English Edition
Dhivehi Edition
ފޮޓޯ: އިންސްޓަގްރާމް (ގެމަނަފުށި)

ގއ. ގެމަނަފުއްޓަކީ މުޅި އަތޮޅުން ވެސް ފާހަގަކޮށްލެވޭ ފަދަ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ ހިތްގައިމު ގޮނޑުދޮށްތަކާއި ރަށުގެ ރައްޔިތުންގެ ހިތްގައިމު ކަމުގެ ވާހަކަ އަކީ ވަރަށް ގިނަ ބައެއް ދައްކާ ވާހަކައެކެވެ. އެ ރަށަށް ލިބިގެންދާ އިތުރު ހިތްގައިމު ކަމާއި ނަލަ ކަމަކީ ރަށުގެ ކައިރިން އުފެދިފައިވާ ހިތްގައިމު ފަޅު ރަށްތަކެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންނަށް ގެމަނަފުށި ބަލާލަން ދިއުމަށް ޓައިޓަން މޯލްޑިވްސްގެ ފަރާތުން ވަނީ ވަރަށް ހިތްގައިމު އަދި ލުއިފަސޭހަ ޕެކޭޖެއް ތައާރަފުކޮށްފައެވެ. މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަށްގެންދާ މި ޕެކޭޖުގެ އަގަކީ ދެކޮޅު ދަތުރާއި ހުރުމުގެ ހަރަދާއި އެކު 2980 ރުފިޔާއެވެ.

ތިރީގައި މިވަނީ މި ޕެކޭޖުގެ ދަށުން ދަތުރު ރޭވިފައިވާ ގޮތެވެ.

10 ނޮވެމްބަރު 2020

މަރަދޫ އިން ފުރުން: 14:00ގައި

ހިތަދޫ އިން ފުރުން: 14:15ގައި

ފުވައްމުލަކުން ފުރުން: 15:15ގައި

ބާބަކިއު ޑިނަރ: 20:30ގައި (ގެމަނަފުށީ މާރެހާ ބީޗް)

11 ނޮވެމްބަރު 2020

ގއ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރުން: 08:00ގައި. (މި ދަތުރުގައި އެ އަތޮޅުގެ ކޮނޑޭ، ދާންދޫ، ނިލަންދޫ، މާމެންދޫ އަދި ވިލިނގިއްޔަށް ދާނެއެވެ)

12 ނޮވެމްބަރު 2020

ގެމަނަފުށި ކައިރީގައިވާ 10 ވަރަކަށް ފަޅު ރަށަށް ދިއުން: 08:00ގައި

ގެމަނަފުށްޓާއި ގުޅިފައިވާ ފިނޮޅުގައި މެންދުރުގެ ކެއުން: 12:00 ގައި

13 ނޮވެމްބަރު 2020

ގާލާ ޑިނަރ: 20:00ގައި (ގެމަނަފުށީ ބޭރު ޖެޓީ ސަރަހައްދުގައި)

14 ނޮވެމްބަރު 2020

ގެމަނަފުށިން ފުރުން: 15:45ގައި

މި ދަތުރުގައި ހިމެނޭ ބާބަކިއު ޑިނަރ، ގއ. އަތޮޅުގެ ރަށްތަކަށް ދިއުން، ފިނޮޅުގައި އޮންނަ މެންދުރުގެ ކެއުން އަދި ގާލާ ޑިނަރ އަށް ވަނީ ވަރަށް އަގުހެޔޮ އަގު ތަކެއް ކަނޑައަޅާފައެވެ. އެގޮތުން ބާބަކިއު ޑިނަރ އަށް މީހަކަށް 120 ރުފިޔާ، ގއ. އަތޮޅުގެ ރަށްތަކަށް ދިއުމުގެ ދަތުރުގެ ހަރަދަށް މީހަކަށް 300 ރުފިޔާ، ފިނޮޅުގައި އޮންނަ މެންދުރު ކެއުމަށް މީހަކު 145 ރުފިޔާ އަދި ގާލާ ޑިނަރ އަށް މީހަކު 200 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މި ދަތުރާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޓައިޓަން މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިގޮތުގައި މިފަދަ ދަތުރެެއް ރޭވުމުގެ އެންމެ މައިގަނޑު މަގުސަދަކީ ދިވެހިންނަށްވެސް ހެޔޮ އަގެއްގައި ހިތްގައިމު ޗުއްޓީއެއް ރާއްޖޭގައި ތިބެގެން ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމުގައެވެ.

“ކުރިމަތިވެފައިމިވާ ބަލިމަޑުކަމުގެ ސަބަބުން އަޅުގަނޑުމެން އާންމުކޮށް ޗުއްޓީ ހޭދަކޮށްލަން ބޭރު ގައުމު ތަކަށް ގޮސް އުޅުނަސް ނެތް މިހާރު ދެވޭކަށް. މިހެންވުމުގެ ސަބަބުން އަސްލު އަމިއްލަ ގައުމުގައި ހުރި ހިތްގައިމު ތަންތަން ދައްކާލާ އާއިލާ، ރައްޓެހިން ނުވަތަ އެކަނި ހަމަ ހިތްގައިމު ވަގުތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި މި ދަތުރު ރޭވީ. މި ދަތުރުގައި ގެމަނަފުށި އަދި އެ ރަށް ކައިރީގައިވާ ގިނަ ރަށްތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ.” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވިގޮތުގައި މި ދަތުރު މިއީ މިފަދަ އެހެން ދަތުރު ތަކުގެ ފެށުން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން އަދި ތަރުހީބު ލިބޭ ވަރަކުން ޗުއްޓީ ލިބޭ ވަރަކުން މިފަދަ ދަތުރުތައް ރޭވިގެންދާނެކަމަށެވެ.

ދަތުރާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އަދި ބުކިންގް ހެއްދުމަށް 7881124 އަދި 9999468 އާއި ގުޅުއްވުމަށްވެސް ޓައިޓަން މޯލްޑިވްސް އިން ވަނީ އެދިފައެވެ.

ޓައިޓަން މޯލްޑިވްސްގެ ފަރާތުން މިދަތުރު ރާވާފައިވާ އިރު ދަތުރުގެ މެނޭޖިންގް ޕާޓްނަރ އަކީ ޖޭ.އެން.ޑީ އިންވެސްޓްމެންޓް އެވެ. ދަތުރުގެ ހޮސްޓިންގް ޕާޓްނަރ އަދި ދަތުރާއި ގުޅޭ ގޮތުން ގިނަ އެހީތަކެއް ގެމަނަފުށީ ކައުންސިލުން ފޯރުކޮށްދީފައިވާއިރު ދަތުރުގެ ޓްރެވެލް ޕާޓްނަރ އަކީ ރިލެކްސް ފެރީ ސާރވިސް އެވެ. އަދި ކޭޓަރިން ޕާޓްނަރ އަކީ ގެމަނަފުށީގައި ހުންނަ ބްލޫ ކެފޭއެވެ.

1 ކޮމެންޓް
މައި
ނޮވެމްބަރު 11, 2020
ކޮރޯނާ ވައިރަސްޣެ ސަބަބުން ގެއިން ނިކުންން ނުކެރިގެން މިއުޅެނީ އަދި އެޗްޕީއޭ އިން އެބުނަނީ ދަތުރު ނުދާން އެކަމަކުންވެސް ނޫހުގަ މިއޮތީ ގެމަނަފުއްޓައް ނުގޮސް ނުވެޔޭ. ވަޓް އަ ޖާނަލިޒަމް. އޭއޯ ނިއުސް އިން މިޔައް ވުރެ ޕްރޮޕެށަނަލް ވާންވީ ނު ދޯ