English Edition
Dhivehi Edition

 

ސ.ހިތަދޫގެ އަމިއްލަ ޖަމްޢިއްޔާ އެއް ކަމުގައިވާ ހޮރައިޒަން އެކަޑަމީ ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ހޮރައިޒަން އެކަޑަމީ ވެޓެރަންސް ޓޯނަމެންޓް 2020” ރޭ ފަށައިފި އެވެ.

ހޮރައިޒަން އެކަޑަމީގެ އިންޑޯ ހޯލްގައި ކުރިއަށްދާ މި މުބާރާތަކީ އުމުރުން 35 އަހަރުން މަތީގެ އަންހެނުން ނާއި އުމުރުން 40 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ހޮރައިޒަން އެކަޑަމީގެ ނައިބު ރައީސާ އާމިނަތު ޒާހިރާ ބުނެފައިވަނީ “މިއީ އުމުރުން ދުވަސްވީ މީހުން ދުޅަ ހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބެޑްމިންޓަންގެ ދާއިރާއިން ފުރުސަތު ހޯދައި ދިނުމަށް” ބާއްވާ މުބާރާތެއް ކަމަށެވެ.

މިމުބާރާތަކީ ހޮރައިޒަން އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ވެޓެރަންސް މުބާރާތެވެ. މިއަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ އިރު ކުރީ އަހަރު ތަކަކޭ އެއްފަދައިން މިއަހަރުވެސް އެ ޖަމިއްޔާއިން އިސް ނަގައިގެން ވަނީ ކާމިޔާބު މުބާރާތްތަކެއް ބާއްވާފައެވެ.

ހޮރައިޒަން އެކަޑަމީއިން ފެށި ވެޓެރަންސް މުބާރާތުގައި 30 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައި ވާއިރު، 25 ޑިސެމްބަރ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް މި މުބާރާތުގެ މެޗުތަށް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 30 އަދި 31 ޑިސެމްބަރ 2020 ގައެވެ. އަދި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގައެވެ.

ހޮރައިޒަން އެކަޑަމީއިން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން، އައްޑޫގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރު ކުރުމަށްޓަކައި ތަފާތު އެކި ނަންނަމުގައި މުބާރާތްތަށް ބާއްވަމުންނެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ މަލްޓި ސުޕަރމާޓް، ލިޓަސް، އައިރިސް ޓްރޭޑަރސް، އަބުހަރީ ކްލިނިކް، މަޖިލިސް މެމްބަރ އަޙުމަދް ރަޝީދް، ސަން ރައިޒް ކޮރޯނާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، އަދި ފަލަކް ސްޕޯރޓްސް އެވެ.