ދެކުނުގެ އަތޮޅުތަކަށް ފެރީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތެއްކަމަށްވާ ރިލެކްސް ފެރީސާވިސްއިން އެއްރަށުން އަނެއް ރަށަށް ކާގޯ ގެންދިއުން ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލައިފިކަމަށް އެފަރާތުން ބުނެފިއެވެ.
ރިލެސް ފެރީ ސަރވިސްގެ ވެރިފަރާތް ކަމުގައިވާ އައްޔަ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަސިންޖަރަކު ނެތި ފެރީ އާއި ހަވާލުކޮށް އެއްރަށުން އަނެއް ރަށަށް ތަކެތި ގެންދިއުމުގައި ދަތިތަކެއް ހުރި ކަމަށާއި ހުއްޓާލީ އެގޮތަށް ފޮނުވާ ކާގޯ ކަމަށެވެ.
“ގިނަ ފަހަރު ވާ ގޮތަކީ ފަސިންޖަރަކު ނެތި ފެރީއަށް ލާފައި އެހެން ރަށްރަށަށް ފޮނުވާ ތަކެތި ބަލާ ގަޑިއަކަށް އެރަށަކުން މީހަކު ނާދޭ. ފެރީ މިދަނީ ކަނޑައެޅިފައިވާ ޝެޑިއުލްއެއްގައި އެއްރަށުން އަނެއް ރަށަށް މަޑުކޮށް ފަސިންޖަރުން ނަގަމުން. ވީމާ ޖެހެނީ ޖެޓީ މައްޗަށް ފޮށިގަނޑު ނުވަތަ އެ ފޮނުވާ ސާމާނެއް ދޫކުރުމަށްފަހު ފުރަން. އެގޮތަށް ފެރީ ފުރާ ފަހުން ގަޑި ނުވަތަ ދޮޅުގަޑިއިރު ފަހުން އެ ސާމާނެއް ނުފެނިގެން ސާމާނު ފޮނުވި ފަރާތުންގުޅާ މައްސަލަ އެބަ ޖައްސާ. އެހެންވެ ނިންމީ ފަސިންޖަރަކު ނެތި ފެރީން ކާގޯގެ ގެ ގޮތުގައި ތަކެތި ގެންދިއުން ހުއްޓާލުމަށް” އައްޔަ ވިދާޅުވިއެވެ.
ރިލެކްސް ފެރީން ބުނީ ދަތުރު ކުރާ ފަސިންޖަރުންނާ ހަވާލުކޮށް ފޮނުވާ ތަކެތި މިހާރުވެސް ކަނޑައެޅިފައިވާ ރޭޓްގައި ފެރީން ގެންދެވޭނެ ކަމަށެވެ. އަދި އެ ގެންދާ ސާމާނެއްގެ ޒިންމާ ނަގަން ޖެހޭނީ އެ ސާމާނެއް ގެންދާ ފަސިންޖަރު ކަމަށް ވެސް ރިލެކްސް އިން ބުނެއެވެ.
ރިލެކްސް ފެރީ ސާވިސް ގެ ދަތުރުތައް އައްޑޫސިޓީއިން ފުވައްމުލަކަށް އަދި ގއ އާއި ގދ. ގެ ރަށްތަކަށް ކުރަމުން އަންނަ އިރު ގިނަ ބަޔަކު ދަނީ މި ފެރީ ސަރވިސްގެ ޚިދުމަތް ހޯދަމުންނެވެ. ވަކިން ޚާއްޞަކޮށް އަހަރީ ޗުއްޓީގައި އެއްރަށުން އަނެއް ރަށަށް ފަސޭހަ ކަމާއެކު ދަތުރު ކޮށްލެވޭތީ މި ފެރީ ސަރވިސް ގެ ޚިދުމަތް ވަނީ ދެކުނުގެ 4 އަތޮޅުގެ ރައްޔިތުން ގެ މެދުގައި ވަރަށް މަގުބޫލު ޚިދުމަތަކަށް ވެފައެވެ. މިއީ ޒަމާނުއްސުރެވެސް އެއްބައެއްގެ ގޮތުގައި ދެކޭ ގާތްގުޅުމެއް އޮންނަ ދެކުނުގެ ރަށްރަށުގެ މީހުން ގެ ޢާއިލީ ގުޅުންތައް ބަދަހިކޮށް އެމީހުންގެ ކިބައިގައިވާ އެކުވެރިކަމާއި ރަޙްމަތްތެރި ކަމުގެ ގުޅުން ވަރުގަދަކޮށް ފަސޭހަކަމާއެކު ރަށްރަށް ބަލާލަން ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މީގެ އިތުރުން، ދެކުނުގެ ހުރިހާ ރަށެއް އެއް ވިއުގައަކުން ގުޅާލެވި ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމަށް ދޮރުހުޅުވިގެންދިޔަ މިފެރީ ސާވިސްގެ ސަބަބުން މިސަރަޙައްދުގެ ކުދި ވިޔަފާރިތަކަށްވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.