ޤަޢުމީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅުވައިގެން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އންތިޒާމުކޮށްގެން ގއ. ވިލިނގިލީގައި ބޭއްވި “ހީވާގި އަންހެންނަގެ މައުރަޒާ 2020” އިން އެއްވަނަ ގއ. ވިލިނގިލީ ހޮރައިޒަން މުނާ މުސްތަފާ އާއި ގއ. ހުދުރުވާގޭ ޒުނައިރާ ހޯދައިފިއެވެ.
މިމަހުގެ 27 ވަނަ ދުވަހު ހަވީރު ވިލިނގިލީ ވަޅަގަޑާ ބީޗް ގައި ކުރިއަށް ގެންދިޔަ މި އެކްސްޕޯ ހުޅުވައިދެއްވެވީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަވަމުން ދެއްކެވި ވާހަކަފުޅުގައި އައިޝާ ވިދާޅުވީ މިފަދަ މަސައްކަތް ކުރާ އަންހެން ކަބަލުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށާއި އަދި އެފަދަ އަންހެނުންގެ މަސައްކަތް ޕްރޮމޯޓް ކޮށް އާމްދަނީ ލިބޭނެ ގޮތް ފަހިވެގެން ދާނެ ގޮތަކަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ. އަދި ޖަމިއްޔާ ޖަމާއަތް ތަކުން އިސްނަގައިގެން އަންހެނުންގެ މަސައްކަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް އައިޝާ ވިދާޅުވީ މިއަށް ވުރެ ފުޅާކޮށް މިފަދަ މައުރަޒެއް ބާއްވާތަން ދެކެން ބޭނުންވެ ލައްވަވާ ކަމަށެވެ.
މި މައުރަޒުން މުނާ މުސްތަފާ އަށް ވަނަ ލިބިފައިވަނީ އަތްތެރި މަސައްކަތުގެ ބައިންނެވެ. މި މަސައްކަތުގައި މުނާ އާއެކު ގއ. އިރަމާގޭ ރީމާ އަފީފް ވެސް ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ދައްކާލާފައިވާ ރީތި ކުރެހުންތަކަކީ ދެ މީހުންގެ ބުރަ މަސައްކަތް ކަމަށް މުނާ ވަނީ ބުނެފައެވެ.
ޒުނެއިރާއަށް ވަނަ ލިބިފައިވަނީ ދިގު މުއްދަތަކަށް ހަލާކު ނުވެ ބޭނުން ކުރެވޭ ކަހަލަ ކާ އެއްޗެހީގެ ބައިންނެވެ. ޒުނެއިރާ ވަނީ އެކްސްޕޯގައި ތަފާތު ގިނަ ވައްތަރުގެ ބާވަތްތައް ތައްޔާރުކޮށް ހުށަހަޅާފައެވެ.
މި އެކްސްޕޯ ގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ގދ. ތިނަދޫ ދެކުނުދާއިރާ މަޖިލިސް މެމްބަރު އަޙްމަދު ސަނީފް އާއި ގއ. ގެމަނަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސައީދުގެ އިތުރުން ގދ. އަތޮޅު ކައުންސިލް މެމްބަރު އަލީ ޝާމް އާއި އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފެވެ.
މި މައުރަޒުގެ ވަނަތަކަށް އައި ފަރާތްތަކަށް، މެމްބަރު ސަނީފް އާއި މެމްބަރު ސައީދު ވަނީ ފައިސާގެ އިނާމުވެސް ދެއްވަވާފައެވެ. 2 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މައުޒަރުގައި ވަނަ ހޮވާފައިވަނީ އަތްތެރި މަސައްކަތުގެ ބަޔާއި، އަދި ދިގު މުއްދަތަކަން ހަލާކުނުވެ ބޭނުން ކުރެވޭ ކަހަލަ ކާއެއްޗެހީގެ ބާވަތެވެ. ކޮންމެ ކެޓަގަރީ އަކުން 1 ވަނަ ހޯދި ފަރާތަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލަރ އަޙްމަދު ފުއާދު އާއި ރަށު ކައުންސިލް ގެ ރައީސް މުސްތަފާ މުޙައްމަދު ވެސް ވަނީ ފައިސާގެ އިނާމު ހުށަހަޅުއްވަވާފައެވެ.
ވިލިނގިލީ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހީވާގި އަންހެންނަގެ މައުރަޒާ އަކީ ގޭތެރޭ މަސައްކަތް ކުރާ އަންހެނުންގެ މަސައްކަތް ދައްކައިލުމަށް ބޭއްވި މައުރަޒެއްކަމަށާއި އަދި މި މަޢުރަޒު އެންމެ ބޮޑު މަގުސަދަކީ ގޭގައި ތިއްބަވާ އަންހެން ކަބަލުން ކުރައްވާ މަސައްކަތް އިސްތިހާރުކޮށް ވިއްކައިދިނުންކަމަށް ސްކީމްގެ ގއ. އަތޮޅު ޗެޕްޓަރ ގެ ޗެއަރޕާރސަން ޝަރީޒާ އަޙްމަދު ވަނީ ވިދާޅުވެފައެވެ.
ސްކީމުން ނިންމާފައިވަނީ އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލައިގެން މިފަދަ އިތުރު މައުރަޒެއް ބާއްވައި މަސައްކަތްތެރި އަންހެނުންނަށް ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ހޯދައި ދިނުމަށެވެ.
މި އެކްސްޕޯގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ސްކީމުން ވަނީ އެކްސްޕޯގައި ބައިވެރިވި ކަމުގެ ކުޑަކުޑަ ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ.
ސްކީމަކީ ދެކުނުގެ 4 އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ސަރަހައްދީ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ އަތޮޅު ޗެޕްޓަރ ތައް ގއ. އަތޮޅާއި ގދ. އަތޮޅު އަދި ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގައި ގާއިމުކޮށް ކޮންމެ ޗެޕްޓަރ އަކުން ދަނީ ފާހަގަ ކުރެވޭފަދަ މަސައްކަތް ތަކެއް ކުރަމުންނެވެ.