English Edition
Dhivehi Edition

އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ބޭރުގެ ސްކޫލަކުން ކޯސް ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

އެ ސްކޫލްގެ މައްސަލަތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ ދަރިވަރުންނަށް ދިމާވެފައިވާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އަދި މައްސަލަތައް ހައްލުކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Advt

Advertisement

މިނިސްޓަރު ނަހުލާ ވިދާޅުވީ، ފްލައިން ސްކޫލުން ކުދިންގެ ފްލައިން އަވާޒް ނިންމައިދީ، ކޯސް ފުރިހަމަކޮށްދޭތޯ ބަލަން ނުތިބޭނެ ކަމަށެވެ. އަދި ކުދިންގެ ރިކުއެސްޓާއެކު، ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލަކާއި އަދި ބޭރުގެ އެހެން ސްކޫލަކާ އެކުވެސް ކުދިންގެ ކޯހުގެ ނުނިމި ހުރި ބައި ނިންމޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މައްސަލަތައް ހައްލުކުރެވޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް މިއީ މިނިސްޓްރީން އެންމެ ކައިރިން ބަލާ އެއް މައްސަލަ ކަމަށާއި، މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އޭއޭއޭ ގެ ދަރިވަރުންގެ އަތުން ބޮޑެތި ފީތައް ނެގުމާއި، ކޯހުގެ މުއްދަތު ދަންމައި، އުދުހުމުގެ ތަމްރީންތަކަށް ފުރުސަތު ނުލިބި ބޮޑު ހަރަދެއް ހިނގާ މައްސަލަ އެ ސްކޫލުގެ ދަރިވަރުން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް ވިދާޅުވީ، ކުދިންގެ ކޯސް ފުރިހަމަ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެހެން ފްލައިން ސްކޫލަކުން ކޯހުގެ ބާކީ އޮތް ބައި ފުރިހަމަ ކުރެވޭނެތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ނަމަވެސް އެކަން ކުރުމަށްޓަކައި ކުދިން މިހާރު ކޯސް ފުރިހަމަކޮށްފައިވާ މިންވަރާއި ކޯހުގެ ނުނިމި އޮތް މިންވަރު ދެނެގަންނަން ޖެހޭ. އަދި އެ މައުލޫމާތު ފޯރުކޮށްދިނުމަށް ފްލައިން ސްކޫލުގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވާނީ އެދިފައި، ނަމަވެސް އެބޭފުޅުން އެތަނުގައި އެކަން ކުރައްވާ ކަމަކަށް ނުވާތީ އެ މައުލޫމާތު އަޅުގަނޑުމެންނަކަށް ނުލިބުނު. އެ މައުލޫމަތު އަޅުގަނޑުމެން ބޭނުންވީ މައިގަނޑު ދެ ސަބަބަކަށް. ފުރަތަމަ ސަބަބަކީ، ކުއްޖާގެ ނިމިފަ ހުރި ބައި އަޅުގަނޑުމެން ދެނެގަތުން، އަނެއް ސަބަބަކީ ކުއްޖާގެ ބާކީ އޮތް މުއްދަތު އަޅުގަނޑުމެން ދެނެގަތުން. މި ދެ މައުލޫމާތު ބޭނުންވާ ސަބަބަބީ އެހެން ފްލައިން ސްކޫލެއް ކައިރީ އަޅުގަނޑުމެން ކުއްޖާއަށް އޭނަ ކިޔަވާ ނިންމާފައި ހުރި ބަޔަށް ކްރެޑިޓް ލިބިދާނެތޯ އަހަން،” މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ކޯހުގެ ބާކީ އޮތް ބަޔަށް ފުރުސަތު ދެވިދާނެތޯ މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ ކުރައްވަވާ ކަމަށެވެ. މީގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދީފައިވާ ލޯނަށް ލުއިއެއް ދިނުމަށް ވެސް ސަރުކާރުން ނިންމާފައިވާ ކަމަށާއި ކޯސް ނިމުނުތާ ހަ މަސް ފަހުން ލޯނު ދައްކާ ގޮތަށް މުއްދަތު ފަސްކޮށްދީފައިވާ ކަމަށް މިނިސްޓަރ ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ސްކޫލުގައި ކިޔަވާ 150 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންގެ ތެރޭގައި ހަޔާ އެޑިއުކޭޝަންގެ ލޯނުގައި ކިޔަވާ 90 އަށް ވުރެ ގިނަ ދަރިވަރުން ތިބި ކަމަށެވެ.

ފްލައިން ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ދިގުލައިގެންގޮސް ކޯސް ނުނިމުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން 12-18 މަސް ދުވަހުން ނިމޭ ކޯހެއް، ތިން ހަތަރު އަހަރުވާއިރު ވެސް ނުނިމޭތީ ކުދިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި މައްސަލަ ބެލުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައެއް މެންބަރުން ވެސް ދާދި ފަހުން ވަނީ އައްޑޫއަށް ވަޑައިގެން ފްލައިން ސްކޫލުގެ މެނޭޖްމަންޓާއި ދަރިވަރުން އަދި ގަން އެއާޕޯޓްސް ކޮމްޕެނީއާ ބައްދަލުކުރައްވައިފަ އެވެ.