English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ބާއްވާ ރައްކާ ރޯޑް ޝޯވ ގައި ހިމެނޭ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްކާ ރޯޑް ޝޯވ 2020 އިފްތިތާހުކޮށްފައިވަނީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރައްކާ ރޯޑް ޝޯވގެ ފުރަތަމަ ހަރަކާތްކަމަށްވާ ރައްކާ ރޯޑް ސޭފްޓީ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ދުވުން ކުރިއަށް ގެންދަނީ ފުލުހުންނާއި އެލައިޑް އަދި ރަން ފޮރ މޯލްޑިވްސް ގުޅިގެންނެވެ. ހިލޭ ބައިވެރިވެވޭ މި ދުވުމުގައި ރަޖިސްޓްރީ ވުން ކުރިއަށްދަނީ ރަން ފޮރ މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ރަންގައި ބައިވެރިވާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ހިމެނޭ ޓީޝާޓަކާއި މެޑަލްއެއް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

08 ޖެނުއަރީ 2021 ވަނަ ދުވަހުގެ 16:00 ގައި ހުޅުމާލޭގައި ފަށާ މިދުވުން ޖެނުއަރީ 16 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ކުރިއަށްދާއިރު މި ދުވުން ކުރިއަށްދާނީ 2018 ން 2020 އަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދުކަމަށްވާ 5665 ހިމެނޭގޮތަށް ދުވުމުގައި ބައިވެރިވާ ދުވުންތެރިން ދުވާ ކިލޯ މީޓަރުން އެއަދަދު އުނިކުރެވޭ ގޮތަށެވެ.

ރައްކާ ރޯޑް ޝޯވގެ ހަރަކާތްތައް ރޭވިފައިވާ ގޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވީ ރައްކާ ރޯޑް ސޭފްޓީ ރަންގެ އިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ވީޑިއޯ ކުލިޕްތަކާއި އެކްސިޑެންޓް ރޯލް ޕްލޭ އާއި ޓީވީ ޕްރޮގްރާމާއި އާންމު ހިދުމަތްދޭ ތަންތަނުގައި ވީޑިއޯ ޑިސްޕްލޭ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުންނާއި އެލައިޑް ގުޅިގެން ބާއްވަމުން އަންނަ ރައްކާ ރޯޑް ޝޯވއަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެއްކަމަށެވެ. ނަމަވެސް ފާއިތުވިދިޔަ ދެ އަހަރު ދިމާވި އެކިސަބަބުތަކާހެދި ރައްކާ ރޯޑް ޝޯވ ބޭއްވިފައިނުވާކަމަށާއި މިއަހަރުގެ ރައްކާ ރޯޑް ޝޯވ ގެ ތެރެއިން މާލެއާއި އަތޮޅުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ހަފްލާފައި އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަޙްމަދު ސާޤިބް ވިދާޅުވީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި އެކުންފުނި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ މުހިންމު ކެމްޕެއިނެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކުންފުނިން އަބަދުވެސް އިޖުތިމާއީ ގޮތުން ކުރެވޭނެ ކަންކަން ބަލަމުންދާކަމަށާއި އެގޮތުން މި ކެމްޕެއިންއަކީ މުހިންމު މަސައްކަތެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މި ކެމްޕެއިން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.