހިމެނޭ ކަމަށް ބެލެވޭ ވާހަކަ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓޫރިޒަމް ފުޅާވުމާއެކު، އެހެން މީހުންނަށް ޑޮލަރު ލިބުނަސް އައްޑޫ މީހުންގެ ޖީބަށް ވަންނާނީ އިނގިރޭސި ފައިސާ ޕައުންޑު ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވަނީ އައްޑޫގެ ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ގެ މި ވާހަކަފުޅާއި ގުޅިގެން ސޯޝަލް މީޑީއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ ތަފާތު ގޮތްގޮތަށް މިވާހަކަތައް ދައްކަމުންނެވެ. އެގޮތުން އައްޑޫގެ ރައްޔިތުންގެ އިހްސާސްތަކާއި ޕައުންޑާ ގުޅިފައިވާ ކަމަށާއި ޕައުންޑޭ ވިދާޅުވުމުން ދެކުނުގެ ރައްޔިތުން ނަށް ދެވިގެންދަނީ ޔޫކޭގެ ޕައުންޑް މަންޒިލަކަށް ވުމުގެ އުފާވެރިކަން ކަމަށް ބައެއް މީހުން ބުނެފައިވާ އިރު އަނެއް ބަޔަކު ބުނެފައިވަނީ ޕައުންޑޭ ވިދާޅުވެ މިނިސްޓަރ އައްޑޫގެ ޓޫރިޒަމަށް ފާޑުވިދާޅުވީ ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު މިހެން ވިދާޅުވީ، ފާހަގަ ކުރި ހަފްލާއާއި ގުޅުވާލައިގެން އިނގިރޭސިންގެ ދުވަސްވަރު އައްޑޫގައި ވިޔަފާރީގެ ބޭނުންތަކަށް ޕައުންޑު ބޭނުން ކުރާތީ އެވެ. އިނގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު އައްޑޫ ވިޔަފާރީގެ ހަބަކަށް ބަދަލުވެ، އައްޑޫގެ އެތައް ބަޔަކު މުއްސަނދިވީ ވެސް ޕައުންޑުން ފެށި ވިޔަފާރިތަކުންކަމަށް ވާތީއެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އަޅުގަނޑުމެން އާންމުކޮށް ވާހަކަ ދައްކާއިރު ކިޔަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ވާހަކަ ކަމަށާއި އެހެން ނަމަވެސް އައްޑޫ ސިޓީގައި ރައްޔިތުންގެ ޖީބަށް ވަންނާނީ ޕައުންޑް ކަމަށް ވިދާޅުވާން ބޭނުން ކަމަށެވެ.

“އެއީ އަޅުގަނޑުމެން މިސްރާބު ޖަހާ ދިމާލަކީ،” ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ބްރިޓިޝް ލޯޔަލްޓީ ޝިޕްވްރެކް ޑައިވް ސައިޓަކީ ރާއްޖެ އަދި ދުނިޔޭގެ މަޤްބޫލު ޑައިވް ސައިޓެއްގެ ގޮތުގައި އިޝްތިހާރުކޮށްދޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރުމުގެ ހަރަކާތް އިއްޔެ އިފްތިތާޙް ކޮށްފައިވާއިރު، މިހަރަކާތުގައި ރާއްޖެއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޑައިވަރުން މިސަރަހައްދަށް ޑައިވް ކޮށްފައިވެއެވެ.