މުޅި ހުވަދު އަތޮޅާއި އަދި މުޅި ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވަނީ ސުނާމީއަށް ވުރެ ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށާއި ހުރިހާ ރައްޔިތުން ގުޅިގެން މިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
އެއްބައިވަންކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވިލިނގިލީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ މި ވަބާ އަކީ މަސްތުވާ ތަކެތީގެ ވަބާ ކަމަށާއި މިއަދު އަޅުގަނޑުމެންގެ ހަމަ ކޮންމެ ގެއެއްގައި ކަހަލަގޮތަކަށް މިކަމުގެ ހިތްދަތިކަން އިހްސާސް ކުރަމުންދާ މީހުން އެބަތިބި ކަމަށެވެ.
“އަޅުގަނޑުމެން އެއްބައިވެގެން އެންމެން ވެގެން މަސައްކަތް ކުރަންވީ މި ވަބާއިން ސަލާމަތް ވުމަށް. ފާއިތުވި ތާރީޚުގައި ސަރުކާރަކުން މި ކަމާ ދެކޮޅަށް މަސައްކަތް ނުކުރާ މިންވަރަށް މިއަދުގެ ސަރުކާރުން މިކަމަށް މި ދަނީ މަަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މި ރަށަށް ދިމާވެފައިވާ މި ކަޅުވިލާގަނޑުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ރަށުގައި ގާއިމު ކުރާ ސެންޓަރާއި ހިންގަވާ ޕައިލެޓް ޕްރޮގްރާމަކީ ލިބިގެންދާ އުއްމީދެއް. މިކަމަށްޓަކައި ވަރަށް އުފާކުރަން” ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދު ވަނީ ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުމަކީ ރާޢްޖޭގެ ތަރައްޤީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށާއި، ފިކުރު ތަފާތުވުމުން ލިބެންޖެހޭ ތަރައްޤީއެއް ނުލިބުމަކީ ވިލިނގިލީ ރައްޔިތުންގެ ވިސްނުމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މަސްތުވާ ތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ގއ. ވިލިނގިލީގައި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވާފައިވަނީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމަށް ނައިބު ރައީސް ވިލިނގިއްޔަށް ކުރެއްވެވި ދަތުރުފުޅުވައި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.
ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތަޢުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.