ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބަސް ހޯދައި، ގުޅުން ބަދަހިކޮށް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާއި އެކީ މަސައްކަތްކުރުމަށްޓަކައި ގާނޫނުން ލާޒިމްކުރާ އުސޫލުތަކެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް ލަސްތަކެއްނުވެ ބައްޓަންވެގެން ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
\އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައި އަވަށްޓެރި ފުލުހުން ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީގު ކުރެއްވި ފުލުހުންގެ ހިދުމަތުގެ ގާނޫނުުގައި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވަކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފުލުހުން ދެމުންދާ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިގާނޫނުން ފަހިވެގެންދާކަމަށް ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމީދު ވިދާޅުވީ ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައިނުވާ މިންވަރަށް މިގާނޫނުން ޖާގަހޯދައިދީފައިވާކަމަށެވެ. އެގޮތުން ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއްކަމަށް ހަމީދު ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ކުރިއަރާފައިވާ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް ކަންކުރަމުން އަންނަ ގޮތްކަން ފާހަގަކުރައްވައި، ހަމީދު ވަނީ ރައްޔިތުންގެ ހިޔާލާއި ހުށަހެޅުންތަކުގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާތަކުގެ އެންމެހާ ފަރާތްތަކުގެ ލަފައާއި ދައުލަތުގެ އެހެނިހެން މުއައްސަސަތަކުގެވެސް މަޝްވަރާއާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނެސްދެއްވިކަމަށްޓަކައި ރައްޔިތުުންގެ މަޖިލިހުން ކޮށްދެއްވާފައިވާ މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގެ އެންމެހާ މެމްބަރުން މިފަދަ ތަހުޒީބު ބަދަލުތަކަށް ހުޅުވި ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނަށްވެސް ހަމީދުވަނީ ޝުކުރ އަދާކުރައްވާފައެވެ.