English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެސަރަޙައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރު 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ. ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިޔާގައި ވިދާޅުވީ “ގައުމަށް ކުރިމަތިވި ކޮންމެ އުނދަގޫ ވަގުތެއްގައި އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން” މިހެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.