English Edition
Dhivehi Edition

ދުނިޔެއަށް އިންސާނުން ފޮނުއްވާފައިވަނީ އިމްތިހާނަކަށް ކަމަށާއި ދުނިޔޭގައި އުލޭ އިރު އަބަދުވެސް މަރުމަތިން ހަނދާންކޮށް ހެޔޮ އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ހުތުބާ ދެއްވީ ޝެއިހު އިލްޔާސް ހުސެއިން އެވެ. ހުތުބާގެ މައުޟޫއަކީ މަރު ހަނދާން ކުރުމެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިންސާނާ މަރަށް ހާޒިރުވުމުން ގިނަ ކަންތައްތައް ހަނދާން ވާނެ ކަމަށާއި އޭނާ ވަށައިގެންވާ މީހުން ފެނުމުން އެ މީހުންނާ ވާހަކަ ދައްކަން ބޭނުންވެ، ނުކުރެވި ހުރި ކަންކަން ކުރަން ބޭނުންވާނެކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ނުކުރެވި އަދި ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށާއި ފެންނާނީ ބޭކަލުންގެ ޖަމާއަތްތަކާއެކު މަލަކަލްމައުތުގެފާނު އެ މީހާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ ތަން ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ކޮންމެ އިންސާނަކީ ވެސް އަދި ދުނިޔޭގައި ލައްވާފައިވާ ކޮންމެ ދިރޭ އެއްޗަކީ ވެސް މަރު ދެކެން ޖެހޭނެ އެއްޗެއް ކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނީ މި ދުނިޔެ އަކީ ދާއިމީ ތަނެއް ނޫން ކަމާއި މިއީ ހަމައެކަނި އާހިރަތް ބާއްޖަވެރިކުރުމުގެ މައިދާނެއް ކަމަށެވެ. އަދި މިތަނުގައި ހެޔޮއަމަލު ގިނަ ކޮށްފި މީހަކަށް އާހިރަތުގައި ކާމިޔާބު އޮތްކަން ވެސް ހުތުބާގައި ވަނީ ހަނދާކޮށްދީފައެވެ. އަދި ޣާފިލްކަމުން ހޭލައި ފާފަތަކުން ތައުބާވެ ﷲގެ ހަޒްރަތަަށް އެނބުރި ރުޖޫއަވުމަށް ހުތުބާގައި ގޮވާލި އިރު ކޮންމެ ވަގުތަކު ވެސް މަރުވެދާނެ ކަމަށްޓަކައި ﷲ އަށް ބިރުވެތިވެ ހެޔޮ އަމަލުތައް ގިނަ ކުރުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.