English Edition
Dhivehi Edition
ބެޑްމިންޓަން ތަމްރީން ހޯދުމަށް އައްޑޫސިޓީގެ ދަރިވަރުންތަކެއް މެލޭޝިއާއަށް ފުރުން/ފޮޓޯ އެމް ސްޕޯޓްސް

މެލޭޝިއާގައި ހުންނަ އޭޝިއާ ބެޑްމިންޓަން އެކެޑަމީ ކޮމްޕްލެކްސްގައި އައްޑޫސިޓީގެ 11 ދަރިވަރަކު ތަމްރީންވާން ފަށައިފިއެވެ. މިއީ އައްޑޫސިޓީގައި ބެޑްމިންޓަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެމްސްޕޯޓްސް އާއި ހޮރައިޒަން އެކަޑަމީ ގައި ތަމްރީން ހޯދާ ދަރިވަރުންނަށް އެފަރާތުން ފަހިކޮށްދެއްވި ފުރުސަތެކެވެ. އެގޮތުން އައްޑޫސިޓީގެ 4 ސްކޫލަކަށް ނިސްބަތްވާ ދަރިވަރުން މިތަމްރީންގައި ބައިވެރިވެއެވެ. އެއީ ފޭދޫ ސްކޫލްގެ 4 ދަރިވަރަކާއި ، ހިތަދޫ ސްކޫލްގެ 2 ދަރިވަރުންނާއި ޝަރަފުއްދީން ސްކޫލްގެ 2 ދަރިވަރަކާއި އަދި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސްގެ 3 ދަރިވަރުންނެވެ.

ބެޑްމިންޓަން ތަމްރީން ހޯދުމަށް އައްޑޫސިޓީގެ ދަރިވަރުންތަކެއް މެލޭޝިއާއަށް ފުރުން/ފޮޓޯ އެމް ސްޕޯޓްސް

 

15 އަހަރުގެ ކޯޗިން ތަޖުރިބާއާއެކު އައްޑޫސިޓީގައި ބެޑްމިންޓަން ދަސްކޮށްދެމުން އަންނަ އެމް ސްޕޯޓްސްގެ ފައުންޑަރ މުޙައްމަދު އައްފާން ވެސް ވަނީ މިދަރިވަރުންނާއެކު މެލޭޝިއާއަށް ފުރާފައެވެ. މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އޭއޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ޢައްފާން ވިދާޅުވީ 1 މަސް ދުވަހަށް މެލޭޝިއާގައި ކުރިއަށްދާ މި ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް ބެޑްމިންޓަންގެ ދާއިރާއިން އިތުރު ތަމްރީނާއި ފުރުސަތު ލިބި ދަރިވަރުންގެ ކުޅުމުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

” މި ޕްރޮގްރާމްގައި ރާއްޖޭގެ އިތުރުން ، އިންޑިއާ، ރަޝިޔާ، ޗައިނާ އަދި މެލޭޝިއާގެ ދަރިވަރުން ބައިވެރިވޭ. އެހެންކަމުން މިހާރު ދަރިވަރުންނަށް ލިބިފައިވާ ހުނަރުގެ އިތުރުން އިތުރު ކަންކަން އެކުދިންނަށް ދަސްވުމުގެ ފުރުސަތު ބޮޑު. މިއީ ދަރިވަރުންގެ ހިތްތަކުގައި މިކުޅިވަރަށް ޝައުގު އުފެދި،އަދި މިކުދިންގެ ފަރާތުން އައްޑޫސިޓީއާއި އަދި މުޅި ރާއްޖެއަށްވެސް މިރޮނގުން ކުރިއެރުމާއި ކާމިޔާބީ ހޯދައިދިނުމުގެ ފުރުސަތު ފަހި ވެގެންދާނެކަމެއް. އެމް ސްޕޯޓްސްގެ ފައުންޑަރ މުޙައްމަދު އައްފާން

އެމް ސްޕޯޓްސްއާއި ހޮރައިޒަން އެކަޑަމީގައިވެސް ކޯޗްކަން ކޮށްދެއްވާ ޢައްފާން ވިދާޅުވީ މިއީ އައްޑޫސިޓީގައި ވަޅުޖެހެމުންދާ ބެޑްމިންޓަން ކުޅިވަރު ދިރުވައި އާލާކޮށް މިކުޅިވަރުގެ ތަރައްގީއަށް ކުރާ މަސައްކަތުގެ ތެރެއިން، ދަރިވަރުންނަށް ދެވޭ މަތީފެންވަރުގެ ބައިނަލްއަގުވާމީ ތަމްރީނެއްކަމަށެވެ.

މިއީ އައްޑޫސިޓީގެ ދަރިވަރުންތަކެއް ބެޑްމިންޓަންގައި ރާއްޖޭން ބޭރުގެ ތަމްރީނެއް ހޯދާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވަމުން ޢައްފާން ވިދާޅުވީ މިފަދަ އިތުރު ފުރުސަތުތައް އަދިވެސް އައްޑޫސިޓީގެ ދަރިވަރުންނަށް ފަހިކޮށްދެއްވުމަކީ އެމް ސްޕޯޓްސްއާއި ހޮރައިޒަން އެކަޑަމީގެ އަމާޒް ކަމަށެވެ.

ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މި ޓްރެއިނިންގ ކޭމްޕްގައި ކުދިން ބައިވެރިކޮށްފައިވާ އިރު މި ޕްރޮގްރާމްގެ މެއިން ސްޕޮންސަރަކީ އެފްއެސްއެމް ފިއުލް ސަޕްލައިސް މޯލްޑިވްސް އައްޑޫސިޓީ އެވެ. އޭގެ އިތުރުން، ސްރީ ލަންކަން އެއަރލައިންސް އާއި އޭސް ޓްރެވެލްސް، ލަޝް އައިލް އަދި ފޭދޫ ދޮންދީނި ގާޑިއާގެ އެހީތެރިކަން މި ޕްރޮގްރާމަށް ލިބިފައިވެއެވެ.

ޓްރެއިނިން ކޭމްޕް ނިންމާލުމަށްފަހު މި ދަރިވަރުން އައްޑޫސިޓީއަށް އެނބުރި އަންނާނީ އޯގަސްޓް 4 ވަނަ ދުވަހުއެވެ.