ޓޭބަލް ޓެނިސް ކުޅިވަރަށް އައްޑޫގެ ޒުވާނުން އަހުލުވެރި ކޮށްދިނުމުގެ ގޮތުން އައްޑޫސިޓީ ހޮރައިޒަން އެކަޑަމީ އިން ޔޫތް ޓޭބަލް ޓެނިސް ޕްރޮގްރާމަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ އައްޑޫގައި ބެޑްމިންޓަންގެ ކުޅިވަރަށް ޚާއްސަކޮށްގެން ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ހޮރައިޒަން އެކަޑަމީއިން އިސްނަގައިގެން އައްޑޫޔޫތު ސެންޓަރާއި ސިޓީ ކައުންސިލާއި އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން ގުޅިގެން އައްޑޫގައި މުޅިން އަލަށް ފަށާ ޕްރޮގްރާމެކެވެ.
ޓޭބަލް ޓެނިސް ކުޅުމަށް ޝައުގުވެރިވާ ކުދިންނާއި އަދި މުޅިން އަލަށް މި ކުޅިވަރު ދަސްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް މިއީ އެކަމުގެ ތަމްރީނާއި ހުނަރު ތަރައްޤީ ކުރުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށް ހޮރައިޒަން އެކަޑަމީއިން ދެކެއެވެ. މިހިނގާ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު މި ޕްރޮގްރާމް އައްޑޫގައި ފެށި ނަމަވެސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ޢާންމުކޮށް ސްކޫލް ކުދިންނަށް ހުޅުވާލާފައެވެ. އެގޮތުން ކުދިން ހަމަވާވަރަކަށް ޓީޓީ ޓްރެއިނިންގެ އާބެޗްތައް ފަށާނެ ކަމަށް ހޮރައިޒަން އެކަޑަމީއިން މަޢުލޫމާތު ދެއްވައެވެ.
މި ޕްރޮގްރާމްގައި މިވަގުތު ތަމްރީނު ދެނީ އައްޑޫ ޔޫތް ސެންޓަރުގެ ކޯޗުންނެވެ. މީގެ އިތުރުން ޓޭބަލްޓެނިސް އެސޯސިއޭޝަނުން ވަނީ އައްޑޫ ޔޫތު ޓީޓީ ޕްރޮގްރާމަށް ދިގު މުއްދަތަކަށް ހުރެވޭގޮތަށް ތަޖުރިބާކާރު ކޯޗެއް ހަމަޖައްސައިދީފައެވެ. އެގޮތުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޯޗު އައްޑޫއަށް އަންނާނެ ކަމަށް ހޮރައިޒަންއެކަޑަމީ އިން މަޢުލޫމާތު ދެއްވައެވެ. ފީއެއް ނަގާގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިއޮގަސްޓްމަހު ބައިވެރިވާ ފަރާތްތަކަށް އެއްމަސް ދުވަސް ހިލޭ ދެވޭނެ ކަމަށް އެ އެކަޑަމީއިން މަޢުލޫމާތު ދެއްވައެވެ.
އައްޑޫ ޔޫތް ޓީޓީ ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދަނީ ހަފްތާއަކު 4 ދުވަހު ހަވީރު 4.45 އިން 6 އަށް އަދި ރޭގަނޑު 7.45 އިން 9 އަކަށެވެ. މި ޕްރޮގްރާމްގެ ތަމްރީނުތައް ކުރިއަށްދަނީ ހިތަދޫ ޒުވާނުންގެ މަރުކަޒު ޓީޓީ ހޯލްގައެވެ.