ޖެނުއަރީ 5 ވަނަ ދުވަހާއެކު އައްޑޫގެ ތާރީޚުގެ ޗޭނަށް އިތުރުވެގެން އެދިޔައީ ފިސާރި ވަރުހުރި ބޮޅެކެވެ. މިހާތަނަށް ބައެއްގެ ޚިޔާލަށް ނާންނަފަދަ ކުރެހުމެއް ކުރައްސަވައި އެޚިޔާލު އުފަންކުރި ޙަގީގީ ބާނީއަކީ އައްޑޫމީދޫގެ ހުނަރުވެރި ޑައިވް އިންސްޓްރަކްޓަރ ޙުސެއިން މުފީދެވެ. އޭނާގެ މިޚިޔާލަށް ތިމާވެއްޓަށް ނުހަނު ބުރަކޮށް މަސައްކަތްކުރާ އޭނާގެ ވެސް ދައުރެއް އޮންނަ ނަލަފެހިމީދޫއިން ދިން ހޫނު ތަރުޙީބާއެކު އެކަމުގައި ޙަގީގީ ކުލަ ޖެހިގެން އެދިޔައީ އައްޑޫސިޓީއަށް ލިބޭ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައި ސާބިތުވެ ހުންނެވި އައްޑޫގެ މޭޔަރ ޢަބްދުﷲ ސާދިގު ދެއްވި އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަން ކަށަވަރެވެ.
ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް ޑައިވް އިއްޔެ ކާމިޔާބުކަމާއެކު އައްޑޫގައި ނިމިގެން ދިޔައިރު ނަލަފެހި ޖަމްޢިއްޔާއިން ވަނީ މިޙަރަކާތުގެ ޙަގީގީ މަގުސަދުވެސް ހާމަކުރައްވާފައެވެ. ނަމެއްގައި ކަމެއް ހިންގާލާ ނިންމުމުގެ ބަދަލުގައި ނަލަފެހިން މިކަމަށް ދީފައިވާ އަހައްމިއްޔަތުކަން މާބޮޑެވެ. ފުރަތަމަ ދުވަހުން ވެށިގެންވެސް މިއީ އެއްދުވަހުން ނިންމާލާ ކަމަކަށް ހަދަން އެމީހުން ނުރުހެއެވެ.
ފައްތާލާފައިވާ ތެޔޮ ޓޭންކަރު އޮތް ސަރަޙައްދަކީ މިއަދު ފީނާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ސަރަޙައްދެވެ. އައްޑޫގައި އަލަށް ހެދިފައިވާ ކަނޑުއަޑީގެ ދިރޭތަކެތީގެ ފަރެއްގެ ގޮތުގައި އެތަން ސިފަކުރާއިރު ދިވެހި ފަތުރުވެރިކަމުގެ ފީނާ މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ ޑައިވިން މާކެޓަށް މިތަން އިޝްތިހާރު ކުރުމަކީ މިކަމުގެ އެއް ބޭނުމެވެ. މިއާއެކު ތެޔޮ ޓޭންކަރު ފައްތާލެވުނު ޙާދިސާއަށް 75 ފުރުނުއިރު އެޓޭންކަރަކީ އެތައް ޤައުމެއްގެ ބަޔަކާ ގުޅުންހުރި ޝައުގުން ފުރިފައިވާ ތާރީޚެއް އޮތް އެއްޗެއް ކަމުން މިއީވެސް ގިނަ ބައެއްގެ ލޯ މިތަނަށް އަމާޒުވާނެ އެއްކަމެވެ.
މާސިންގާ ބިޔަ 134 މީޓަރުހުރި މި ޓޭންކަރު 1946 ޖެނުއަރީ 5 ގައި ކަނޑުއަޑިއަށް ފައްތާލުމަކީ އުފަލެއްކަމަށް ނަލަފެއްސަކުން ނަހަދައެވެ. އަދި މިއީ އައްޑޫގެ ރައްޔިތުންވެސް އުފާ ފާޅު ކުރާ ކަމެއް ނުމެ ނޫންމެއެވެ. އެޙާދިސާއާއެކު އައްޑޫގެ ތިމާވެއްޓަށްވެސް ފޫނުބެއްދޭފަދަ އަސަރުތަކެއް ކުރުމަށްފަހު މިއަދު އެކަން އެވަނީ އަނެއް ފުށަށް ފުރޮޅާލެވިފައެވެ.
ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ޝިޕްރެކްގެ ފަޚުރާއެކު ކަހަނބާއި ކޯމަހާއި މަޑީގެ ފަރި ޙަރަކާތްތައް މިހާތަނަށްވެސް އެތަނުން އާދަޔާއި ޚިލާފަށް ފެންނަމުންދާ އައްޑޫގެ ކަނޑު އަޑިއަށް އިތުރު ދިރުމެއް ގެނެސްދީފިއެވެ.
ހަމަ ކޮންމެ މީހަކުވެސް ފުރުސަތު ހޯދައިގެން ބަލާލަންވީ ތަނަކީ މިއީއެވެ. އައްޑޫގެ ކޯއްޓޭ ގޮނޑަކީވެސް ސްނޯކަލް ކުރުމަށާއި ޑައިވިނަށް ޚާއްސަ މަންޒިލަކަށް ވެފައި އެތަނަށް ޚާއްސަ “ޔުނީކް” ސިފަތަކެއް ލިބިފައިވާ ބީދައިން މިއީވެސް އެފަދަ ހިތްގައިމު ތަނެއްކަމަށް ޑައިވަރުން ސިފަ ކުރެއެވެ. އެހެންކަމުން މުރަކައިގެ ބަގީޗާއެއްފަދަ މިރީތި އެކޯސިސްޓަމަށް މީހުން އަހުލުވެރިކޮށްގެން އައްޑޫސިޓީގެ ޓުއަރިޒަމް އާ ހަރުފަތަކަށް ގެނެވޭނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެންކަމަށްވާނަމަ ނަލަފެހިން އެކިޔާ “ސުވާދީބް ޓުއަރިޒަމް ޒޯން”ގެ ކާމިޔާބު އަހަރަކަށް މިއަހަރު ވެގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
އެއް ލައްކަ ފަތުރުވެރިންނަށް އަމާޒު ހިފާފައިވާ މިޚާއްސަ މަސައްކަތަކީ މުޅި އައްޑޫސިޓީއަށް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމެކެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާ ތަކާއި ރަށްރަށުގެ ވެރިންނާއި ރައްޔިތުންގެ މިންނެތް މަސައްކަތުން މިކަން ޙަގީގަތަކަށް ހެދުމަކީ ފަސޭހަ ކަމެކެވެ.