ކޮވިޑް 19 އާއި ގުޅިގެން ވައިގެ ދަތުރުތައް މަދުވެ ޒަރޫރީ ބޭނުންތަކުގައި އެއް އަތޮޅުން އަނެއް އަތޮޅަށް ކުރަން ޖެހޭ ދަތުރުތައް ކުރުމުގައި ދަތިތަކާއި ކުރިމަތިވި ދެކުނުގެ ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެން ދިޔައީ މީގެ މަހެއްހައި ކުރިން ތައާރަފްވި “ރިލެކްސް ފެރީ ސަރވިސް” އިންނެވެ. އައްޑޫސިޓީން ފުރައިގެން ފުވައްމުލަކާއި ގދ. އަދި ގއ އަތޮޅުގެ ގިނަ ރަށް ރަށަށް ފަސޭހަ ކަމާއެކު ދަތުރުކޮށްލެވޭނެ ޚިދުމަތެއް ތައާރަފް ވުމާއެކު ރަށު ބަންދުގައި ތިބި މީހުން އެމީހުންގެ ދަތުރުތައް ދުރާލާ ރާވަން ފެށިއެވެ. ހައި ސްޕީޑް ލޯންޗުގައި އަރާމު ގޮނޑިތަކުގައި އިށީނދެގެން ތިބެ ހިތްހަމަ ޖެހުމާއެކު ދަތުރު ކޮށްލެވޭ މި ޚިދުމަތް ހޯދުމަށް ގިނަ ބަޔަކު އަވަސްވެގަތެވެ.
“ރިލެސް ފެރީސަރވިސް” ގެ “ރިލެކްސް ސްޕީޑް” އަދި “ރިލެކްސް ކިންގް” ގައި އައްޑޫކަނޑު ހުރަސްކޮށް ކުރާ މި ދަތުރުތަކުގެ ހިތްފަސޭހަ ކަމުގެ ވާހަކަ އަޑުއިވި އަމިއްލަ އަށް އެކަންތައް ތަޖުރިބާ ކުރުމަށް އަޅުގަނޑުވެސް އަވަސް ވެގަތީމެވެ.
އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ރިލެކްސް ސްޕީޑް ގައި ގދ. ތިނަދޫއަށް ދަތުރުކުރުމަށް އަޅުގަނޑު ޕްލޭން ކުރީމެވެ. ޖަމިއްޔާގެ އެހެން މެމްބަރުންނާއެކު ކުރަން ހަމަޖެހިފައި އޮތް މި ދަތުރުގައި ހިތަދޫން އަދި މަރަދޫން ބައެއް މީހުން ފުރިއެވެ. އަޅުގަނޑު ފުރަން އޮތީ ހުޅުމީދޫން ކަމުން ކަނޑައެޅިފައިވާ ގަޑިއަށް ބަނދަރަށް ދިޔައީމެވެ. އޭރު ފެންނަމުން ދިޔައީ ދުރުން ނަގަމުން އައި ބޯ ވިލާތަކެވެ. މުޅި އުދަރެސް ބައްދާލާފައި ކަޅުވިލާތައް އެކި ދިމަދިމާއިން ގިނަ ވަމުން އައި އިރު ވައި ބާރުވަމުން ދިޔައެވެ. ހިތަށް އައީ މީގެ 2 އަހަރު ކުރިން ކަނޑުގަދަ ދުވަހެއްގައި ފުވައްމުލަކަށް ކުރި ދަތުރުގެ މަތިންނެވެ. އައްޑޫކަނޑު ހުރަސްކޮށް ފުވައްމުލަކަށް ދެވުނު އިރު ބިރުންގޮސް ދެން ދުވަހަކުވެސް ކަނޑުމަގުން ފުވައްމުލަކަށް ނުދާނަމޭ ހިތަށް އެރި ދުވަހެވެ. ލޯންޗްމަތީގައި ތެޅި ވަރުން ދެ ދުވަސް ވަންދެން ގައިން ރިހުން ނުފިލާހުރި ދަތުރުގެ މަތިންނެވެ. އެދުވަހަށް ވުރެ މިއަދު ކަނޑުގަދަ ވެފައި ދަތުރު ބިރުވެރިވާނެއޭ ހިތަށް އެރިއެވެ.
” ރިލެކްސް އިން ދޯ ފުރަނީ. ކިތަންމެ ވިއްސާރަ ވިޔަސް އެ ލޯންޗުގައި ދަތުރުކުރަން ފަސޭހަވާނެ. އެއީ ހައިސްޕީޑް ލޯންޗެއް. ދާނީ ރާޅުމަތިން ދުވެލާފައި” އެތަނުގައި ހުރި މީހަކު ދެއްކި ވާހަކައަކުން ކުޑަ ހިތްހަމަހުމެއް ލިބުނެވެ.
ކުޑައިރުކޮޅަކުން ލޯންޗު އައެވެ. ހިތަދޫ އަދި މަރަދޫން ލޯންޗަށް އަރާފައި ތިބި މީހުންނާއެކު މުޅި ލޯންޗު ހެން އޮތީ ފުރިފައެވެ. ގާތްގަނޑަކަށް 50 ސީޓުގެ އެ ބޮޑު ލޯންޗުގައި ހުސްގޮނޑިއެއް މަދެވެ. ހިތަށް އެރިއެވެ. މި ވިއްސާރައިގައިވެސް ދަތުރު ކުރަން ފަސިންޖަރުން ޖެހިލުން ނުވާނީ ސަބަބެއް އޮވެގެންކަމެވެ. އެމީހުން އެތިބީ އައްޑޫކަނޑު ހުރަސްކޮށް ފުވައްމުލަކަށް އަދި ހުވަދޫ އަށް ދިއުމަށް މި ލޯންޗުގެ ކައްޕިއަށް އިތުބާރުކޮށްގެން ކަމެވެ.
ލޯންޗްގައި އަހަންނަށް ރިޒާވްކޮށްފައި ހުރި ސީޓުގައި އިށީނދެ ހަމަޖެހިލީމެވެ. ހުޅުމީދޫ ބަނދަރުން ފުރައިގެ ސައުތުޕާމް ރިސޯޓް ހުރަސްކޮށް ސީދާ ނިކުމެވޭނީ އައްޑޫކަނޑަށް ކަމުން އެކަމަށް ތައްޔާރުވެގެން ދެލޯމަރާލައިގެން އިނީމެވެ. ކުޑައިރުކޮޅަކުން ކަނޑަށް ނިކުމެވުނުކަން އެނގުނެވެ. ނަމަވެސް ހީކުރި ގޮތަކަށް ލޯންޗް ތަޅުވާ ކަމުގެ އިހްސާސެއް ނުކުރެވެއެވެ. އެހެންކަމުން އެއިން ގޮތަށް އިނދެކުޑަކޮށް ނިދާލީމެވެ. މާ ގިނަ އިރެއް ނުވެ ލޯންޗް މަޑުކުރިހެން ހީވެގެން ޖެހިގެން އިން ރަޙްމަތްތެރިޔާ ކުރެން ސުވާލުކުރުން އެނގުނީ ފުވައްމުލަކަށް ދެވުނީ ކަމެވެ. އެވަގުތު ހިތް ހަމަޖެހުނީ އައްޑޫން ފުރައިގެން 45 މިނެޓް ތެރޭގައި ރާޅުތަކުގެ މަތިން ދުވެލާފައި ފުވައްމުލަކަށް އައި އިރު އެއްވެސް ފަސިންޖަރަކު ހޮޑުވެސް ނުލާކަން އެނގުމުންނެވެ. އެހެންކަމުން ދަތުރުގެ ބާކީ އޮތްބައި ވެސް އަމާން ވާނެ ކަމަށް ގަބޫލުކުރެވި ކުރިން ހިތުގައި އުފެދުނު ބިރުވެރިކަން ފިލައިގެން ދިޔައެވެ.
ފުވައްމުލަކުން ހުވަދޫއަށް ދާން އެރި ފަސިންޖަރުންނާއެކު ފުރައިގެން ދޮޅުގަޑިއރު ތެރޭގައި ލޯންޗު ގދ. އަތޮޅަށް ވަނެވެ. އަދި އެ އަތޮޅުގެ 4 ރަށަކަށް މަޑުކޮށް ފަސިންޖަރުން ބޭލުމަށް ފަހު އެންމެ ފަހުގެ މަންޒިލް ކަމަށް ވާ ތިނަދޫއަށް މިސްރާބު ޖެހިއެވެ.
ޝެޑިއުލްގައި ކަނޑައެޅިފައި އޮތް ގަޑިއަށް ،ތިނަދޫ ބަނދަރަށް ލޯންޗް މަޑުކޮށްލުމުން އެ ރަށަށް ފޭބިއިރު ކަނޑުގަދަ ދުވަހެއްގައި އައްޑޫ ކަނޑު ހުރަސްކޮށްފައި އައި ކަމުގެ އިހްސާސެއް އަދި އެއްވެސް ވަރުބަލިކަމެއް ، ލޮޑުކަމެއް އިހްސާސެއް ނުކުރެވެއެވެ.
“ރިލެކްސްގެ ދަތުރުތައް ހަމަ ރިލެކްސް އީ” އަހަރެމެންގެ ޓީމުން ބުނި އަޑުއިވުނެވެ.